ރޯދަމަޖާ: ސަރުކާރުގައި ދެންނެވި އާދަޔާ ޚިލާފު ދެންނެވުން

ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރެވެ. 1941 ވަނަ އަހަރު އައްޑުއަތޮޅުގައި އިނގިރޭސީންގެ ވަގުތީ އަސްކަރީ މަރުކަޒު "ޕޯރޓް ޓީ" ހެދުމަށްޓަކައި ގަމުގެ ރައްޔިތުން ގަމުން ބާލަން ނިންމެވިއެވެ. ދެ ސަރުކާރުގެ މެދުގައި ވާހަކަ ދެކެވި، އެއްބަސް ވެވުނީ ހިތަދޫގެ މާމެންދޫ ސަރަޙައްދަށް ގަމުގެ ރައްޔިތުން ބޭލުމަށެވެ. ނަމަވެސް މަދު ޢާއިލާއެއް މީދޫ "އަރުބަވަލޭ" ކިޔޭ ސަރަޙައްދަށްވެސް ބަދަލުކުރިއެވެ. މި އެންމެންވެސް އުޅެމުން ދިޔައީ ދިވެހި ސަރުކާރުން ޖައްސަވައި ދެއްވި ވަގުތީ ފަން ޖިފުޓިތަކެއްގައެވެ. ވަރަށް ދަތި ޙާލުގައެވެ. އެންމެން ވެސް ތިބީ ވަރަށް ހިތްހަމަ ނުޖެހިފައެވެ.

މިފަދަ ޙާލެއްގައި އުޅެމުން ދަނިކޮށް ސަރުކާރުގެ އިސްވެރިއަކު މާލެއިން ވަޑައިގެންފިއެވެ. އެ ބޭފުޅަކު ވަޑައިގެން، ރަށުން ބޭރުކޮށްލެވިފައި ތިބި ގަމުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ހާލު އެއްސެވިއެވެ. މީދޫ އަރުބަވަލަށް ފޮނުވައިލެވިފައިވާ ޢާއިލާތަކާއި މި ބޭފުޅަކު ބައްދަލުކުރެއްވި ދުވަހު ސަރުކާރުގެ ފަރާތުން ބޭނުންވަނީ ކޮންކަމެއްތޯ އެއްސެވިއެވެ. ރައްޔިތުން އެއްވެ އޮތް ތަނުން އިސް ރަށްވެއްސަކު ކުރިއަށް ނިކުމެ ޖަވާބުދިނެވެ.

"މަނިކުފާނެވެ. ހުރިހާ ކަމެއް ވެސް ވަރަށް ރަނގަޅެވެ. އަޅުގަނޑުމެން މި ތިބީ ވަރަށް އުފަލުންނެވެ. އޮތީ ހަމަ އެންމެ ކަމެކެވެ. އަޅުގަނޑުމެން މީދޫގައި މި ތިބޭ ހިސާބު އަތިރިމައްޗަށް ނިކުތީމާ ކުރިމަތިން ފެންނާން އެ އޮންނަ "ކަނޑިހެރަ" ނުވަތަ އޭރު އިނގިރޭސިން ކިޔާ ގޮތަށް ނަމަ ބުޝީ އައިލެންޑް (ފަޅުރަށެއް) އާ ހެދި ވަރަށް އުނދަގޫވެއެވެ. އެ ރަށް އެތާ އޮތުމުގެ ސަބަބުން ހިތަދޫ މާމެންދޫ ސަރަޙައްދުގައި ދިރިއުޅެމުންދާ އަޅުގަނޑުމެންގެ ޢާއިލާތަކުގެ މީހުން އުޅޭ ހިސާބެއް ނުފެނެއެވެ. އެހެންވީމާ އެމީހުންގެ އުޅޭނޫޅޭ ގޮތް ނޭނގޭތީ ވަރަށް ދެރަވެއެވެ. ވީމާ ސަރުކާރުގައި ދަންނަވައިގެން ކަނޑިހެރަ އެއްފަރާތަކަށް ޖައްސަވައިދެއްވައިފިއްޔާ ކިތަންމެހައި ވެސް ހެޔޮފުޅެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.