އިންޑިޔާގެ އުތުރުގެ ސްޓޭޓެއް ކަމުގައިވާ ހަރްޔާނާއާއި، ދެވަނައަށް އެންމެ ބޮޑ ސްޓޭޓް މަހާރާޝްޓްރާގެ ގާނޫނުހަދާ މަޖިލީހަށް މެންބަރުން ހޮވަން ލީ ވޯޓު ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ފަސޭހަކަމާއެކު ކާމިޔާބުކޮށްފިއެވެ.
ރަސްމީ ނަތީޖާ އަދި އިއުލާންކޮށްފައި ނުވިނަމަވެސް، ވޯޓުލާފައި ނުކުންނަ މީހުންނާ ސުވާލުކޮށްގެން ނަގާ އެކްޒޓް ޕޯލްތަކުން ދައްކާގޮތުގައި ބީޖޭޕީން މިހާރުވެސް ވެރިކަންކުރާ ދެ ސްޓޭޓުގެ ގާނޫނުހަދާ މަޖިލީހުގައި ބީޖޭޕީން ކުރިއަށްވުރެ ބޮޑު އަޣުލަބިއްޔަތެއް ހޯދާނެއެވެ.
ހަރްޔާނާގެ އެގްޒިޓް ޕޯލްތަކުން ބީޖޭޕިއަށް 71 އާ 85 އާ ދެމެދުގެ އަދަދަކަށް ގޮނޑި ލިބޭނެކަމަށް ދައްކާއިރު، އިދިކޮޅު ކޮންގްރެސް ޕާޓީއަށް ގޮނޑި ލިބޭނެކަމަށް ދައްކަނީ 9 އާ 12 އާ ދެމެދުގެ އަދަދަކެށެވެ. މި ފަހަރުގެ ކެމްޕޭނުގައި ބީޖޭޕީން ބޭނުންކުރި ސްލޯގަންއަކީ 'އަބްކީ ބާރް 75 ޕާރް' (މިފަހަރު 75 ހުރަސްކުރާނަން) އެވެ. މާނައަކީ މިފަހަރު 75 ގޮނޑިއަށް ވުރެ ގިނައިން ކާމިޔާބުކުރާނަމެވެ.
އިންޑިޔާގެ ވިޔަފާރީގެ މަރުކަޒު މުންބާއީ އެ ސްޓޭޓެއްގެ ވެރިރަށުގެ ގޮތުގައި އޮންނަ މަހާރާޝްޓްރާއަކީ ބީޖޭޕީގެ ކޯލިޝަން ބައިވެރިޔާ ޝިވްސޭނާގެ މަރުކަޒެވެ. އެ ސްޓޭޓްގައި ބީޖޭޕީއާއި ޝިވްސޭނާ ވާދަކުރީ ކޯލިޝަނެއްގެ ގޮތުގައެވެ. ބީޖޭޕީ-ޝިވްސޭނާ ކޯލިޝަނަށް މަހާރާޝްޓްރާއި 197 އާ 243 އާ ދެމެދުގެ އަދަދަކަށް ގޮނޑި ކާމިޔާބުކުރެވޭނެކަމަށް ދައްކާއިރު، އިދިކޮޅު ކޮންގްރެސް ޕާޓިއަށް ގޮނޑި ލިބެނީ 48 އާ 90 އާ ދެމެދުގެ އަދަދަކަށެވެ.
2014 ގެ އިންތިޚާބުގައި ހަރްޔާނާގައި ބީޖޭޕީއަށް 47 ގޮނޑި ލިބުނު އިރު، ކޮންގްރެސްއިން ވަނީ 15 ގޮނޑި ކާމިޔާބުކޮށްފައެވެ. އަދި މަހާރާޝްޓްރާގައި ބީޖޭޕީ-ޝިވްސޭނާ ކޯލިޝަނުން 183 ގޮނޑި ކާމިޔާބުކުރި އިރު ކޮންގްރެސް-އެންސީޕީ ކޯލިޝަނަށް ވަނީ 83 ގޮނިޑި ލިބިފައެވެ.
މިއަދު އިރުއޮއްސި 6 ޖެހިއިރު ވޯޓު ފޮށިތައް ބަންދުކުރުމާ ހަމައަށް ހަރްޔާނާގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 62% ވޯޓުލާފައި ވާއިރު، މަހާރާޝްޓްރާގައި ވޯޓުލާފައި ވަނީ %55 އެވެ.
މި އިންތިޚާބުގެ ރަސްމީ ވޯޓުގުނުން އޮންނާނީ މި މަހުގެ 24 ވާ ބުރާސްފަތި ދުވަހުއެވެ.