ވެންޓިލޭޓަރުގެ މައްސަލައިގައި ދައުވާ ނުކޮށް ދޫކޮށްލެއްވުމަކީ ޕްރޮސެކިއުޓަރ ޖެނެރަލަށް ލިބިވަޑައިގެންފައިވާ ބާރެއް ނޫން ކަމަށް ރައްޔިތުންގެ މަިލިޙުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ހެލްތު މިނިސްޓަރީން ވެންޓިލޭޓަރު ގަންނާން ކުރި މަސައްކަތުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް އޭސީސީން ނިންމައި ޕީޖީއަށް ފޮނުއްވީމާ ދައުވާ ނުކުރެއްވި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ހުށަހެޅުއްވި މައްސަލައިގެ ބަހުސުގެ ތެރޭގައި މަޖިލީހުގެ ރިޔާސަތުން ދެއްކެވި ވާހަކަފުޅެއްގައި ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ޕީޖީ އަމަލު ކުރައްވަން ޖެހޭނީ ގާނޫނުގައިވާ ގޮތަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އޭސީސީން މައްސަލަ ބަލައި ދައުވާ ކުރާން ފޮނުވީމާ ޕީޖީ އަށް ޖެހިވަޑައިގަންނަވާނީ ދައުވާ ކުރައްވާށެވެ. ގާނޫނުން ޕީޖީއަށް ލާޒިމުކުރާ ކަމަކީ އެއީއެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ވެންޓިލޭޓަރުގެ މައްސަލަ ހަތަރު ފަހަރަކަށް މަޖިލީހުން ވަނީ ބަލައިފައެވެ. އެހެންވީމާ މިހާރު އިތުރަށް ބަލަން ޖެހޭ ކަމަކަށް އެމަނިކުފާނު ގަބޫލުފުޅެއް ނުކުރައްވައެވެ. މިހާރު ކުރަން އޮތް ކަމަކީ ފިޔަވަޅު އެޅުމެވެ. އަނެއްކާވެސް މައްސަލަ ބެލުމެއް ނޫނެވެ.