އިންޑިޔާއިން ގެނައި ގާނޫނީ ބަަދަލުތަކާއެކު ކަޝްމީރުގެ އަމިއްލަ ވެރިކަން ވަނީ ގެއްލިފައި: އދ.ގެ ތަޖުރިބާކާރުން

އިންޑިޔާ ސިފައިން ކަޝްމީރުގައި ހަތިޔާރާއެކު ފޯރިމަރަނީ

ޖައްމޫ އެންޑް ކަޝްމިީރަށް އިންޑިޔާގެ ގާނޫނު އަސާސީގައި ދީފައި އޮތް އިމްތިޔާުޒުތައް އުވާލައި، އެ އިމްތިޔާޒުތަކުން ކަޝްމީރަށް ދީފައި އޮތް އަމިިއްލަވ ވަރިކަމުގެ ހައްގު ނިގުޅައިގަނެ، އިންޑިޔާގެ މަރުކަޒީ ސަރުކާރުގެ ވެރިކަން އެ ސަރަހައްދުގައި ހިންގަން ނިންމާފައިވާތީ އދ.ގެ ދެ ރެޕޯޓަަރުން ކަންބޮޑުވުން ފާޅުކުރައްވައިިފިއެވެ.

އދ.ގެ ސްޕެޝަލް ރެޕޯޓަ އޮން މައިނޯރިޓީ އިޝޫސް ފެރްނާންޑް ޑި ވެރެންސް އަދި ސްޕެޝަލް ރެޕޯޓަރ އޮން ފްރީޑަމް އޮފް ރެލިޖަން އޯ ބިލީފް ޑރ. އަޙްމަދު ޝަހީދުގެ ކަންބޮޑުވުންތައް ހާމަކުރައްވައި އިއްޔެ ބަޔާނެއް ނެރުއްވާފައި ވަނީ އިންޑިޔާ ސަރުކާރުން އިންތިޒާމުކޮށްގެން 'ކަޝްމީރު ހަގީގީ ހާލަތު' ގާތުން ދެއްކުމަށް 12 ޑިޕްލޮމޭޓަކު އެ ސަަރަަހައްދަށް ވަަޑައިގެން އުޅުއްވާ ދަނޑިވަޅެއްގައެވެ.

"އަމިއްލަ ވެރިކަން ގެއްލުމާއި، ނިއު ދިއްލީ ސަރުކާރުގެ ސީދާ ވެރިކަން ހިންގަން ފެށުމުގެ މާނައަކީ، ކަޝްމީރު މީހުންނަށް މިހާރު އެމީހުންގެ އަމިއްލަ ސަރުކާރެއް ނެތުމާއި، އެ ސަަރައްދުގެ ގާނޫނުތައް އަމިއްލައަށް ހަދައި، ގާނޫނުތަކަށް ބަދަލުގެނައުމުގެ ހައްގު ގެއްލުމާއި، ބައިމަދު އާބާދީއެއްގެ ހައިސިއްޔަތުން އެމީހުންގެ ހައްގުތައް ރައްކާތެރިކުރުމުގެ ހައްގު އެމީހުންނަށް ގެއްލުން." އދ.ގެ ތަޖުރިބާކާރުންގެ ބަޔާނުގައި ވެއެވެ.

ކަޝްމީރުގެ ރަށްވެހިން ނޫން މީހުންނަށް ކަޝްމީރުގައި ވަޒަންވެރިވެ، ބިން މިލްކުކުރުމުގެ ހައްގު ދޭން އިންޑިޔާ ސަރުކާރުން ނިންމާފައި ވާތީ އދ.ގެ ރެޕޯޓަރުން ވަނީ އެކަމާމެދުވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"ޖައްމޫ އެންޑް ކަޝްމީރުން ބޭރު މީހުން ކަމަށް ބެލެވޭ މީހުންނަށް ކަޝްމީރުގެ ވަޒަންވެރިކަމުގެ ސެޓްފިކެޓް ލިބޭ މިންވަރު އިތުރުވުމަކީ ކަޝްމީރުގެ ބަހާއި، ދީނާއި، ނަސްލު އެ ސަރަހައްދުގައި ތަމްސީލުވާ މިންވަރަށް ބޮޑެތި ބަދަލުތަކެއް އައުމުގެ ކަންބޮޑުވުން އިތުރުކޮށްދޭ ކަމެއް." ބަޔާނުގައި އިތުރަށް ވެއެވެ.

އދ.ގެ ދެ ރެޕޯޓަރުންގެ މި ބަޔާނާ ގުޅިގެން އިންޑިޔާއިން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.

އިންޑިޔާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްއިން ނެރުނު ބަޔާނެއްގައި، އެ ބަޔާނަށް ވަރަށް ބޮޑަށް ފާޑުކިޔާފައި ވާއިރު، ބަޔާން ނެރުރު ވަގުތާމެދުވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުން ސްޕެޝަލް ރެޕޯޓަރުން ތަބާވާންޖެހޭނެ ކަަމަށް ކަނޑައަޅާފައިވާ މަގުސަދު ސާފުވުމާއި، ވަކިފަރާތަކަށް ނުޖެހުމުގު އުސޫލަތާމެދު މި ބަޔާނުގެ (ރެޕޯޓަރުންގެ ބަޔާނުގެ) ސަބަބުން ވަނީ ސުވާލު އުފެދިފައި." އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

އެކްސްޓާނަލް އެެފެއާޒް މިނިސްޓްރީ ތަރުޖަމާނު އަނޫރާގް ސްރީވާސްތަވާ ވަނީ އދ. ގެ ތަޖުރިބާކާރުންގެ ބަޔާން އިންޑިޔާ ސަރުކާރާ ހިއްސާކުރައްވާފައި ނުވާކަމުގެ ތުހުމަތުކުރައްވާފައެވެ.

"އޭގެ ބަދަލުގައި އެބޭފުޅުން ނިންވެނީ އެބޭފުޅުންނަށް ރަނގަޅުކަމަށް ލަފާކުރެއްވުނު ކަންކަން ޚަބަރުފަތުރާ ވަސީލަތްތަކަށް ދޫކޮށްލައްވަން. ބަޔާން ނެރުއްވި ވަގުތުވެސް ވަނީ ސަފީރުންގެ ގްްރޫޕަކުން ޖައްމޫ އެންޑް ކަޝްމީރަށް ޒިޔާރަތްކުރަމުން ގެންދާ ވަގުތާ ދިމާވާގޮތަށް ގަސްތުގައި ހައްދަވާފައި. ސްރިވާސްތަވާ ބުނެފައި ވެއެވެ.

ކަޝްމީރު އިންޑިޔާގެ ދަށުގައި އޮތުމާ ދެކޮަޅަށް އެ ސަރަހައްދުގައި 1989 ވަނަ އަހަރުފެށުނު ދެކޮޅުވެރިކަމުގެ ހަރަކާތުގައި މިހާތަނަށް 50 ހާހަށްވުރެ ގިނަ މީހުން މަރުވެފައި ވާކަމަށް އިންޑިޔާ ސަރުކާރުން ބުނާއިރު، އެހެން ފަރާތްތަކުން ބުނާ ގޮތުން އެ އަދަދު 1 ލައްކައަށްވުރެ މަތި ވާނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.