ޖީ-20 ގައުމުތަކުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ފޯރުކޮށްދޭ އެހީ އިތުރުކޮށް އެ ފަންޑަށް އިތުރު 650 ބިލިއަން އެެމެރިކާ ޑޮލަރު ދިނުމަށް އެ ގައުތަކުން އެއްބަސްވެއްޖެއެވެ. އެއީ ކޮވިޑް-19 ބަލިމަޑުކަމުން ބޮޑު ހީނަރުކަމެއް ލިބިފައިވާ، އިގްތިސާދު ބަލިކަށި ގައުމުތަކަށް އެފަންޑުން ދޭ އެހީ އިތުރުކުރުމަށެވެ.
ދުނިޔޭގައި ސިނާއީ ގޮތުންނާއި އިގުތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ 20 ގައުމު ހިމެނޭ ޖީ-20 ގެ ގައުމުތަކުން މިކަމަށް އެއްބަސްވެފައިވަނީ ވާލްޑް ބޭންކާއި އައިއެމްފް ގުޅިގެން ބޭއެްވި ވާޗުއަލް ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމަށް ފަހު ނެރުނު ބަޔާނެއްގައި ޖީ-20 ގައުމުތަކުން އިތުރަށް ބުނެފައިވާ ގޮތުގައި، ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ އިގުތިސާދީ ދަތިތަކުން އަރައިގަތުމަށް ދޭ އެހީއެއް ގޮތުން ދުނިޔޭގެ އެންމެ ފަގީރު 73 ގައުމުން އެ ޖަމާއަތުގެ ގައުމުތަކަށް ދައްކަން ޖެހޭ ދަރަނި ދެއްކުން 6 މަސްދުވަހަށް ފަސްކުރުމަށްވެސް ވަނީ ނިންމާފައެވެ.
ޖީ-20 އިން އައިއެމްއެފްއަށް އިތުރަށް ފައިސާ ދޭ ވާހަަކަ އަދި އޮތީ ހުށަހެޅުމެއްގެ ގޮތުގައެވެ. އެކަން ހަގީގަތަކަށް ވާނީ އައިއެމްއެފްގެ ބޯޑުން އެހުށަހެޅުން ފާސްކޮށް، ގައުމުތަކުން އައިއެމްއެފަށް އެފައިސާ ދިނުމުންނެވެ.
މިއަހަރު ކުރީކޮޅު އެމެެރިކާ ސަރުކާރުންވެސް ވަނީ އައިއެމްފްއަށް ދޭ އެހީތެރިކަން އިތުރުކުުރުމަށް ނިންމާފައެެވެ. މިގޮތަށް އެފަންޑަށް ލިބޭ ފައިސާ ހުންނާނީ އައިއެފް ސްޕެޝަލް ޑްރޯވިންގް ރައިޓްސް ގެ ދަށުން ބޭނުންޖެހޭ ގައުމުތަކަށް ދެވޭ ގޮތަށެވެ.
ދަރަނި ދެއްކުން ފަސްކޮށްދިނުމަށް ނިންމި ހަ މަަަހަކީ މިއަހަރުގެ ނިޔަލަށް ޖީ-20 ގައުމުތަކުން އިތުރުކޮށްދީފައިވާ މުއްދަތުގެ ތެރެއަށް އިތުރުކުރެވޭ ހަ މަސްދުވަހެއެެވެ. އެ ޖަމާއަތުން ބުނީ މިއީ މިގޮތަށް މުއްދަތު އިތުރުކޮށްދެވޭނެ ފަހު ފަހަރު ކަމުގައެވެ.
"ދަރަނި ދެއްކުމަށް ލުއިދިނުމާއި، އެހީދިނުމަށް ލިބިފައިވާ ކުރިއެރުން އަަހަރުމެންނަށް އެބަފެނޭ. އެހެންނަަމަވެސް، މި އުދަނގޫ ހާލަތުން އަރައިގަތުމަށް ގައުމުތަކަށް ކުރިމަތިވެފައިވާ ގިނަގުނަ ގޮންޖެހުންތައް ހައްލުކުރާނެ ގޮތެއް ހޯދަން ޖެހޭ." އިގުތިސާދީ އިސްލާހުތަކަށް މަސައްކަތްކުރާ އަމިއްލަ ޖަމާއަތެއް ކަމުގައިވާ ޖުބިލީ ޔޫއެސްއޭ ނެޓްވާކްގެ އެގްޒެކަޓިވް ޑިރެކްޓަރ އެރިކް ލެކޮމްޕްޓޭ ވިދާޅުވިއެެވެ.
"ދަރަނިވެރިވެފައިވާ ގައުމުތަކަށް މި މުއްދަތު އިތުރުކޮށްދިނުމުން ލިބޭ 'ނޭވާލާނެ ޖާގަ' އިން ފުދޭނެހެން ހީނުވޭ." އޭނާ ވިދާޅުވިއެވެ.
ވާލްޑް ބޭންކާ އަަައިއެމްއެފް ގުޅިގެން ބޭއްވި ވާޗުއަލް ބައްދަލުވުމުގައި ދުނިޔޭގެ އިގުތިސާދީ ބާރުތައް ކަމުގައި ކުރިއްސުރެ ބެލެވެމުން އަންނަ އެމެރިކާ، ޖަރުމަނު އަދި ޖަޕާނުގެ ފިނޭންސް މިނިސްޓަރުނާއި ސެންޓްރަލް ބޭންކްގެ ގަވަރުނަރުންގެ އިތުރަށް ކުރިއަރަމުން އަންނަ އިގުތިސާދީ ބާރުތައް ކަމުގައިވާ އިންޑިޔާއާއި ޗައިނާގެ މިނިސްޓަރުންނާއި ގަވަރުނަރުން ބައިވެރިވެފައި ވެއެވެ. މި ވާޗުއަލް ބައްދަލުވުމުގައި ބައިވެރިވި ގައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމެއް އަންނަ އޮކްޓޯބަރު ބަހުގެ 30-31 ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.