ޤައުމެއްގައި ނުވިއްކާނެ ހަމައެކައްޗެއްވެސް ނޯންނަ ނަމަ!

ޤައުމެއް ، ޤައުމެއްގެ ތަޞައްވުރުގައި ދެމިއޮވެ ، ކުރިއަރައިގެންދަނީ ، ޤައުމީވަންތަ ރައްޔިތެއްގެ ވާޖިބުން ވިލަރެސްވެގެންވާ އެކުވެރި ، ދުޅަހެޔޮ ޖަމާޢަތެއްގައި ، އިޖްތިމާޢީ ޢަދާލަތު ޤާއިމްވެފައި އޮވެގެންނެވެ. ފަރުދީ ޒިންމާއާއި މަސްއޫލިއްޔަތަށް އިހުމާލް ނުވާ ، ހެވާއިނުބައި ވަކިކޮށް ދަންނަ ، ޢިލްމާއި ޙިލްމާ އަދި ޙިކުމަތުން ސިކުނޑި ތަނަވަސް ފަރުދުންތަކެއްގެ ޙިމާޔަތް އެތަނެއްގައި ދެމިއޮވެގެންނެވެ. ޚިޔާނާތާއި ފަސާދަޔާ  ދުރުހެލި ، ހެޔޮވެރިކަމެއްގެ ނަޟާޙަތްތެރިކަމުން ޒީނަތްތެރިވެގެންވާ ، ރައްޔިތުންގެ އަޑުއިވޭ ހެޔޮވެރިކަމެއް އެތަނެއްގައި އިންތިޒާމްކުރެވިފައި އޮވެގެންނެވެ. ޢަދުލުވެރި ޝަރުޢީ ނިޒާމަކުން ، އަބުރުވެރި ވެރިކަމެއްގެ އިޙްސާސް ރައްޔިތުންނަށް ލިއްބައިދޭ ، ޤާނޫނީ ޙުކޫމަތެއްގެ ހަރުދަނާ ބިންގަލުގެ މަތީގައި ޢިމާރާތް ކުރެވިގެންވާ ބިނާއެއްގެ ރައްކައުތެރިކަން ، އެޤައުމަކަށް ލިބިއޮވެގެންނެވެ. މިނިވަން ، ޒިންމާދާރު ، އުޅުމާއި ގުޅުމުން ކަސިޔާރުވެގެންނުދާ ، ފިކުރާއި ޚިޔާލާތުން ހިތަށް ފިނިކަން ގެނެސްދޭ ، އަމާންކަން ލިބިގެންވާ އޮޔާއި ވައި ދައުރުވަމުންދާ ، ދީނާ ރައްޓެހި ، އިންސާނިއްޔަވަންތަކަމުގެ ޙައްޤުތައް ކަށަވަރުކޮށްދޭ ރާގުތައް މެދުއުޑުގައި ގުގުމަމުންދާ ، ނަލަރީތި ވެށްޓެއްގެ އުއްމީދުން ، އެތަނަކަށް ދިރުން ލިބި ، ހިޔާއެޅިފައި އޮވެގެންނެވެ. މިއީ ފަރުދީ ޒިންމާއާއި ވެރިކަމުގެ ވާޖިބާއި ޙުކޫމަތުގެ އަސާސްތައް  ، އެކަންކަމުގެ މައްޗަށް ސޫރަވެގެންވާ ބަހާތަކެވެ.

