ޤައުމުގެ އިޤްތިޞާދުގައި ދިރުމެއް ނެތީވިއްޔާ، އެ ޤައުމެއްގެ މިނިވަންކަމަށް އަބަދުވެސް ދާނީ ނުރައްކާތައް ކުރިމަތިވަމުން: ރައީސް ޞާލިޙް

ޤައުމުގެ އިޤްތިޞާދުގައި ދިރުމެއް ނެތީވިއްޔާ، އެ ޤައުމެއްގެ މިނިވަންކަމަށް އަބަދުވެސް ދާނީ ނުރައްކާތައް ކުރިމަތިވަމުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ރާއްޖޭގެ 56 ވަނަ މިނިވަންދަހުގެ މުނާސަބަތުގައި ދިވެހި ޤައުމާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ޤައުމެއްގެ މިނިވަންކަމަށް ނުރަނގަޅު ނުފޫޒުތައް ފޯރުމުގައި، އެންމެ އިސް ދައުރެއް އަދާކުރާ އެއްކަމަކީ، އިޤްތިޞާދަށް ކުރިމަތިވާ ހީނަރުކަންކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އިޤްތިޞާދު މިހާރުވެސް ބިނާވެފައި އޮތީ، ދިވެހިންގެ އަމިއްލަ ވިސްނުމުގެ މައްޗަށް ދިވެހިން ތަރައްޤީކުރި ތަރައްޤީކޮށް، ދުނިޔޭގެ މަޤްބޫލުކަން ހޯދާފައިވާ ދެ ޞިނާޢަތުގެ މައްޗަށް ކަމަށް ރައީޞް ޞާލިޙް ފާހަގަ ކުރެއްވިއެވެ. އެއީ ދިވެހިންގެ ދޮށީގެ މަސްވެރިކަމާއި މުޅި ދުނިޔެއިންވެސް ފާހަގަކޮށްލެވޭ، ދިވެހިންގެ އަމިއްލަ އުފެއްދުމެއްކަމަށްވާ  ރާއްޖޭގެ ފަތުރުވެރިކަމުގެ މައްޗަށް ކަމަށް ރައީސުލް ޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

"މިއީ އަޅުގަނޑުމެންގެ އިޤްތިޞާދީ ޙަރަކާތްތައް ސިންދަފާތު ކުރުމަށް އަމާޒު ހިފަންވީ ވަގުތު. އިޤްތިޞާދީ ޙަރަކާތްތަކުގައި ޒުވާނުންނާއި އަންހެނުންގެ ބައިވެރިވުން އިތުރުކުރަންވީ ވަގުތު. ރާއްޖޭގެ އެއްގަމާއި ކަނޑުގައިވާ، ޤުދުރަތީ ވަސީލަތްތަކުގެ ނަފާ އިތުރުކުރުމުގެ މަސައްކަތް ފަށަންވީ ވަގުތު." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ސަބަބުން ބަންދުކުރިތާ ތިން މަހަށްފަހު، ރާއްޖޭގެ ބޯޑަރުތައް ހުޅުވައިލެވިފައިވީ ނަމަވެސް އިޤްތިޞާދީ ގޮތުން އަދި އޮތީ ދަތި އުނދަގޫ ދުވަސްތަކެއްކަމަށް ރައީސް ޞާލިޙް ފާހަގަ ކުރެއްވިއެވެ.  ނަމަވެސް މިއަހަރުގެ ފަހުކޮޅަށްދާއިރު ފަތުރުވެރިކަން ރަނގަޅުވެ، އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އައުމަކީ ކުރައްވާ އުއްމީދެއްކަމަށް ވިދާޅުވިއެވެ.

"ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި ޤައުމެއްކަމުގެ އިތުބާރާއި ޔަޤީންކަން، ބޭރު ދުނިޔެއަށް ލިބިގެން ނޫނީ، އަޅުގަނޑުމެންގެ މި އުންމީދު ޙާޞިލެއް ނުވާނެ. އެ އިތުބާރު ލިބޭނީ، ޑޮކްޓަރުންގެ އިރުޝާދުތަކަށް ޢަމަލުކޮށް، ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް، އެންމެން އެކުގައި މަސައްކަތްކޮށްގެން." ރައީސް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހިޔަނި ނޭޅޭ އެންމެ ޢާއިލާއެއް ރާއްޖޭގައިވެސް ނެތް ރައީސް ގެ ވާހަކަ ފުޅުގައި ފާހަގަ ކުރެއްވިއެވެ. މިއީ ބަލިމަޑުކަމެއް ކަމަށްވިޔަސް، މިބަލީގެ ޖަރާސީމު ޙަމަލާ ދެނީ ހަމައެކަނި އިންސާނުންގެ ހަށިގަނޑަކަށް ނޫންކަން ފާހަގަ ކުރެއްވިއެވެ.

"ކޯވިޑް-19 ގާދޫކޮލުން އެތެރެވެ، އަޅުގަނޑުމެންގެ ވައިގެ ބަނދަރުތައް ބަންދުކުރަން މަޖުބޫރުކުރުވި. އަޅުގަނޑުމެންގެ ޢާންމު ދިރިއުޅުމުގެ އާދަތައް މުޅިން ބަދަލުކޮށްފި. ދަރިންނަށް ކިޔަވައިދިނުމަށް ހުރަސް އެޅިއްޖެ. ވިޔަފާރިތައް ބަނގުރޫޓުކޮށް، ދަތުރުފަތުރާއި ފަތުރުވެރިކަން ހުއްޓުމަކަށް ގެނެސްފި. އިމްޕޯޓް އެކްސްޕޯޓަށް ބުރޫއަރުވައި، ރާއްޖޭގެ މުޅި އިޤްތިޞާދު ކަރުތާފެނަށް ގަންބާލައިފި." ރައީސް ޞާލިޙް ވިދާޅުވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.