އިންޑިޔާގެ ސްޓޭޓްތަކުގެ އިންތިޚާބު: ވެސްޓް ބެންގޯލް، ޓެމިލްނާޑޫ އަދި ކެރެލާގައި ބީޖޭޕީއަށް ނާކާމިޔާބު

އާސާމް ސްޓޭޓުގައި ވޯޓު ގުނަނީ

އިންޑިޔާގެ ތިން ސްޓޭޓެއްގެ ގާނޫނުހަދާ މަޖިލީހަށް މެންބަރުން ހޮވަން ބޭއްވި އާއްމު އިންތިޚާބުގެ ނަތީޖާ މިރޭ އިއުލާންކުރިއިރު، އިންތިޚާބު ބޭއްވު މުހިއްމު ތިން ސްޓޭޓު ކަމުގައިވާ ވެސްޓް ބެންގޯލް، ޓެމިލްނާޑޫ އަދި ކެރެލާގައި މިހާރު އިންޑިޔާގެ މައި ސަރުކާރުން ހިންގާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެއެވެ.

ބީޖޭޕީން އެންމެ ފޯރިއާއެކު ކެެންޕޭން ކޮށް، ކާމިޔާބުކުރެވޭނެކަމަށް އެންމެ އުއްމީދުރި ވެސްޓް ބެންގޯލްގައި އެޕާޓީއަށް ކުރިއެރުންތަކެއް ހޯދުނު ނަމަވެސް އަޣުލަބިއްޔަތާ ގާތަށްވެސް ގޮނޑި ނުހޯދުނެވެ. އިލެކްޝަންސް ކޮމިޝަން އޮފް އިންޑިޔާއިން އިއުލާންކުރި ނަތީޖާތަކަށް ބަލާއިރު، މިހާރުވެސް އެ ސްޓޭޓުގެ ޗީފް މިިނިސްޓަރު މަމަތާ ބެނަރްޖީގެ ޓްރިނަމޫލް ކޮންގްރެސް ޕާޓީ (ޓީއެމްސީ) އިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. އެޕާޓީ ވަނީ ސްޓޭޓުގެ ގާނޫނުހަދާ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތާއެކު ވެރިކަން ދިފާއުކޮށްފައެވެ.

ގާނޫނުހަދާ މަޖިލީހުގެ މިހާތަނަށް ނަތީޖާ އިއުލާންކުރި 294 ގޮނޑީގެ ތެރޭން ޓީއެމްސީ ވަނީ 215 ގޮނޑި ކާމިޔާބުކޮށްފައެވެ. ބީޖޭޕީއަށް ލިބުނީ 75 ގޮނޑިއެެވެ.

ދެކުނު އިންޑިޔާގެ އެންމެ މުހިއްމު އެއް ސްޓޭޓްކަމުގައިވާ ޓެމިލްނާޑޫގެ އިންތިޚާބު މިހާރު ވެރިކަންކުރާ، އަދި ބީޖޭޕީއާއެކު އިއްތިހާދު ހަދާފައިވާ، އޯލް އިންޑިޔާ އަންނާ ޑްރަވިޑާ މުނެތުރާ ކަޅަގަމް (އޭއައިއޭޑީއެމްކޭ) ޕާޓީއަށް ވެރިކަންގެއްލި، އިދިކޮޅު މައި ޕާޓީ އަދި ކޮންގްރެސްއާކު އިއްތިހާދު ހަދާފައިވާ ޑްރަވިޑާ މުނެތުރާ ކަޅަގަމް (ޑީއެމްކޭ) ޕާޓީ ވަނީ އެ ސްޓޭޓްގެ ވެރިކަމަށް އައިސްފައެވެ. މިއާއެކު ވެރިކަމަށް އައުމަށް ފާއިތުވި 10 އަހަރު އެ ޕާޓީ ދެކެމުން އައި ހުވަފެން ހަގީގަތަކަށްވެ ޕާޓީގެ ލީޑަރު މުތުވެލް ކަރުނަނިދީ ސްޓާލިން (އެމްކޭ ސްޓާލިން) އަށް ޗީފް މިނިސްޓަރުކަން ލިބޭނެކަން ކަށަވަރުވީއެވެ.

އިލެކްޝަންސް ކޮމިޝަން އޮފް އިންޑިޔާގެ ނަތީޖާތަކުން ދައްކާ ގޮތުގައި ޑީއެމްކޭއިން ވަނީ ސްޓޭޓުގެ ގާނޫނުހަދާ މަޖިލީހުގެ 160 ގަޮނޑި ކާމިޔާބުކޮށްފައެެވެ. މިހާރު ވެރިކަންކުރާ އޭއައިއޭޑީއެމްކޭއަށް ލިބުނީ 74 ގޮނޑިއެެވެ.

ދެކުނުގެ ސްޓޭޓެއް ކަމުގައިވާ ކެރެލާގައި ވެސް މިހާރުގެ ޗީފް މިނިސްޓަރު ޕިނަރާޔީ ވިޖަޔަންގެ ލެފްޓް ޑިމޮކްރެޓިކް ފްރަންޓް (އެލްޑީއެފް) ވަނީ އެ ސްޓޭޓްގެ ގާނޫނުހަދާ މަޖިލީހުގެ 140 ގޮނޑީގެ ތެރޭން 99 ގޮނޑި ކާމިޔާބުކޮށްފައެވެ. ކޮންގްރެސް ޕާޓީ އިސްވެ އޮވެ އެކުލަވާލާފައިވާ ޔުނައިޓެޑް ޑިމޮކްރެޓިކް ފްރަންޓް (ޔޫޑީއެފް) އިން 41 ގޮނޑި ކާމިޔާބުކޮށްފައި ވާއިރު، ބީޖޭޕީގެ އިއްތިހާދަށް އެންމެ ގޮނޑިއެއްވެސް ނުލިބެއެެވެ.

އިންތިޚާބު ބޭއްވި ސްޓޭޓުތަކުގެ ތެރޭން ބީޖޭޕީއަށް ކާމިޔާބުކުުރެވުނީ އާސާމް އެކަންޏެވެ. އެ ސްޓޭޓުގެ ގާނޫނުހަދާ މަޖިލީހުގެ 75 ގޮނޑި ބީޖޭޕީއަށް ލިބުުނުއިރު، އިދިިކޮޅު ކޮންގްރެސް ޕާޓީން ވަނީ 51 ގޮނޑި ކާމިޔާބުކޮށްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.