ޤައުމެއްގެ ތަޞައްވުރު ސިފަވެ ، ފެނިގެންދަނީ މަތީގައި ބަޔާންވެގެންވާ ބަހާތައް އެޤައުމެއްގައި ހިމެނި ، އެކުލެވިގެންވާ މިންވަރެއްގެ މައްޗަށެވެ. އަދުގެ ދުނިޔެއަކީ ، ބަވަނަވެގެންވާ ، މުޅިދުނިޔެއަށް މަޢުލޫމާތުގެ ވިއުގަ ފެތުރި މޫލާފައިވާ ދުނިޔެއެކެވެ. ދުނިޔޭގެ ކޮންމެ ޤައުމެއްޤައިވެސް ކަންހިނގަމުންދާގޮތް ވަގުތުން ފެންނަން އަދި ބެލެން ހުންނާނެއެވެ. ކަމެއް ސިއްރުކުރާވަރަކަށް ، އަދި ފޮރުވަން އުޅޭވަރަކަށް އެކަމެއް ފަޅާ އަރާނެއެވެ. އެޤައުމެއްގެ ޙަޤީޤީ ސޫރަ ފޮރުވައިގެންނެއް މިޒަމާނަކު ނޫޅެވޭނެއެވެ. ހެޔޮވެރިކަމެއްގެ ނިޔަތުގައި އަންނަ ސަރުކާރުތަކުން ގޯސްކޮށް ކުރާކަންކަން ، އިދިކޮޅަށްނޫނަސް ، އެންމެންނަށްވެސް އެނގި ފަހުމްވާނެއެވެ. އަޅައިނުލައި ނުވަތަ ކުރާނެކަމެއްނެތި ތިބެންޖެހުމަކީ އެހެން ކަމެކެވެ.

ޤައުމީވަންތަ ރައްޔިތެއް ދިރިއުޅޭ މުޖުތަމަޢެއްގައި ، ވެރިކަމުގެ ފަރާތުން ، ކޮންމެ ކޮންމެ ކަމެއް ކުރަން ޖެހިލުންވާނެއެވެ. ކޮންމެ ބަޔަކުވެސް ވެރިކަމަށް އަންނަނީ ، އިދިކޮޅުގައިތިބޭ ބަޔަކު ބަލިކުރުމަށްފަހުގައެވެ. އެހެންކަމުން ، އެލިބޭ ކާމިޔާބީ ދަމަހައްޓައި ، ގިނަދުވަހު ވެރިކަމުގައި ތިބެން ބޭނުންވާނެއެވެ. އެހެންނަމަވެސް ، ޒިންމާދާރު އިދިކޮޅެއް އޮންނަނަމަ ، ވެރިކަމުގައި ތިބޭބަޔަކު ޒިންމާދާރު ކުރުވަން ރައްޔިތުން ފުރުޞަތުދޭނެއެވެ. ކޮންމެ ބަޔަކުވެސް ، ވެރިކަމަށް އަންނަނީ ކުރެވެން ހުންނަ ހުރިހައިކަމެއް ކޮށްގެންނެވެ. ގަނެވެން އޮތްވަރަކަށް ވޯޓުވެސް ގަނެގެންނެވެ. އޮޅުވައިލެވެން އޮތްވަރަކަށް އޮޅުވައިވެސް ލައިގެންނެވެ. އިދިކޮޅަށް ފުރުޞަތު ނުލިބޭނީ ، އިތުބާރު ނުކުރެވޭތީއެވެ. މާޒީގައި ޖަހާފައިވާ ލަށްތައް ގިނަވުމުންނެވެ. ސަރުކާރުތައް ވެރިކަމަށް އަންނަނީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދޭށެވެ. ރައްޔިތުންވެސް ބޭނުންވާ ގޮތަކީ އެއީއެވެ. ސިޔާސީ ކޮންމެ ފިކުރެއްގެ މީހެއްގެވެސް ބޭނުމަކީ ، ހެޔޮވެރިކަމެކެވެ. ހެޔޮވެރިކަން ، ސިފަކުރާނީ އެމީހެއްގެ އަމިއްލަ ވިސްނުމާއި ފިކުރާ ޚިޔާލާތުގެ މައްޗަށެވެ. އެއީ ޤައުމީވަންތަ ރައްޔިތެއްގެ އެންމެ ސާދާ އެއްސިފައެވެ. މުޅިޤައުމަށް ލާބައާއި މަންފާހުރިގޮތް އިޚުތިޔާރުކުރާ ދުޅަހެޔޮ ޖަމާޢަތެއް ނަމައެވެ.

