މިނިސްޓަރ މަލީޙުގެ އިތުބާރު ނެތްކަމަށް ނިންމެވުމާއި ޚިޔާލު ފާޅުކުރެއްވުމާ ގުޅުމެއް ނެތް: މެމްބަރ މީކާއީލް

މިނިސްޓަރ މަލީޙުގެ އިތުބާރު ނެތްކަމަށް އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕުން ނިންމެވި ނިންމެވުމާ، މަޖިލީހަށް ފާޑުވިދާޅުވެ މަލީޙު ފާޅުކުރެއްވި ޚިޔާލުފުޅާ އެއްވެސް ގުޅުމެއް ނެތްކަމަށް، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރ މީކާއީލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މަލީހުގެ އިތުބާރު ނެތް ކަމަށް، 10 މެމްބަރުން ސޮޔާއެކު އެމްޑީޕީ ޕީޖީ ގުރޫޕަށް ހުށަހެޅީ މެމްބަރ މީކާއީލްއެވެ. އެމްޑީޕީ ޕީޖީ ގްރޫޕުން މަލީހުގެ އިތުބާރު ނެތްކަމަށް ނިންމަވައި، އެކަން ރައީސުލް ޖުމްހޫރިއްޔާ ދެންނެވުމަށް ވެސް ވަނީ ނިންމަވައިފައެވެ. ޕީޖީ ގަރޫޕުގެ އެނިންމެވުމާ މެދު އުފާކުރައްވާ ކަމަށް މެމްބަރ މީކާއީލް ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ. މި ޓްވީޓަށް ރަށްދު ދެއްވައި މިނިސްޓަރ މަލީހު ވިދާޅުވީ އެމްޑީޕީ ޕީޖީ ގްރޫޕުގެ ނިންމުމަކީ ޤާނޫނޫ އަސާސީގެ ޚިޔާލުފާޅުކުރުމުގެ މިނިވަންކަންދީފައިވާ 27 ވަނަ މާއްދާއަށް ޢިތުބާރު ނެތްކަމަށް ނިންމި ނިންމުމެއް ކަމަށެވެ.

" ތިޔައީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތާޖު އަޅުއްވައިގެން އުޅުއްވާ ބޭފުޅުން ބައިކޮޅަށް ޖެހި ގޯލެއް. އަމިއްލަ ސަންދޯކަށް ތިޔަ ޖައްސަވަނީ މޮހޮރު،" މަލީހުގެ ޓްވިޓްގައި ވިދާޅުވި އެވެ.

އާފަތިސް އޮންލައިނުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މެމްބަރ މީކާއީލް ވިދާޅުވީ މިނިސްޓަރ މަލީޙުގެ ޢިތުބާރު ނެތްކަމަށް ފާސްކުރެއްވި ފާސްކުރެއްވުމާ، މަޖިލީހަށް ފާޑުވިދާޅުވެ އޭނާ ފާޅުކުރެއްވި ޚިޔާލުފުޅާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ. މިނިސްޓަރ މަލީހުގެ މަސައްކަތް ޕުޅާ ބެހޭ ގޮތުން އެމިނިސްޓްރީގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި އެހެން ބޭފުޅުންގެ ޝަކުވާވެސް މަޖިލީހަށް ލިބިފައިވާ ކަމަށް މެމްބަރ މީކާއީލް ވިދާޅުވިއެވެ. ބައެއް މުވައްޒަފުން ކުރައްވާ މަސައްކަތްޕުޅަށް ހުރަސް އެޅުއްވުމަށް ވެސް މިނިސްޓަރ މަލީހުގެ މަސައްކަތް ކުރައްވާކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް ވެސް މީކާއީލް ވިދާޅުވިއެވެ.

އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުގެ ނިންމުމާ އެއްގޮތަށް ރައީސުލް ޖުމްހޫރިއްޔާ މަލީހާ މެދު ޢަމަލުކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމަށް ވެސް މެމްބަރ މީކާއީލް ވިދާޅުވިއެވެ.

މިއަދު އެމްޑީޕީ ޕީޖީ ގުރޫޕުން ބޭއްވި ބައްދަލުވުމުގައި މަލީހުގެ އިތުބާރު ނެތްކަމަށް ނިންމަވައި އެކަން ރައީސް ޞާލިޙަށް ދެންނެވުމަށް ނިންމެވީ، އެ ބައްދަލުވުމުގައި ބައިވެރިވި ވަޑައިގެންނެވި ހުރިހާ މެމްބަރުން ޢިއްތިފާޤުންނެވެ. މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީ ޕީޖީ ގުރޫޕަށް ހުށަހެޅީ ޤާނޫނުގައި ބުނާގޮތަށް މަސައްކަތް ނުކުރައްވާކަމަށް ތުޙުމަތު ކުރައްވައެވެ. މަލީހު މިނިސްޓަރު ކަމަށް އައްޔަނުކޮށްފައިވަނީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.