އަންހެނަކަށް ދޭނޭ އެންމެ ރަނގަޅު ހަދިޔާއަކީ ކޮބައި ހެއްޔެވެ؟ މިއީ ވަރަށް ގިނައިން ހިތުގައި އުފެދޭ ސުވާލެކެވެ. އެކަމަކު މި ސުވާލަަށް އެދެވޭ ޖަވާބެއް އޮންނަނީ ނުލިބިފައެވެ. އެހެން ވަނީ ސަބަބެއްވެސް އޮވެގެންނެވެ. އަޅުގަނޑު ދެކޭ ގޮތުގައި ހަދިޔާ އަކީ ދޭ މީހާގެ ވިސްނުމާއި ޝައުގުވެރިކަމާ ގުޅިފައި އޮންނަ އެއްޗެކެވެ.
އަޅުގަނޑު ބެލި ފިލްމެއްގައި ފިރިހެނަކު އަންހެން ކުއްޖަކާ ހިތާވާން ވެގެން ހަދިޔާއަކަށް ގެންދަނީ ބޮޑު ބަރަބޮލެކެވެ. އެ ކުއްޖާ އައި ރުޅީގައި ގޭގެ މަތީ ބުރީގެ ބެލްކަނީގައި ހުރެފައި ބަރަބޯ ބިން މައްޗަށް ވައްޓައިލީއެވެ.
ހަދިޔާއަކަށް ބަރަބޮލެއް ދިނީ ކީއްވެގެންތޯ އަހައިލީމާ އެ ފިރިހެން މީހާ ބުންޏެވެ.
"ބަރަބޮލަކީ ވަރަށް ފައިދާ ހުރި ކާނާއެކެވެ. އެ ކެއީމާ ގައިގައި ބާރު ޖެހެއެވެ."
މިއީ އޭނާގެ ވިސްނުމާއި ޝައުގުވެރިކަން ހުރި ފެންވަރެވެ. އޭނާއަށް ނަސޭހަތް ދިނުމުގެ ގޮތުން އެހެން އަންހެން ކުއްޖަކު ބުންޏެވެ.
"ތިޔައީ އަންހެން ކުދިންނަށް ހަދިޔާ އަށް ދޭ ކަހަލަ އެއްޗެއް ނޫނެވެ. އަންހެން ކުދިންނަކީ ވަރަށް ނާޒުކު ބައެކެވެ. އެހެންވީމާ ނާޒުކު އެއްޗެއް ދޭށެވެ. މިސާލަކަށް ފިނިފެން މަލެއް ރަނގަޅު ވާނެއެވެ."
މިއީ ރަނގަޅު ނަސޭހަތެކެވެ. އަންހެނުންނަކީ ނާޒުކު ބައެކެވެ. އެހެންވީމާ ދޭ ހަދިޔާ ވެސް ވާން ޖެހޭނީ ނާޒުކު ހަދިޔާ އަކަށެވެ. މާނައަކީ ފަސޭހައިން ހަލާކު ވެގެންދާ އެއްޗަކަށް ވާން ޖެހޭނެއެވެ. އެ އެއްޗެއް ހަލާކު ވިޔަ ނުދީ ރައްކާ ކޮށްގެން ގެންގުޅުމަކީ އަންހެން ކުދިން ކުރާ ކަމެކެވެ. މިސާލަކަށް މަލެއް ފޮތުގެ ތެރެއަށް ލައިގެން ރައްކާކޮށްގެން ގެންގުޅޭ އަންހެން ކުދިން ވަރަށް ގިނައިން ފެނެއެވެ. ހަދިޔާ އަކަށް މަލެއް ދިނުން މުހިއްމު ވަނީ އެހެން ވެގެން ކަމަށްވެސް ވެދާނެއެވެ. ބަރަބޮލެއް ފޮތުގެ ތެރެއަށް ލައިގެން، ހިއްކައިގެން ގެންގުޅުމަކީ ފަސޭހަ ކަމަކަށް ނުވާނެއެއް ނޫންތޯއެވެ؟
އަޅުގަނޑުވެސް އެއް ދުވަހަކު އަންހެން ކުއްޖަކަށް ހަދިޔާއެއް ދޭން ގަސްތު ކޮށްފީމެވެ. އަޅުގަނޑަށް އެންމެ ރަނގަޅު އެއްޗަކަށް ވަނީ ފޮތެވެ. އެހެން ނަމަވެސް އަޅުގަނޑު ހަދިޔާ ދޭން ގަސްތު ކުޅަ އަންހެން ކުއްޖާއަކީ ފޮތޭ ބުންޏަސް ހުން އަންނަ ކުއްޖެކެވެ. އެހެންވީމާ ދޭނޭ ހަދިޔާއެއް ނޭނގި ފިކުރު ބޮޑުވެގެން ރައްޓެއްސަކާ މަޝްވަރާ ކޮށްލަން ގަސްތު ކޮށްފީމެވެ.
އޭނާ ފުރަތަމަވެސް ސުވާލު ކުރީ އެ ކުއްޖާގެ ސިފަޔާއި އިސްކޮޅާއި ހަށިގަނޑުގެ ބައްޓަމާ ބެހޭ ގޮތުންނެވެ. އެއީވެސް މުހިއްމު ކަމަކަށް ވަނީތާއެވެ. އަޅުގަނޑު އެ ހުރިހައި ކަމެއްގެ މަޢުލޫމާތު ދިނީމާ އިރުކޮޅަކު ވިސްނަން ހުރެފައި ބުންޏެވެ.
"އަނގޮޓިއެއް ރަނގަޅު ވާނެ- ބާޒާރަށް ގޮސް ރީތި އަނގޮޓިއެއް ގަނެގެން ގެންގޮސްދީ-"
އަޅުގަނޑަކަށް އެއީ މާ ރަނގަޅު އެއްޗަކަށް ނުވިއެވެ. "އަނގޮޓިއެއް މާ ކުޑަ ވާނެ-"
އޭނާ އަނެއްކާވެސް ވިސްނަން ފަށައިފިއެވެ. އިރުކޮޅަކު ލޯ މަރާލައިގެން ހުރުމަށް ފަހު ބުންޏެވެ.
"އެހެން ވެއްޖެއްޔާ ބައިސްކަލެއްގެ ފުރޮޅެއް ގެންގޮސްދީ- ހެޔޮވަރު ވާނެ-!"