ޕުލްވާމާ ހަމަލާއަށް ފަހު ކަޝްމީރުގެ މުސްލިމުންނަށް ގޯނާކުރުން އިތުރުވެއްޖެ

ކަޝްމީރުގެ އިންޑިޔާ ފަޅީގެ ޕުލްވާމާގައި މި ފެބުރުވަރީ މަހުގެ 14 ވަނަ ދުވަހު ޖާނުން ފިދާވެގެން ދިން ހަމަލާއެއްގައި އިންޑިޔާ ފުލުހުންގެ 44 މީހުން މަރާލިފަހުން، ޖައްމޫ އެންޑް ކަޝްމީރުގެ މުސްލިމުންނަށް އެ ސްޓޭޓާއި، ސްޓޭޓުން ބޭރުގައި ކުރާ ގޯނާތައް އިތުރުވެއްޖެއެވެ.

މުސްލިމުން ދަތުރުކުރާ އުޅަނދުތަކަށް ގެއްލުން ދިނުމާ، މުސްލިމުން ތިބޭ ތަންތަނަށް ގޮސް "ޚިޔާނާތްތެރިން" މަރާލާނެ ކަމުގެ ބިރުދެއްކުން ފަދަ އަމަލުތައް ގިނަވުމުގެ ސަބަބުން ކަޝްމީރުގެ އެތައް ހާސް މުސްލިމުންނެއް ވަނީ ބިރުން އެކި ތަންތަނުގައި ހިމާޔަތް ހޯދާފައެވެ.

ޖައްމޫގެ ބަތިންޑީ އަވަށުން ވާހަކަދެއްކި މީހަކު ބުނި ގޮތުގައި އެރަށުގައި ދިރިއުޅޭ މުސްލިމުންގެ ދެހާހެއްހަ މީހުން އެރަށުގެ މައްކާ މިސްކިތުގައި ހިމާޔަތް ހޯދައިގެން އެބަތިއްބެވެ. އަދި އެ މިސްކިތުގައި ހިމާޔަތް ހޯދަން އަންނަ މީހުން ދަނީ އިތުރުވަމުންނެވެ.

ޖައްމޫ ސިޓީގައި ޚާތިކާން ތާލާބް ޖާއިމާ މަސްޖިދުގައިވެސް 1600 މީހުން ތިބިކަމުގެ ޚަބަރު ލިބެއެވެ. އެ މިސްކިތުގައި ތިބި މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް މުސްލިމް ޖަމްއިއްޔާތަކުން ދަނީ ކުރަމުންނެވެ.

ނިއުދިއްލީގެ އުތުރުގައި އޮންނަ ދޭރާދުންދު އަވަށުގައި ކޮޓަރި ކުއްޔަށް ހިފައިގެން އުޅޭ ކަޝްމީރުގެ މުސްލިމް 30 ދަރިވަރުން ކޮޓަރިއެއްގައި ބަންދުވެފައި ތިބުމަށް ފަހު ފިލައިގެން މިހާރުވަނީ ކަޝްމީރަށް ގޮސްފައެވެ. އެމީހުންވެސް މަރާލާނެ ކަމަށް ބުނެ ބަޔަކު އެއްވެ ބިރުދައްކާފައި ވެއެވެ. މި ނޫން ސަރަހައްދުތަކުންވެސް ކަޝްމީރުގެ ދަރިވަރުން އެނބުރި ރަށަށް ދާން މަސައްކަތްކުރާ ކަމުގެ ޚަބަރުތައް ދަނީ ލިބެމުންނެވެ. އިންޑިޔާގެ އެކި ޔުނިވަސިޓީގައި ކަޝްމީރު މުސްލިމުންގެ 11 ހާސް ދަރިވަރުން ކިޔަވަމުން ދެއެވެ.

މި ހަމަލާތަކާ ގުޅިގެން ޖައްމޫ އެންޑް ކަޝްމީރު ސްޓޭޓުގެ ކުރީގެ ޗީފް މިނިސްޓަރު ފާރޫޤު ޢަބްދުﷲ ވިދާޅުވީ، މި ގޯނާތަކަކީ މަކަރުވެރި ރޭވުމެއްގެ ދަށުން އިންޑިޔާ ސަރުކާރުގެ ރުހުން ލިބިގެން ހިނގާ ކަންކަމެވެ.

އދ. ގެ ހައިކޮމިޝަނާ ފޯ ހިއުމަން ރައިޓްސް ރުޕާޓް ކޮލްވިލް ވެސް ވަނީ ކަޝްމީރުގެ މުސްލިމުންނަށް ގޯނާކުރާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި އެކަން ހުއްޓާލުމަށް ގޮވައިލައްވާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.