ދުޅަހެޔޮ ޖަމާޢަތެއްގެ އެންމެ އަސާސީ ސިފަޔަކީ ، މުޖްތަމަޢުގެ ލާބައާއި މަންފާއެވެ. ވެރިކަމުގެ ނިޒާމު ސީދާކުރުމުގައި ، ދުޅަހެޔޮ ޖަމާޢަތެއްގެ ޒިންމާދާރުކަން ވަރަށް މުހިންމެވެ. ގޯޅި އަޅައިގެންދާ ހިނދު ، ސީދާމަގަށް މިސްރާބު ހިފައިދޭނެ ވަޞީލަތަކީ ، ދުޅަހެޔޮ މުޖުތަމަޢެކެވެ. ސަލާމަތާއި ރައްކާތެރިކަމުގެ މަންޒިލަށް ސަމުގާ ހިފައިދޭނެ ހަތިޔާރަކީވެސް ދުޅަހެޔޮ މުޖުތަމަޢެކެވެ. އެމުޖުތަމައެއްގެ ދުޅަހެޔޮކަމުގައި ، ކުށުގެވެށީގެ އަނދިރިކަން ފިލުވައިދީ ޙުކޫމަތު ޤާއިމްކޮށްދޭނީ ޢަދްލުވެރި ޝަރުޢީ ނިޒާމެކެވެ. ސަފުތައް ސީދާކޮށް އެއްވަރުކޮށްދޭނީ ، ހެޔޮވެރިކަމެއްގެ އަޅައިލުމާއި އޯގާތެރިކަމެވެ. އިޖްތިމާޢީ ޢަދާލަތު ޤާއިމްވެ ކަށަވަރުވެފައި އޮތުމީ ، ދުޅަހެޔޮ މުޖުތަމަޢެއް ބައިބައިވުމަށް ލެވިފައި އޮންނާނެ އުސް ފާރެކެވެ.

އިޖްތިމާޢީ ޢަދާލަތަކީ ، ކޮންމެ މުޖުތަމަޢަކަށްވެސް ، އެއާނުލައި ނޫޅެވޭފަދަ ، ނުހަނު މުހިންމު ބަހާއެކެވެ. ޢަދްލުވެރިކަމުގެ ސިފަތައް ނުދަންނަ ނުވަތަ އެސިފަތަކާ ބީރައްޓެހި މުޖުތަމަޢުތައް އޮންނާނީ ބިރުވެރިކަމާއި ނާމާންކަމުން ފުރިފައެވެ. ދުނިޔޭގެ ބޮޑެތި އިޤްތިޞާދުތަކުގައި އެންމެ އަގުބޮޑުކޮށް ވިއްކައިއުޅޭ އެއްޗަކީ ، ޢަދުލުގެ ނިޒާމެވެ. އެނިޒާމަށް ފައިސާގެ ނޫޓު ފެންނަނީ ، އިޖްތިމާޢީ ޢަދްލުގެ ނިޒާމުގެ ފަގީރުކަމުންނެވެ. ބޮޑުއަގުގައިވިކޭ ޙުކުމްތަކަށް ފުރުޞަތު ލިބެނީ އިޖްތިމާޢީ ޢަދްލުގެ ފޭރާން ވީދި ފަގީރުކަން ހިޔަނިއެޅިފައި އޮތުމުގެ ސަބަބުންނެވެ. އިޖްތިމާޢީ ޢަދާލަތަށް އެޅޭ ފަގީރުކަމުގެ ހިޔަނި ، އަލިކަމެއް އަމްދުންނެތް ކަނު އަނދިރި ޙާލަތަށް ގެންގޮސްދެނީ މުޖްތަމަޢުގައި ފަރުދީ ޒިންމާއާއި މަސްއޫލިއްޔަތަށް ވެވޭ އިހުމާލު ބޮޑުކަމުންނެވެ. އެނގިގެންނާއި ނޭނގިތިބެ ، ފަރުދީ ޒިންމާ އަދާކުރުމަށް ފަސްޖެހޭތީއެވެ.

