ޕާކިސްތާނުގައި ދިން ދެ ހަމަލާއެއްގައި ސިފައިންގެ 13 މީހުންނާއި، ޕްރައިވެޓް ގާޑުންގެ 7 މީހުން މަރާލައިފި

ޕާކިސްތާނުގެ ބަލޫޗިސްތާނު ޕްރޮވިންސުގެ ގުވާދާރް ޑިސްޓްރިކްޓާއި، އުތުރު ވަޒީރިސްތާނު ޑިސްޓްރިކްޓްގައި ދިން ދެ ހަމަލާއެއްގައި ސިފައިންގެ 13 މީހުންނާއި، ޕްރައިވެޓް ގާޑުންގެ 7 މީހުން މަރާލައިފިއެވެ.

ފުރަތަމަ ހަމަލާ ދީފައިވަނީ ކަރާޗީން ގްވަދާރަށް ދިޔަ އޮއިލް އެންޑް ގޭސް ޑިވެލޮޕްމަންޓް ކޮމްޕެނީ ލިމިޓެޑް (އޯގީޑީސީއެލް) ގެ އުޅަނދުތަކަކަށެވެ. ސިފައިންގެ އިންޓަރ ސާވިސަސް ޕަބްލިކް ރިލޭޝަންސް (އައިއެސްޕީއާރް) އިން މައުލޫމާތުދިން ގޮތުގައި "ގިނަ ޓެރަރިސްޓުންތަކެެއް ވެގެން" ބަޑިން ދިން މި ހަމަލާގައި ބަލޫޗިސްތާނުގެ ފްރަންޓިއާ ކޯޕްސް ސިފައިންގެ 7 މީހުންނާއި، ޕްރައިވެޓް ގާޑުންެގެ 7 މީހުން މަރުވެފައި ވެއެވެ.

ދެވަނަ ހަމަލާ ދީފައި ވަނީ އުތުރު ވަޒީރިސްތާނުގެ ރަމްޒަކްގައެވެ. އައިއީޑީ (އިމްޕްރޮވައިޒްޑް އެކްސްޕްލޯޒިވް ޑިވައިސް) ބޭނުންކޮށްގެން ދިން މި ހަމަލާގައި ސިފައިން އޮފިސަރަކާއި އިތުރު 5 މީހުން މަރުވެފައި ވެއެވެ.

ބަލޯޗިސްތާން ޕްރޮވިންސުގެ ހޯމް މިނިސްޓަރު ޒިޔާ ލަންގޯވް މައުލޫމާތުދެއްވި ގޮތުގައި، ގުވާދާރުގެ ހުޅަނގުުން 250 ކިލޯމީޓަރު ދުރުގައި އޮންނަ އޮރްމާރާ އަަވަށުގައި ދިން ހަމަލާގައި ޖުމްލަ 15 މީހުން މަރުވެފައި ވެއެވެ. އޭނާ ވިދާޅުވި ގޮތުގައި އުޅަނދުތަކުގެ ގާފިލާއަށް "ރޮކްޓް ލޯންޗަރާއި، ބަރު ހަަތިޔާރު" ބޭނުންކޮށްގެން ހަމަލާ ދީފައި ވަނީ ހަތް ހަނގުރާމަވެރިންނެވެ. އަދި އެމީހުން ވަނީ ހަމަލާއަށް ފަހު އެ ސަރަހައްދުން ފިލާފައެވެ.

ލަންގޯވް އިތުރަށް މައުލޫމާތުދެއްވި ގޮތުގައި އުޅަނދުތަކުގައި ތިބީ އޯގީޑީސީއެލްގެ މުވައްޒަފުންނެވެ. އެ މީހުންގެ ތެރެއިން ބައެެއް މީހުންނަށް އަނިޔާވިކަން އޭނާ ކަަށަވަރުކޮށްދެއްވި ނަމަވެސް އޭގެ އިތުރު ތަފްސީލެއް ނުދެއްވައެވެ.

ބަލޫޗިސްތާނުގެ ގްވާދާރް ބަނދަަރަކީ ޗައިނާގެ 'ބެލްޓް އެންޑް ރޯޑް އިނިިޝިއޭޓިވް' ގައި ހިމެނޭ ޗައިނާ-ޕާކިސްތާން އެކޮނޮމިކް ކޮރިޑޯރ ނިމޭ ބަނދަރެެވެ. އެހެންކަމުން، ގްވާދާރް ޑިސްްޓްރިކްޓްގައި އަމަންއަމާންކަން ގާއިމުވެފައި އޮތުމަކީ ޕާކިސްތާނަށް ވަރަށް މުހިއްމު ކަމެކެވެ.

އެހެންްނަަމަވެސް، ޓެރަރިސްޓުން ދަނީ ދޭތެރެ ދޭތެރެއިން އެ ސަރަހައްދުގައި ހަމަލާތައް ދެމުންނެެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.