ރޮހިންޖާ ރެފިއުޖީންގެ އެތައް ސަތޭކަ ބަޔަކު ކަނޑުމަތިވެފައި

ބަންގްލާދޭޝްއިން ވަނީ އެމީހުން ބަލައިގަތުމަށް ދެކޮޅުހަދާފައި

ދެ މަސްބޯޓެއްގައި ކަނޑުމަތީގައި ތިބި ރޮހިންޖާ ރެފިއުޖީންގެ 500 އެއްހާ މީހުން ބަންގްލާދޭޝްއަށް ފޭބުމުގެ ހުއްދަ ދިނުމަށް އެގައުމުން ދެކޮޅުހަދައިފިއެެވެ. އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވަނީ އެ ގައުމުގެ މި ނިންމުން ކުށްވެރިކޮށްފައެވެ.

އެެމްނެެސްޓީ އިންޓަނޭޝަަނަލްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބަންގްލާދޭޝްއިން އެ ރެފިއުޖީން ބަލައިގަތުމަށް ދެކޮޅުހަދާފައި ވާއިރު، އެހެން ގައުމުތަކުން އެ ގައުމުތަކުގެ އިންސާނީ މަސްއޫލިއްޔަތު އަދާކޮށް، ހާލުގައި ޖެހިފައި ތިބި މީހުން އެއްގަަމަށް އެރުމުގެ ހުއްދަ ދިނުމަށް ވަނީ ގޮވައިލާފައެވެ.

މިހާރު ބޭ އޮފް ބެންގޯލްގައި ލަފާނެ ތަނެއް ނެތިފައި އޮތް ދެ މަސްބޯޓަކީ މެލޭޝިޔާއިން އެގައުމަށް ލެފުމުގެ ހުއްދަ ނުދިން ދެބޯޓެވެ. ކޮވިޑް- 19 އާއި ގުޅިގެން މެލޭޝިޔާއިން ވަނީ އެގައުމަށް މިފަދަ ބޯޓުތައް ލެފުން މަނާކޮށްފައެވެ.

ޚަބަރުފަތުރާ ބައިނަލްއަގުވާމީ ވަސީލަތްތަކަށް މައުލޫމާތުދެއްވަމުން ބަންގްލާދޭޝްގެ ޚާރިޖީ ވަޒީރު އޭކޭ ޢަބްދުލް މުއުމިން ވިދާޅުވީ ކަނޑުމަތީގައި ތިބި ރޮހިންޖާ ރެފިއުޖީންނަކީ "ބަންގްލާދޭޝްގެ ޒިންމާއެއެް ނޫން" ކަމުގައެވެ.

"އެ ރޮހިންޖާއިން ނަގަން ބަންގްލާދޭޝްގެ ކިބައިން ތި އެދެނީ ކީއްވެ؟ އެމީހުން ތިބީ މާ ކަނޑުގައި. ބަންގްލާދޭޝްގެ ކަނޑުގެ ސަރަހައްދުގައެއްވެސް ނޫން. ކަލޭމެން ކުރަން ޖެހޭ ކަމަކީ ފުރަތަމަ މިޔަންމާ ސަރުކާރާ ސުވާލުކުރުން. އެއީ އެ ގައުމުގެ ރައްޔިތުންނަށް ވާތީ." ޢަބްދުލް މުއުމިން ވިދާޅުވިއެވެ.

ރެފިއުޖިންނާ ބެހޭ އދ. އިދާރާ، ޔޫއެންއެޗްސީއާރުން ލަފާކުރާ ގޮތުގައި ދެ މަސްބޯޓުގައި ތިބި ރެފިއުޖީން ކަނޑުމަތީގައި "އެކަށީގެންވާ ވަރަށް ކާބޯތަކެތި ނެތި ކަނޑުމަތީގައި ތާާށިވެފައި ތިބޭތާ އެެތައް ހަފުތާއެެއް ވެދާނެ" އެވެ.

ހިއުމަންރައިޓްސް ވޮޗްއިން ވެސް ވަނީ ރެފިއުޖީން ބަަލައިގަތުމަށް ބަންގްލާދޭޭޝްއަށް ގޮވައިލާފައެވެ. އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ވަނީ ރެފިއުޖީން އެއްގަމަށް ފައިބައި އެމީހުންނަށް ބޭނުންވާ ކާބޯތަކެތި ހޯދައި، ސިއްހީ ޚިދުމަތް ލިބިގަތުމުގެ ފުރުސަތު ރެފިއުޖީންނަށް ދިނުމަށް ބަންގްލާދޭޝްއަށް ގޮވައިލާފައެވެ.

އެ ޖަމާއަތުން ބުނި ގޮތުގައި ކަނޑުމަތިވެ، ހާލުގައި ޖެހިގެން އެހީއަށް އެދޭ ރެފިއުޖީންނަށް އެހީވުމަކީ ސަރަހައްދުގެ ގައުމުތައް ކަމުގައިވާ މެލޭޝިޔާއާއި، ތައިލޭންޑާއި، ބަންގްލާދޭޝްގެ ޒިންމާއެެކެވެ.

2107 ވަނަ އަހަރު މިޔަންމާ ސިފައިން ހިންގި ނަސްލު ސާފުކުރުމުގެ ލާއިންސާނީ ޖަރީމާތަކުން ސަލާމަތްވާން ރޮހިންޖާ މުސްލިމުންގެ 7 ލައްކައަށް ވުރެ ގިނަ މީހުން ވަނީ ބަންގްލާދޭޝްއަށް ގޮސްފައެވެ. އެ މީހުން މިހާރުވެސް އުޅެމުން ދަނީ ބަންގްލާދޭޝްގެ ކޮކްސަސް ބާޒާރުގައި ހަދާފައިވާ ރެފިއުޖީ ކޭންޕުތަކުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. Thee haadha nubai haarijee wazeerekey dho..meena ge gaumu meehun mi raajje ah ginavegen midhuvasvaru fonuvan ulhuneema angany border hulhuveema ay gendhaany...ajaibeh. mitha mithiby gaimu rohinja meehuneh noon. Abdul moominu ge rashu meehun.. kandumathi vefa thibi rohinja meehunah heyo rangalhu goiyyh vumah edhi dhuaa kuran..?

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.