އައްޑޫ ރައްޔިތުން މި ފަހަރުގެ ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ނޫނެކޭ ބުނަން ޖެހޭ ކަމަށް ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ޢަޙްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ.
އޭނާ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި އެމްޑީޕީއަށް ނޫނެކޭ ބުނަން ޖެހޭ މައިގަނޑު ސަބަބަކީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމަށް އެމްޑީޕީން ދިން ބޮނޑިއެވެ. ބޮނޑިއެއްގެ ގޮތުގައި އޭނާ ސިފަ ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް އަސްލަމަށް ތާއީދު ކުރެއްވުމަށް ފަހު އެންމެ ފަހު ވަގުތު ކަންތައް ފުރޮޅިގެން ގޮސް ރައީސް މުޙައްމަދު ނަޝީދަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ލިބިވަޑައިގެންނެވި ގޮތެވެ. މަލީޙް ވިދާޅުވާ ގޮތުގައި ރައީސްކަން އެކަންޏެއް ނޫނެވެ. އަސްލަމަށް މަޖިލީހުގެ ނާއިބު ރައީސްކަންވެސް އަދި އެންމެ ކުޑަމިނުން އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރުކަންވެސް ނުދިނުމަކީ އަސްލަމަށް އެމްޑީޕީން ދިން ބޮނޑިއެކެވެ.
މަލީހްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ފަހު ރައްޔިތުންގެ މަޖިލީހުން އޭނާ މަގާމުން ދުރުކުރި ފަހުން ގެންދަވަނީ ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. މަލީހަކީ ޖުމްހޫރީ ޕާޓީގެ ޖާގައެއްގައި ވަޒީރުންގެ މަޖިލީހަށް ލެއްވި ބޭފުޅެކެވެ. ވަޒީރުކަމުން ވަކިވެވަޑައިގެން ސަރުކާރާ ވާދަވެރި ޕާޓީތަކުގެ ސިޔާސީ ބައްދަލުވުންތަކުގައި އޭނާ ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ. އަދި މިހާރު ވަނީ ޖުމްހޫރީ ޕާޓީން ވަކިވެޑައިގެންފައިވެސްމެއެވެ.