އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގެ މޭޔަރު ޞާދިޤް ޚާން އޭނާގެ މަަގާމު ދިފާއުކުރައްވައިފިއެވެ. އިދިކޮޅު ލޭބަރ ޕާޓީގެ ފަރާތުން ވާދަކުރެއްވި ޞާދިޤް ޚާން ދެވަނަ ދައުރަކަށް ހޮވިވަޑައިގަތީ ވޯޓުގެ %55.2 ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވި ކޮންޒާވެޓިވް ޕާޓީގެ ޝޯން ބެއިލީއަށް ލިބިވަޑައިގަތީ ވޯޓުގެ %44.8 އެވެ.
ޕާކިސްތާނުގެ އާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ އުމުރުފުޅުން 51 އަހަރުގެ ޞާދިޤް ޚާން ހޯއްދެވި ވޯޓުގެ އަދަދަށް ބަލާއިރު އޭނާ ވަނީ 1.2 މިލިއަން ވޯޓު ހޯއްދަވާފައެވެ. އޭނާގެ ވާދަވެރިޔާއަށް ލިބިވަަަަޑައިގަތީ 9 ލައްކަ 77 ހާސް ވޯޓެވެ.
މޭޔަރުކަމުގެ އިންތިޚާބު ބާއްވަން ހަމަޖެހިފައި އޮތީ ފާއިތުވި އަހަރުގައެވެ. އެހެންނަަމަވެސް، ކޮވިޑް-19 ގެ ހާލަތަށް ބަލާފައި އިންތިޚާބު ފަސްކުރީއެވެ.
2016 ވަނަ އަހަރު މޭޔަރުކަމަށް ހޮވިވަޑައިގަތުމުން ޞާދިޤް ޚާން ވެވަޑައިގެންފައި ވަނީ ޔޫރަޕްގެ ބޮޑު ރަށެއްގެ މޭޔަރުކަން ކުރައްވާ ފުރަތަމަ މުސްލިމް ބޭފުޅާއަށެވެ.
"މިންމަތީގައި އޮތް އެންެމެ މަތިވެރިރަށުގެ ވެރިއެއްގެ ގޮތުގައި މަސައްކަތްކުރުމަށް ލަންޑަނުގެ މީހުން އަހަރެންނަށް ކުރި އިތުބާރު އަހަރެން ބަލައިގަންނަނީ ޝުކުރުވެރިކަމާއެކު." އިންތިޚާބު ކާމިޔާބުކުރުއްވުމަށް ފަހު ވާހަކަފުޅުދައްކަވަމުން ޞާދިޤް ޚާން ވިދާޅުވިއެވެ.
"(ކޮވިޑް-19 ގެ) ވަބާގެ އަނދިރި ދުވަސްތަކަށް ފަހު ލަންޑަނަށް ރަނގަޅު، އަލި މުސްތަގުބަލެއް ހޯދައިދިނުމަށާއި، އަދި ލަންޑަނުގައި ދިރިއުޅޭ މީހުންނަށްޓަކައި ފެހިކަން ބޮޑު، ހަމަހަަމަކަން ލިއްބައިދޭ، ރައްކާތެރި ރަށެއް ބިނާކޮށް ދިނުމުގައި އެހީތެރިވާން އަހަރެން ވައުދުވަން." ސިޓީ ހޯލްގައި ހުންނަ މޭަޔަރުގެ އޮފީހުގައި ވާހަކަފުޅުދައްކަވަމުން އޭނާ ވިދާޅުވިއެވެ.
1970 ވަނަ އަހަރު ދެކުނު ލަންޑަނަށް އުފަންވެވަަޑައިގަތް ޞާދިޤް ޚާނަކީ ޕާކިސްތާނުން އިނގިރޭސިވަލާތަށް ހިޖުރަކުރި ސުންނީ މުސްލިމް އާއިލާއެެއްގެ ބޭފުޅެކެވެ. ގާނޫނީ ރޮނގުން ކިޔަވައި ވިދާޅުވުމަށް ފަހު އޭނާ ފުރުތަަމަ މަސައްކަތްކުރެއްވީ ގާނޫނީ ވަކީލެެއްގެ ގޮތުގައެވެ. އިނގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެ، ހަައުސް އޮފް ކޮމަންސްގެ އިންތިޚާބުގައި ލޭބަރ ޕާޓީގެ ފާތުން ޓޫޓިންގ ދާއިރާއަށް ވާދަކުރައްވައި އެދާއިރާގެ ގޮނޑި އޭނާ ފުރަތަމަ ކާމިޔާބުކުރެއްވީ 2005 ވަނަ އަަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ ތިން ދައުރުގައި އެ ގޮނޑި ފުރުއްވާފައެވެ. 2016 ވަނަ ހައުސް އޮފް ކޮމަންސް އިން އިސްތިއުފާ ދެއްވުމަށް ފަހު، ލަންޑަންގެ މޭޔަރުގެ އިންތިޚާބުގައި ވާދަކުރައްވައި އޭނާ ހޮވިވަޑައިގަތީ %57 ވޯޓާއެކުގައެވެ.
އިދިކޮޅު ލޭބާ ޕާޓީ ވަނީ މިފަހަރުގެ އިންތިޚާބުގައި ލަންޑަނުގެ މޭޔަރުކަމުގެ އިތުރަށް މެންޗެސްޓާގެ މޭޔަރުކަންވެސް ކާމިޔާބުކޮށްފައެވެ. އެރަށުގެ މޭޔަރުކަން ކާމިޔާބުކުރެއްވީ މިހާރުވެސް އެމަގާމުގައި ހުންނެވި އެންޑީ ބާންހަމްއެވެ.