ޕާކިސްތާނު ހުޅަނގު ދެކުނުގައި އޮންނަ ޕްރޮވިންސް، ބަލޯޗިސްތާނުގެ ވެރިރަށް ކުއެޓާގެ ލަގްޒަރީ ހޮޓަލެއްގައި ބާރުގަަދަ އެއްޗެއް ގޮވުމުގެ ސަބަބުން 4 މީހުން މަރުވެ 12 މީހުން ޒަޚަމްވެއްޖެއެވެ.
ކުއެޓާގެ ސެރީނާ ހޮޓަލުގެ ކާރު ޕާކުކުރާ ސަރަހައްދުގައި އެއްޗެއް ގޮވީ ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ ޗައިނާގެ ސަފީރު އެ ހޮަޓަލުގައި ހުންނަވަނިކޮށެވެ.
ކުއެޓާގެ ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް އަޒްހަރް އިކްރާމް ވިދާޅުވީ، އިބްތިދާއީ ތަހުގީގުން އެނގޭ ގޮތުގައި ގޮވާފައި ވަނީ ކާރެއްގައި ހަރުުކޮށްފައިވާ ބޮމެއް ކަމުގައެވެ.
ޕާކިސްތާނުގެ ދާޚިލީ ވަޒީރު ޝޭޚް ރަޝީދު އަޙްމަދު ޕާކިސްތާނުގެ ޚަބަރު ޗެނަލަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވާ ގޮތުގަައި، ސެރީނާ ހޮޓަލުގެ ކާރު ޕާކު ސަރަހައްދުގައި ގޮވީ ގޮވާތަކެތި ބަރުކޮށްފައިވާ ކާރެކެވެ. އަދި ޗައިނާ ސަފީރު އެ ހޮޓަލުގައި ހުންނެވި ނަމަވެސް، ކާރު ގޮވި ވަގުތު އޭނާ އެތަނުގައި ވަަޑައިގެން ނެތެވެ.
ޕާކިސްތާނުގެ ޠާލިބާން ޖަމާއަތް، ތަޙްރީކެ ޠާލިބާން ޕާކިސްތާން (ޓީޓީޕީ) އިން ވަނީ މި ގޮވުމުގެ ޒިންމާ އުފުލާފައެވެ.
ޓީޓީޕީގެ ފަަރާތުން ރޮއިޓާސް ނިއުސް އެޖެންސީއަށް ފޮނުވި މެސެޖެއްގައި ވާގޮތުން، "އެ ގޮވުމަކީ ޖާނުން ފިދާވެގެން ދީފައިވާ ހަމަލާއެކެވެ. އެ ހަމަލާ ދީފައިވަނީ ޖާނުން ފިދާވި މީހަކު ގޮވާތަކެތި ބަރާކޮށްފައިވާ ކާރެއް ހޮޓަލަށް ވައްދައިގެންނެވެ."
މި ހަމަލާއަކީ ޕާކިސްތާނުގައި ހުންނަވާ ޗައިނާ ސަފީރަށް އަމާޒުކޮށް ދީފައިވާ ހަމަލާއެއްތޯ ނޫސްވެރިއަކު ސުވާލު ދެންނެެވުމުން ބަލޯޗިސްތާން ޕްރޮވިންސުގެ ހޯމް މިނިސްޓަރު ޒިޔާއުﷲ ލަންގޯވް ވިދާޅުވީ، ބޮން ގޮވި ވަގުތު ސަފީރު ހޮޓަލުގައި ނުއުޅުއްވާ ކަމަށާ، އޭނާ ސަފީރަށް ގުޅުއްވި އިރު ސަފީރު ހުންނެވީ ވަރަށް ހަމަޖެހިވަޑައިގެން ކަމަށެވެ.
ކޮއެޓާގައި ހުރި ހަމައެކަނީ ލަކްޒަރީ ހޮޓެލް، ސަރީނާ ހޮޓެލް ހުންނަ ސަރަހައްދުގައި އީރާނުގެ ކޮންސިއުލޭޓެއް ހުރެއެވެ. އަދި ބަލޯޗިސްތާނު ޕްރޮވިންސުގެ ގަވަރުނަރުގެ ގެކޮޅުވެސް ހުންނަނީ އެ ސަރަހައްދުގައެވެ.
ބަލޯޗިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިން މީގެ ކުރިން ވަނީ އެ ޕްރޮވިންސުގައި ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން ހިންގާ މަޝްރޫއުތަކަށްވެސް ހަމަލާދީފައެވެ.