އާފަތިސް ބަދިގެ: ކޭއެފްސީ ސްޓައިލް ފްރައިޑް ޗިކަން

ކޭއެފްސީ ޗިކަން އަކީ އަނގަޔަށް މީރު ހުރިހާ އުމުރެއްގެ މީހުންނަށްވެސް ކަމުދާ ބާވަތެކެވެ. އަމިއްލައަށް ގޭގައިވެސް ކޭއެފްސީ ސްޓައިލްގެ ފްރައިޑް ޗިކަން ތައްޔާރު ކޮށްލެވިދާނެއެވެ. މިއީ ކުޑަކުދިންނާއި ބޮޑެތި މީހުންނަށްވެސް ވަރަށް ކަމުދާނެ ބާވަތެކެވެ. އަދި ރޯދަ ވީއްލާ ސުުފުރާމަތި އިތުރަށް ފުރިހަމަ ކޮށްލަދޭނެ ބާވަތެއް ވެސް މެއެވެ. ތަޖުރިބާ ކޮށްލައްވާށެވެ. 

ބޭނުންވާތަކެތި 

  • ބައި ކިލޯ ކުކުޅު (ބޯންލެސް ނުވަތަ ކަށްޓާއެކު) 
  • 1 މޭޒުމަތީ ސަމުސާ މުގުރި މިރުސް 
  • 1 މޭޒުމަތީ ސަމުސާ ޗިލީ ސޯސް
  • 1 މޭޒުމަތީ ސަމުސާ ވިނިގަރ
  • ½ މޭޒުމަތީ ސަމުސާ މުގުރި އަސޭމިރުސް
  • ½ ޖޯޑު ގޮދަންފުށް
  • ½ ޖޯޑު ޒުވާރި ފުށް (ކޯން ފްލަރ) ނުވަތަ އޯޓްސް ފުށް
  • ރަހަލާ ވަރަށް ލޮނު
  • ކުކިންގ އޮއިލް
  • 2 ޖޯޑު ފެން

ތައްޔާރު ކުރާނެ ގޮތް 

1- ބޭނުންވާ ސައިޒަށް ކުކުޅު ކޮޅު ކޮށައިލާށެވެ. ޕޭޕަރ ޓަވަލެއްގައި ބަހައްޓައިގެން ރަނގަޅަށް ފެން ހިއްކައިލާށެވެ.

2 - ދެން މެރިނޭޓް ކުރުމަށް ބޭނުންވާ ބާވަތްތައް ކުކުޅާ އެއްކޮށްލުމަށް ފަހު 4 - 6 ގަޑިއިރު މެރިނޭޓް ކޮށްލާށެވެ. 

3 - ގޮދަން ފުށާއި ޒުވާރިފުށް ނުވަތަ އޯޓްސް ފުށް އެއްކޮށްލުމަށް ފަހު ރަހަލާ ވަރަށް ލޮނު ކޮޅެއް އެއްކޮށްލާށެވެ. 

4 - މެރިނޭޓްކޮށްފައި ހުރި ކުކުޅުތަކުގައި ފުށް ހޭކުމަށް ފަހު ފަހަރަކު ކުކުޅު ކޮޅެއް ފެނަށް ލައިފައި ނަގައި އަނެއްކާވެސް ރަނގަޅަށް ފުށް އުގުޅައިލާށެވެ. 

5 - ތެޔޮގަނޑު ރަނގަޅަށް ހޫނު ވުމުން ކުކުޅު ކޮޅު އަޅައިލައިގެން ޑީޕް ފްރައި ކޮށްލާށެވެ.

ނޯޓް: ހޫނުކޮށް ކައިލާން ވަރަށް މީރުވާނެއެވެ. ހުހަށް ވެސް އަދި ރޮށި ނުވަތަ މޭޝް ޕޮޓޭޓޯ ނުވަތަ ޕޮޓޭޓޯ ޗިޕްސް އާ އެކުވެސް ވަރަށް މީރުވާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.