ޖަޒީރާވަންތަ ތަރައްގީ ލިބޭނީ ފުރިހަމަ ލާމަރުކަޒީ ނިޒާމް ހިންގިގެން – އަފްޝަން

ދިވެހިރާއްޖޭގެ ކުރިއެރުން ގުޅިފައިވަނީ ޖަޒީރާވަންތަ ތަރައްގީއާ ކަމަށާ، ޖަޒީރާވަންތަ ތަރައްގީ ލިބިގެންދާނީ އެންމެ ފުރިހަމައަށް ލާމަރުކަޒީ ނިޒާމް ހިންގިގެންކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ ފާޠިމަތު އަފްޝަން ލަޠީފު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ. މި ޚިޠާބުގައި އަފްޝަން ވިދާޅުވީ ލާމަރުކަޒީ މިނިޒާމުގެ ފޮނިމީރުކަން ރައްޔިތުންނަށް ފޯރުކޮށް ދެވޭނީ އިޚްލާސްތެރިކަމާއެކު މިނިޒާމުން ލިބިދީފައިވާ މުހިއްމު ގިނަ ބާރުތައް ރައްޔިތުންނަށް އެންމެ ފައިދާއާއި މަންފާ ކުރާނެ ގޮތަށް ބޭނުންކުރާނެ ބޭފުޅުން އިންތިޚާބުކުރެވިގެންކަމަށެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިންތިޚާބު ކުރެވޭ ކައުންސިލްތަކަކީ ރައްޔިތުންގެ އިތުބާރާއެކު، ރަށްރަށުގެ ތަރައްޤީއާއި ކުރިއެރުމަށް ނުހަނު ބުރަކޮށް މަސައްކަތްކުރައްވާނެ ކައުންސިލްތަކަށް ވާނެ ކަމަށް އުންމީދުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގަންފެށިފަހުން މިވޭތުވެދިޔަ ދިހަ ވަރަކަށް އަހަރުގެ ތަޖުރިބާގެ އަލީގައި ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ފައްކާ ކުރުމަށްޓަކައި ތަފާތު ގިނަގުނަ މަސައްކަތްތައްވަނީ ކުރެވިފައިވާކަން އަފްޝަން ފާހަގަކުރެއްވިއެވެ. އަދި ޤާނޫނު އަސާސީއަށާއި ލާމަރުކަޒީ ޤާނޫނަށް މުހިއްމު އަދި އިންގިލާބީ އިސްލާހު ތަކެއް ގެނެސްފައިވާކަން ފާހަގަކުރައްވައި، މިބަދަލުތަކުގެ ސަބަބުން، ނިންމުންތައް ނިންމުމުގެ މަރުހަލާތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުވެ، މައި ސަރުކާރުގެ ބާރުތައް ރަށުގައި ދިރިއުޅެމުންދާ ރައްޔިތު މީހާއާ ހަމައަށް ފުރޮޅިގެންގޮސް، އެރަށެއްގެ ތަރައްޤީގެ މިސްރާބު ކަނޑައަޅާ ބަޔަކީ އެރަށެއްގެ ރައްޔިތުންނަށް ވެގެންދާނެކަމށްވެސް އަފްޝަން ވިދާޅުވިއެވެ.

މިއަދަކީ ޖލާމަރުކަޒީ ނިޒާމުގެ ތެރެއިން، ފުރަތަމަ ފަހަރަށް ރާއްޖޭގައި އިންތިޚާބުވި ލޯކަލް ކައުންސިލްތައް ހުވާކުރިތާ  10 އަހަރު ފުރުނު ދުވަހެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.