ރޮހިންޖާ ރެފިއުޖީން ތިބި ބޯޓެއް ކާބޯތަކެތި ނެތި އޮޔާދަނީ: އދ.

ރޮހިންޖާ ރެފިއުންޖީން ތިބި ބޯޓެއް ކާތަކެއްޗާއި ބޯފެން ނެތި އެންޑަމަން ކަނޑުގައި އޮޔާދާ ކަމަށާއި، އޭގައި ތިބި ގިނަ ބަޔަކު މިހާރު މަރުވެފައި ވެދާނެތީ އާއިލާތަކުން ކަންބޮޑުވާކަމަށް އދ.ން ބުނެފިއެވެ.

ޔުނައިޓެޑް ނޭޝަންސް ހައިކޮމިޝަނާ ފޯ ރެފިއުޖީސް (ޔޫއެންއެޗްސީއާރް) އިން ބުނީ މީގެ ދެ ހަފުތާ ކުރިން ބަންގްލާދޭޝްއިން ފުރި އެބޯޓުގައި ތިބި ބައެއް މީހުން މިހާރު މަރުވެފައިވާކަން އެ އިދާރާއަށް އެނިގިފައިވާ ކަމަށާއި، ބޯޓު މިހާރު އޮތް ހިސާބެއް ބުނަން ނޭނގޭ ކަމަށެވެ.

އދ.ގެ އިތުރަށް އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުން ބުނާ ގޮތުގައި އެބޯޓުގައި ތިބި ގިނަ ބަޔަކު މިހާރު ވަނީ ބަލިވެފައެވެ. އަދި ކާބޯތަކެތި ނުލިބުމުގެ ސަބަބުން ބަނޑަށް ޖެހިފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި 90 ވަރަކަށް ރެފިއުޖީން (އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭ) އެ ބޯޓުން ދަތުރު ފެށީ މިހާރު އުޅޭ ހާލަށް ވުރެ ރަނގަޅު ހާލެއްގައި ދިރިއުޅެވޭނެ ގޮތެއް ހޯދުމަށެވެ. މިފަދަ މީހުންނަކީ ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކުން ރަނގަޅު ވަޒީފާ ހޯދާދޭނެކަމުގެ ދަޅަދައްކާ އިންސާނީ ވަގުފާރިކުރާ މީހުންގެ ހެއްލުމުގެ ޝިކާރައަކަށް ވާ މީހުންކަމުގައި ގިނަ ފަހަރަށް އޮންނަނީ ވެފައެވެ.

ބަންގްލާދޭޝްގައި ރޮހިންޖާ ރެފިއުޖީން އެެންމެ ގިނައިން ދިިރިއުޅޭ ސަރަހައްދު، ކޮކްސަސް ބާޒާރުގެ މަސްއޫލުވެރިން ބުނެފައި ވަނީ ރެފިއުޖީން ދަތުރުކުރާ ބޯޓާބެހޭ އެެއްވެސް މައުލޫމާތެއް ލިބިފައި ނުވާކަމުގައެެވެ.

ޔޫއެންއެޗްސީއާރުން ބުނީ ރެފިއުޖީން ދަތުރުުކުރާ ބޯޓު ހޯދަން އިންޑިޔާގެ ކޯސްޓުގާޑުން ބަޔަކު ފޮނުވާފައިވާ ކަމުގައެވެ.

"މީހުން ހޯދައި ސަލާމަތްކުރާ ޓީމެއް ފޮނުވައިގެން އިންޑިޔާ ކޯސްޓުގާޑުން ކުރާ މަސައްކަތުގެ އަގު އަހަރުމެން ވަޒަންކުރަން." ޔޫއެންއެޗްސީއާރް ރީޖަނަލް ބިއުރޯ ފޯ އޭޝިޔާ އެންޑް ޕެސިފިކްގެ ތަރުޖަމާނު ކެތަރީން ސްޓަބަފީލްޑް ވިދާޅުވިއެވެ.

"ރެފިއުޖީން އަދިވެސް ބެހެމުންދާތީ، އެމީހުން އަސާސީ އިންސާނީ ބޭނުންތައް ފުދޭނެގޮތް ހެދުމަށާއި، އެމީހުންގެ ސަލާމަތްތެރިކަން ޔަގީންކުރުމަށް، އެމީހުން އެބޯޓުން ބޭލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް." އޭނާ އިތުރަށް ވިދާޅުވިއެވެ.

އިންޑިޔާ ކޯސްޓުގާޑުގެ ފަރާތުން ވާހަކަދެއްކި ޕީ. އެން. އަނޫޕް ބުނީ އެ ބޯޓު ވީ  ތަނެއް އަދި ބުނަން ނޭނގޭ ކަމުގައެވެ.

ރޮހިންޖާ ރެފިއުޖީންގެ ކަންކަން ބަލާ އަރަކާން ޕްރޮޖެކްޓްގެ ޑިރެކްޓަރު ކްރިސް ލުވިސް ވިދާޅުވީ އެެންމެ ފަހުން ޚަބަރު ލިބުނު ގޮތުގައި އެ ބޯޓުން އަށް މީހަކު މަރުވެފައިވާ ކަމުގައެވެ.

"އަހަރުމެން އައީ އެމީހުންނާ (ބޯޓުގައި ތިބި މީހުންނާ) ވާހަކަދައްކަމުން. އެކަަމަކު މިހާރު އެމީހުންނާ ނުގުޅޭ. އެމީހުން އަތުގައި ކާ އެެއްޗެއް އަދި ބޯ ފެނެއް ނެތް. ކަނޑުގެ ލޮނު ބޮއެގެން މަރުވަނީ." އޭނާ ވިދާޅުވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.