ސްރީލަންކާގެ ހާލަަތަކީ ދަރަނި ބޮޑު ގައުމުތަކަށް ނުރައްކަލުގެ ރަނގަބީލެއް

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ މެނޭޖިންގ ޑިރެކްޓަރ ކްރިސްޓަލީނާ ޖޯޖިއޭވާ

ސްރީލަންކާ އިގުތިސާދީ ގޮތުން މިހާރު ވެއްޓިފައި އޮތް ހާލަތަކީ، ދަރަނި ބޮޑުވެ، އެކަމުން އަރައިގަންނާނެ ސިޔާސަތު ރޭވުމަށް އޮތް ފުރުސަތުކުޑަ ގައުމުތަކަށް ނުރަައްކަލުގެ ރަނގަބީލެއް ކަމުގައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ މެނޭޖިންގ ޑިރެކްޓަރ ކްރިސްޓަލީނާ ޖޯޖިއޭވާ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އިންޑޮނޭޝިޔާގައި މިހާރުކުރިއަށްދާ ޖީ-20 ގެ ފިނޭންސް މިނިސްޓަރުންނާ، ސެންޓްރަލް ބޭންކްތަކުގެ ގަވަރުނަރުންގެ ގުޅިފައިވާ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންެނެވެ.

"ދަނަރީގެ އަދަދު މަތި، ޕޮލިސީ ބޭނުން ގޮތަކަށް އެކުލަވާލުމުގެ ފުުރުސަތު ކުޑަ ގައުމުތަކަށް ވަރަށް ބޮޑަށް ދަތިވެގެންދާނެ. މީގެ ނުރައްކަލުގެ ރަނގަބީލު އަޑުއަހަން ސްރީލަންކާއަށްވުރެ ދާކަށް ނުޖެހޭ.' އޭނާ ވިދާޅުވިއެވެ.

އޭނާ ވަނީ ދުނިޔޭގެ އިގުތިސާދުގެ މައްޗަށް އަަރަމުންދާ ބަނަ ވިލާގަނޑުގެ ނުރައްކާތެރިކަމުގެ ވާހަކަ ދައްކަވާފައެވެ.

"ބާލީގެ އުޑުމަތު ސާފުވަރަށް ދުނިޔޭގެ އިގްތިސާދީ އުދަރެސް ސާފުވާނެނަމައޭ ހިތަށް އަރާ. އެހެންނަމަވެސް، ނަސީބުދެރަކަމުން، އެކަން އޮތީ އެހެނެއް ނޫން. އުދަރެސް ވަނީ ވަރަށް ބޮޑަށް އަނދިރިވެފައި. އަދި ޔަގީންކަން ދަނީ ވަރަށް ބޮޑަށް ކުޑަވަމުން." އައިއެމްއެފްގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރަޝިޔާއިން ޔުކްރޭންގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ކާބޯތަަކެއްޗާއި، ހަކަތައިގެ އަގު ދަނީ މައްޗަށެވެ. އަދި މާލީ ހާލަތު ދަނީ އިތުރަށް ގޯސްވަމުންނެވެ.

"އާލަމީ ވަބާ (ކޮވިޑް-19) އާ ގުޅުންހުރި ހުރަސްތައް އަދިވެސް ހުރިއިރު، ދުނިޔޭގެ ކަންކޮޅުތަކަށް މުދާ ފޮނުވުމުގައި ދިމާވާ ހުރަސްތަކުގެ ސަބަބުން އިގްތިސާދީ ހަރަކާތްތަކަށް ދަނީ ބުރަ ބޮޑުވަމުން." ޖޯޖިއޭވާ ވިދާޅުވިއެވެ.

"ތަރައްގީވެފައިވާ އިގްތިސާދަށް ވުމުގެ މަގުމަތީވާ އިގުތިސާދުތަކާއި ތަރައްގީވަމުން އަންނަ އިގުތިސާދުތަކުން ފައިސާ ބޭރުވަމުންދާ މިންވަރު ޖެހިޖެހިގެން ހަތަރު މަސްދުވަހު ވަނީ އިތުރުވެފައި. އެ ގައުމުތަކުން ތަރައްގީވެފައިވާ ގައުމުތަކާ އަރައި ހަމަކުރުމަށް ފާއިތުވި ތިރީހަކަށް އަހަރު ކުރި އަނެއްކޮޅަށް އެނބުރިދާނެ ކަމުގެ ނުރައްކާ މިހާރު ވަނީ ކުރިމަތިވެފައި. ކުރިއަށް ޖެހުމުގެ ބަދަލުގައި އެ ގައުމުތައް ދަނީ ފަހަތަަށް ޖެހެމުން." އޭނާ އިތުރަށް ވިދާޅުވިއެވެ.

ތަރައްގީވެފައިވާ ގައުމުތަކަށް މަގުމަތީވާ ގައުމުތަކާއި ތަރައްގީވަމުން އަންނަ ގައުމުތަކުގެ %30 ވަނީ ދަރަނީގެ ބުރަ ބޮޑުވެ އިގުތިސާދަށް އަސަރުކުރާ ހިސާބުގައެވެ. އަދި އާމްދަނީ ދަށް ގައުމުތަކަށް ބަލާއިރު މިނިސްބަތް %60 އަށް އަރައެވެ. ދަތިވަމުން އަންނަ އިގުތިސާދީ ހާލަތާއި، ފައިސާގެ އަގުދަށްވުމުގެ ސަބަބުން ލޯނުތަކަށް ފައިސާދެއްކުން ވަނީ ދަތިކަމަކަށް ވެފައެވެ. އަދި ބައެއް އެކަން ވަނީ ބައެއް ގައުމުތަކަށް ނުއުފުލޭ ބުރައަށް ވެފައި.

ސްރީލަންކާއަކީވެސް ލޯނުތަކަށް ފައިސާ ނުދެއްކޭ މިންވަރަށް ގައުމުގެ މާލީ ހާލަތުދަށްވެ، ލޯނުތަކަށް ފައިސާދެއްކުން ހުއްޓާލާފައިވާ  ގައުމެކެވެ. ގައުމުގެ ބޭރު ފައިސާގެ ރިޒާވް ހުސްވެ، އެތެރެކުރާ މުދަލަށް ފައިސާ ނުދެއްކޭ ފެންވަރަށް ގައުމުގެ ހާލަތު ވަނީ ގޮސްފައެވެ. އެެހެންކަމުން، ސްރީލަންކާ ވެފައިވާ އިގުތިސާދީ ގޮތުން ނާޒުކު ހާލަތުގައިވާ ގައުމުތަކަށް ނުރައްކަލުގެ ރަނގަބީލަކަށް ވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.