ރޯދަމަޖާ: ސިގިރޭޓުފޮށީގެ އަޖަލު

Close-up Of Person's Hand Lying Carpet Using Carpenter Tools

ރޯދަ އަށް ތައްޔާރު ވުމުގެ ގޮތުން އެކި ތަންތާނގައި އެކި ކަހަލަ ކަންތައް ކޮށް އުޅެއެވެ. ރާއްޖެތެރޭގައި ކޮށް އުޅޭ ކަންތައްތަކުގެ ތެރޭގައި ގޭތެރެ ފޮޅައި ސާފު ކުރުމާއި، ގޯތި ތެރެއަށް ވެލިލުން ފަދަ ކަންތައް ހިމެނެއެވެ. އަދި ބައެއް ރަށްރަށުގައި ގޭގެ އެންމެން ޝަޢުބާން މަހުގެ އޮނަތިރީސް ވަނަ ދުވަހު މޫދަށް ދިއުން އޮވެއެވެ. އެއަށް ކިޔަނީ ރޯދައަށް ފެންވެރުމެވެ. މިއީ މިހާރުވެސް ބައެއް ރަށް ރަށުގައި އޮންނަ ކަމެކެވެ.

މިހާރަކަށް އައިސް ހުރިހައި ކަމެއްވެސް ގޮސް ފައިސާއާ ގުޅޭ ގޮތަށް ރޯދަމަހަށް ތައްޔާރުވާ ތައްޔާރުވުންވެސް ގޮސް ފައިސާޔާ ގުޅިއްޖެއެވެ. ބާޒާރު ކުރުމަކީ މިހާރު ޢާއްމު ކަމަކަށް ވަނީ ވެފައެވެ. ރޯދައަށް ތަކެތި އައު ކުރުމާއި، ބައެއް ކަހަލަ ކާ އެއްޗެހި ގަނޑުކޮށް ގަނެފައި ބެހެއްޓުން ފަދަ ކަންތައްތައް ވަނީ އާއްމު ވެފައެވެ.

ގޭތެރެ ޒީނަތްތެރި ކުރުމަކީވެސް މިހާރު އަގު ބޮޑު ކަމެކެވެ.

އަޙްމަދު ޝަރީފަކީ އާދައިގެ މުސާރައެއް ލިބިގެން އުޅޭ މީހެކެވެ. އޭނާގެ ދެ ދަރިން ތިބެއެވެ. ދަރިންނަކީ އަދި މަސައްކަތްކުރާ ވަރުގެ ބޮޑެތި ކުދިންނެއް ނޫނެވެ. އެހެންވީމާ ގޭތެރޭގެ ހުރިހައި ޚަރަދެއް ކުރަން ޖެހެނީ ހަމަ އެކަނި އޭނާ އަށް ލިބޭ އާމްދަނީންނެވެ.

މި ފަހަރުގެ ރޯދަމަސް ކައިރި ވެގެން އައި އިރު އަންހެނުން ދައްކާން ފެށި ވާހަކަ އަކީ ގޭގެ ބޮޑުކޮޓަރީގައި ދޫލަ އެޅުމުގެ ވާހަކައެވެ. އެކަމުން ސަލާމަތްވާން ވެގެން އަޙްމަދު ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. އެއީ މި ޒަމާނުގެ ގޮތެއް ނޫނޭ، މި ޒަމާނަކީ ތަށިމުށީގެ ޒަމާނޭ ބުންޏެވެ. އެކަމަކު އަންހެނުން އެ ވާހަކައެއް ގަބޫލެއް ނުކުރިއެވެ. އަންހެނުން ގަބޫލު ނުކުރާ ވާހަކައެއް ވާން ޖެހޭނީ ކަމުނުދާ ވާހަކައަކަށްކަން އަޙްމަދަށް އޮތީ ތަޖުރިބާ އިން އެނގިފައެވެ. އެހެންވީމާ ކުރާނޭ ކަމެއް ނެތިގެން ބޮޑުކޮޓަރީގައި ދޫލަ އަޅައިދޭން އެއްބަސް ވެއްޖެއެވެ.

ދޫލަ އަޅާން އައީ އަޙްމަދުގެ އޮފީހުގައި މަސައްކަތް ކުރާ ދެތިން ކުއްޖެކެވެ. އެއީ މާ ބޮޑު ކަމަކަށް ނުވާތީ ބަޔަކަށް ބޮޑު އަގެއް ދީފައި ދޫލަ އަޅުވަން އަޙްމަދު ބޭނުން ނުވީއެވެ.

ދޫލަ އަޅައި ނިމިގެން ބަލައިލީ އިރު ކޮޓަރީގެ މެދުން ތަންކޮޅެއް ފުއްޕާފައި އެބަ ހުއްޓެވެ. އެ ތަނުން އެއް ކުއްޖަކު އެ ތާނގައި ފައި ޖައްސާލި އެވެ. ދޫލައިގެ ދަށުގައި ކޮންމެވެސް އެއްޗެއް އެބަ އޮތެވެ. ދެން އޭނާ ބަލައިލީ އަޙްމަދު ފެންނާން ހުރިތޯއެވެ. އޭނާ ނެތީމާ ބުންޏެވެ.

"އެއީ އަހަރެން ގެންގުޅުނު މަލްބަރޯ ސިގިރޭޓު ފޮށި. ދެން އަނެއްކާ މި ދޫލަ ނަގައިގެން އެ ސިގިރޭޓު ފޮށި ނަގާކަށް ނޫޅެވޭނެ."

މިހެން ބުނެފައި ފައިން އެ ތާނގައި ތަޅާން ފަށައިފިއެވެ. ދިހަ ވަރަކަށް ފަހަރު ޖެހުނު އިރު މުޅީން އެއްވަރު ވެއްޖެއެވެ. ސިގިރޭޓް ފޮށި ގެއްލުނަސް އިތުރު މަސައްކަތެއް ނުކޮށް ވީމާ އޭނާ ހުރީ ހިތްހަމަ ޖެހިފައެވެ.

މަސައްކަތް ނިމިގެން އެ މީހުން ދާން ތައްޔާރުވެލީ ތަނާ އަޙްމަދުގެ އަންހެނުން އަތުވެއްޖެއެވެ.

"މި ތަނަށް ގުރައެއް ނާދޭތަ؟ އަހަރެން ގެންގުޅޭ ގުރާ މިއަދު އުޅެނީ ވަރަށް ބަލިވެ. އެ ސޮރަކަށް ރަނގަޅަކަށް ހިނގައެއްވެސް ނުގަނެވޭ."

އެއިން މީހަކަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް އަޙްމަދު އަތުވެއްޖެއެވެ.

"ޢަލީ. މިއޮތީ ކަލޭގެ ސިގިރޭޓުފޮށި. ތިޔަ އައީ ކާމޭޒުމަތީގައި ބާއްވާފައި." މިހެން ބުނެފައި އޭނާ ދިއްކޮށްލީ މަލްބަރޯ ސިގިރޭޓު ފޮށްޓެކެވެ.

އެ މީހުން އެކަކު އަނެކެއްގެ މޫނަށް ބަލައިލިއެވެ. އެކަކުވެސް އަނގަޔަކުން ނުބުނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.