ރޯދަމަޖާ: ކުރުނަން

ނަން ކިޔުމަކީ އެކި ޒަމާނުގައި އެކި ގޮތަށް އޮންނަ ކަމެކެވެ. މިހާރަކަށް އައިސް ދިގު ނަން ކިޔުން ވަނީ ވަރަށް ބޮޑަށް ޢާއްމު ވެފައެވެ. މީގެ ވިއްސަކަށް އަހަރު ކުރިއަށް ބަލާ އިރު ކިޔައިފައި ހުއްޓާ ގިނައިން ފެންނަނީ ދެ ނަމެވެ. މިސާލަކަށް އަޙްމަދު ރަޝީދު ކަހަލަ ނަންނަމެވެ. އޭގެ ކުރީން ކިޔައި އުޅުނީ އެންމެ ނަމެކެވެ. އަޙްމަދު، ޙަސަނު ފަދަ ނަންނަމެވެ. މިހާރު މަދު ވެގެން ތިން ނަން ނެތިއެއް ކަމަކު ނުދެއެވެ. ބައެއް މީސް މީހުން ހަތަރުފަސް ނަންވެސް ކިޔައެވެ.

މިހައި ދިގު ނަން ކިޔާ ޒަމާނެއްގައި ޙައިރާންވާ ކަހަލަ ކަމެއްވެސް އެބަ ކުރެއެވެ. އެއީ ދިގު ނަން ކުރުކޮށް ކިއުމެވެ. ރަސްމީ ނަން އޮންނާން ޖެހެނީ ދިގު ކޮށެވެ. އެކަމަކު ކިޔާން ޖެހެނީ ވަރަށް ކުރު ނަމެކެވެ. ނަން ކުރު ކުރުމަކީ އެހައި އުނދަގޫ ކަމެއް ނޫނެވެ. ފަރީދާ، ފަރީ އަށް ހަދައިލަނީއެވެ. ކެނޑިގެން މި ދަނީ އެންމެ އަކުރެކެވެ. އެހެންނަމަވެސް ކުރު ވެއްޖެއެއް ނޫންތޯއެވެ؟ ބައެއް ނަންނަން ކިޔާ ގޮތް ކަމު ނުގޮސްގެން އެހެން ނަމަކަށް ބަދަލު ކޮށްގެން ކިޔާފައިވެސް އެބަ ހުރެއެވެ. ކާއްޓޭ، ނާއްޓޭ، ބައްޓޭ މިހެން ގޮސް މިކަހަލަ ނަންތައް ވަރަށް ގިނައެވެ.

އެއް ދުވަހަކު ވަރަށް ދިގު ނަމެއްކިޔާ މީހަކާ ބައްދަލު ކުރާން އިބްރާހީމަށް ޖެހިއްޖެއެވެ. އެ މީހާގެ ނަން އަހައިލީމާ ބުންޏެވެ.

“އަޅުގަނޑުގެ ނަމަކީ ނޫރައްދީން ޤުޠުބުއްދީން ޙައިދަރެވެ."

އެ ނަން ކިޔާންވެސް އިބްރާހީމަށް އުނދަގޫ ވިއެވެ. އޭނާޔާ ވަރަށް ގިނައިން ބައްދަލު ކުރާން ޖެހޭނޭކަން އެނގިގެން އެ ނަން ނޫން އެހެން ނަމަކުން ގޮވިޔަސް އެންމެ ރަނގަޅުތޯ އޮޅުން ފިލުވައި ލުމުގެ ގޮތުން ވާހަކަ ދައްކައިލިއެވެ.

“ތިޔަ ނަން ތަންކޮޅެއް ކުރު ކޮށްލާފައި ނޫރައްދީން ޤުޠުބުއްދީން ކިޔަސް އެންމެ ރަނގަޅު ހެއްޔެވެ؟"

އޭނާ ބުންޏެވެ. "އެންމެ ރަނގަޅެވެ. މި ޒަމާނަކީ ނަން ކިޔާ ގޮތަކުން މީހަކު ހިތްބުރަ ކުރާނޭ ޒަމާނެއް ނޫނެވެ. އެހެންވީމާ ކޮންމެ ނަމެއް ކިޔުއްވިޔަސް އެންމެ ރަނގަޅެވެ."

އިރުކޮޅަކު ވިސްނައިލުމަށް ފަހު އިބްރާހީމްގެ ހިތަށް އެރިއެވެ. މި ވަރުވެސް އަދި ދިގެވެ. "ހަމައެކަނި ނޫރައްދީނޭ ކިއްޔާ ކިހިނެއް ވާނެ ހެއްޔެވެ؟"

އޭނާ ބޯ ޖަހައިލާފައި ބުންޏެވެ. "ރަނގަޅު ވާނެއެވެ."

އިރުކޮޅަކު ވާހަކަ ދައްކައިލުމަށް ފަހު އެ ވަރުވެސް މާ ދިގު ކަމަށް ފެނިގެން އިބްރާހީމް ބުނެލިއެވެ. "ނޫރައްދީނޭ ކިޔަންވެސް އެހައި ފަސޭހައެއް ނޫނެވެ. އެހެންވީމާ އަހަރެން ކިޔާނީ ނޫރެވެ. އޭރުން މާ ރީތިވެސް ވާނެއެވެ. އެންމެ ރަނގަޅެއް ނޫން ހެއްޔެވެ؟"

އޭނާ ބުންޏެވެ. "އެންމެ ރަނގަޅެވެ."

ވާހަކަ ދައްކާން ވަރަށް ގިނަ އިރު ހުރެފައި ދަމުން އޭނާ ބުންޏެވެ. "ނަންގަންނަންތޯއެވެ؟ އަޅުގަނޑުގެ ނަމަކީ އާދަޔާ ޚިލާފަށް ދިގު ނަމެކެވެ. މިހާރު ތިޔަ އޮތީ ކުރު ކުރައްވައިފައެވެ. އެއީ ފަސޭހަ ކުރައްވާން ވެގެންނެވެ. އަޅުގަނޑަށް ފެންނަނީ ނޫރުވެސް މާ ދިގު ކަމަށެވެ. އެހެންވީމާ އަޅުގަނޑަށް ނޫ އޭ ކިޔުއްވާށެވެ. މާ ފަސޭހަ ވާނެއެވެ!"

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.