ފަރުދީ ޒިންމާއާއި މަސްއޫލިއްޔަތަކީ ، ދުނިޔޭގެ ހުރިހައި ކަންކޮޅެއްގައިވެސް ، މިހާރަކަށް އައިސް އިހުމާލުވެވޭ ކަމެކެވެ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ދާން ދޫކޮށްލައިގެން ، ތިމާއަށް ލިބޭ ބައި ބޮޑުކުރުމުގެ ވިސްނުން އެޖަމާޢަތެއްގައި ބޮޑުވާނެއެވެ. އެހެން އެއްވެސް ނަފުސަކަށް އަޅައިނުލައި ، ތިމާގެ އަމިއްލަ ނަފުސަށް ހުރިހައިމޮޅެއް އެދޭ ޙާލު ، އެމަގަށް ޢަމަލުތައް ބަށްޓަން ކުރުމުގެ ނަތިޖާއަކަށްވަނީ ، ޚުދުތިމާގެ އަމިއްލަ ނަފުސަށްވެސް އަޅައިނުލެވޭ ފަހަރު ގިނަވެގެން ދިއުމެވެ. އަމިއްލަ އެދުން އިސްކުރަމުންގޮސް ، ތިމާއަމިއްލަޔަށް ، ތިމާގެ އަމިއްލަ ނަފްސު ކަތިލައި މުސްތަޤްބަލް ބަނަކުރަމުން ދިއުމެވެ. މިއީ ހެވާއި ނުބައި ވަކިކޮށް ނުދަންނަ މުޖުތަމަޢެއްގައި އެބަޔަކު އަމިއްލަޔަށް ލިބިގަންނަ ހަލާކެކެވެ.

ހެވާއި ނުބައި ވަކިކޮށް ނުދަންނަ ޙާލަތަކަށް މުޖުތަމަޢެއް ވާޞީލުވަނީ މާޒީ ވަރަށް ހުރުތު ވެގެންނެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ، އިންސާނާ ދުނިޔެއަށް ފޮނުއްވީ ، އެއިންސާނާ އުޅެންވީގޮތް އަންގަވާފައެވެ. ހެވާއި ނުބަޔަކީ ކޮބައިކަން ވަރަށް ސާފުކޮށް އަންގަވާފައެވެ. އަދި ، ކައުއިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަވަނީ ، އެކަންކަމުގެ ރިވެތި ނަމޫނާތައް ދައްކަވައި ، ﷲ ގެ ރުއްސެވުން ލިބެން އޮތް ތެދުމަގާއި ހެޔޮގޮތާ އަދި ނުބައި މަގު ސާފުކޮށްދެއްވާފައެވެ. ސަލާމަތް ބުއްދިހުރި ކޮންމެ އިންސާނަކީ ، އޭނާގެ ވަށައިގެން ހިނގާ ކަންކަމުގެ ހެވާއަދި ނުބައި ވަކިކުރެވޭނެ މީހެކެވެ. އެހެން ނަމަވެސް ، ހެވަށް ހިތްނުކިޔައި ނުބަޔަށް ހިތްކިޔަމުންގޮސް އިންސާނާއަށް ، އޭނާގެ ދެދުނިޔެ ގެއްލޭއިރުވެސް އަމިއްލަ އެދުން ނޫންކަމެއް އިސްކުރެވޭގޮތެއް ނުވެއެވެ. މިވަބާއިން ސަލާމަތްވެ ، ބާއްޖަވެރިކަން ލިބިގެންދާނީ ، ޢިލްމާއި ޙިލްމާ އަދި ހުނަރުން ތަނަވަސްވެގެންވާ ސިކުނޑިތަކެއް އޭގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފައިގެންނެވެ.

ޢިލްމާއި ޙިލްމާ އަދި ޙިކުމަތުން ތަނަވަސް ވެގެންވާ ސިކުނޑިތަކެއްގެ ބޭނުން ، ހެވާއިނުބައި ވަކިކުރަން ދަންނަ މުޖުތަމަޢަކަށް ވަރަށް މުހިންމެވެ. ވަށައިގެން ހިނގަމުންދާ ކަންކަމުގެ މައްޗަށް ވިސްނުމާއި ފިކުރުގެ ބާރުފޯރާފަދަ ވެށްޓަކަށް ، ދިރިއުޅުމުގެ ޙާލަތު ނިއުޅިގެންދާނީ ، ޢިލްމު ލިބިގެންވާ ، ޙިލްމުގެ ބޭނުންހިފައި ، ޙިކުމަތު ޢަމަލީ އިސްކުރަން ދަންނަ މުޖްތަމަޢަކަށެވެ. ރައްޔިތުންގެ އަޑުއިވޭ ހެޔޮވެރިކަމެއްގެ ބިންގާ އެޅިގެންދާނީ މިފަދަ ވެށްޓެއްގައެވެ. އަބުރުވެރި ވެރިކަމެއްގެ އިޙުސާސް ، ރައްޔިތުންނަށް ލިބިގެންދާނީވެސް މިފަދަ ވެށްޓެއްގައެވެ. ކޮންމެ ކަމެއް ވަރިހަމަ ، އަމިއްލައެދުން އިސްކުރާ ފިކުރުތަކަށް ޖާގަނުލިބި ، ޢަދްލު އިސްސާފުގެ މަގަށް ދޮރުތައް ހުޅުވިގެންދާނީވެސް ، ޢިލްމުވެރި ތަޢުލީމީ ޤާބިލު ފަރުދުންނަށް ފުރުޞަތުލިބިގެންދާގޮތަށް ބަށްޓަންކުރެވިފައި އޮންނަ ހެޔޮވެރިކަމެއްގައެވެ. ވަކިފިކުރެއްގެ ނިވަލުގައި ވަކިބާރެއްގެ ތައްޕާހުގައި ބާރުލިބި ކަންހިންގަން ފުރުޞަތުލިބޭ ވެށްޓެއްގައި ޢަދްލު އިންސާފާއި ހަމަޖެހުން ޤާއިމެއް ނުކުރެވޭނެއެވެ. ނަޟާޙަތްތެރިކަން ގެއްލި ، އަމިއްލަ ސުފުރާމަތިން ފެށިގެން ، ނިޔާއިއްވޭ ދަރުބާރުތަކާހަމަޔަށް ފަސާދަފެތުރިގެންދާން މަގުފަހިވެގެންދަނީ ،  ޤާބިލް ނަފުސުތައް އެއްފަރާތްކުރެވި ، މިތުރުންނާއި އެކުވެރިންނާ އަދި ވާގިވެރިންނަށް މަގުކޮށައިދެވޭ މުޖްތަމަޢުތަކުގައެވެ.

ނަލަރީތިވެށްޓަކުން ، އަޑިނޭނގޭ ފުންކަނޑުގެ ބަގީޗާތަކުން ހިތްއުފައުކުރުމަށް ، ބިދޭސީން ޒިޔާރަތްކުރަމުންދާ މި ކުޑަކުޑަ ޤައުމުގެ ޙާލަތުވެސް ދުނިޔެއަށް ސިއްރުވެގެންނެއް ނުވެއެވެ. ސޫރަކުރެވޭ ނަލަކަމާއި ރީތިކަމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރުތައް ދުނިޔެއަށް އެނގެއެވެ. ކުށްވެރިން ކުށުގެވެށިން ފަސޭހަކަމާއެކު ސަލާމަތްވަމުން އެބަގެންދެއެވެ. ކުށްކުރާމީހުން ސަލާމަތްކޮށްދިނުމަށް ބައިހަދާފައި މަގުމައްޗަށް ނުކުމެ ، ޙައްޤުނޫން އަޑުތައް އުފުލާމީހުން މަދެއްނޫނެވެ. ނަފްސުގެ އަޅުންނަށްވެ އަމިއްލަ ނަފްސު ވިއްކަމުންގެންދާ މީހުންވެސް މަދެއްނޫނެވެ. ނުވިއްކާ އެކައްޗެއްވެސް ނޯންނަ ހިސާބަށް ޤައުމުގެ ޙާލަތުވަނީ ބަދަލުވެފައެވެ. ދުޢާއަކީ ، މިކުޑަކުޑަ އިސްލާމީ ޤައުމު ، ހުރިހައި ނުބައިކަމަކުން ސަލާމަތް ކޮށްދެއްވައި ، ސަލާމަތްކަމާއި އަމާންކަން ލިބިގެންވާ އިސްލާމީ އުއްމަތުގެ ޙިއްޞާއެއްގެ ގޮތުގައި ތާއަބަދަށް ދެމިއޮތުމެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.