ފަޅިމޫނު - 38

(10 ފެބްރުއަރީ 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ރުޚްސާނާގެ މަންމަ، ފަރުޒާނާގެ މަންމައަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. މައްސަލަތައް ހަނދާން ނައްތައިލާފައި ގުޅުން ބާއްވާށޭ ބުންޏެވެ. ފަރުޒާނާގެ މަންމަ އެންމެ ފަހުން ބުންޏެވެ. "ދައްތާ. އަހަރެމެންގެ ބޭނުން ވަރަށް ބޮޑަށް ޖެހޭފަދަ ހާލަތެއް މެދުވެރި ވެއްޖެއްޔާ އަހަރެމެން އަންނާނަން. އެކަމަކު މިހާރު މި އޮތީ އައިސްގޮސްވުން ހުއްޓާލަން ޖެހޭ ހާލަތަކަށް އައިސްފައި. ދައްތަގެ މަސައްކަތް ކާމިޔާބު ވާނެ. ﷲ އަށް އިތުބާރު ކޮށްގެން މަސައްކަތް ކުރިއަށް ގެންދޭ."

ރުޚްސާނާގެ މަންމަ ހިނގައްޖެއެވެ. އޭނާ ދިޔައީމާ ފަރުޒާނާ ބުންޏެވެ. "މަންމާ. އަހަންނަށް ފެންނަ އެންމެ ރަނގަޅު ގޮތަކީ މި ގެ ވިއްކާލާފައި އެހެން ރަށަކަށް ގޮސް ގެއެއް ގަނެގެން ދިރިއުޅެން ފެށުން."

"ޖަޒުބާތުގެ އޮއިވަރުގައި އަވަސް ނިންމުމެއް ނިންމުން ބުއްދިވެރިއެއް ނުވާނެ. މަންމަ މިގެ ދޫކޮށްނުލައި މި ހުންނަނީ ދަރިފުޅު ކިޔަވައި ނިމިގެން ކުލިނިކެއް ހުޅުވާން ބޭނުންވާ ވަގުތު ގެ ވިއްކާލާފައި އެކަމަށް މަގުފަހި ކުރަން ވެގެން. މި ވަގުތު ތިޔަ ކަހަލަ ކަމެއް ކުރުމުގެ ބޭނުމަކީ ކޮބާ؟ އަހަރެމެން މިއީ ކުށްވެރިންނެއް ނޫނީމެއްނު؟"

"ކުށްވެރިންނަށް ވާތީއެއް ނޫން. އެމީހުންނާ ކައިރީގައި ދިރިއުޅުން އެއީ އަހަންނަށް އުނދަގޫ ކަމަކަށް ވާނެތީ ދެއްކި ވާހަކައެއް. ގެ ނުވިއްކަންޏާ އެހެން ގޮތެއްވެސް އެބައޮތް. ސައްކަރަށް ބޮޑުބޭބެ ގާތަށް ދާން ހިނގާ. ރުޚްސާނާ ބާދްޝާއާ އިނދެގެން އޭނާގެ ގެއަށް ދިޔައީމާ އަހަރެމެން އެނބުރި އަންނާނީ."

"އާނ. ތިޔައީ އެންމެ ރަނގަޅު ކަމެއް. އަހަރެންވެސް މި ހުންނަނީ ބޭބެ ގާތަށް ދާހިތުން."

"އެހެން ވެއްޖެއްޔާ މިރޭ ދާން ހިނގާ. މަންމާ. މީގެ ފަހުން ބާދްޝާ ޖާނީގެ ކުރިމައްޗަށް އަރާކަށް އަހަރެން ބޭނުމެއް ނޫން. އެމީހުންގެ ކާވެނީގެ ކުރިން ބާދްޝާއާ ބައްދަލު ވެއްޖެއްޔާ ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް ވަންނާންވެސް ޖެހިދާނެ."

"މަންމައަށް ދަރިފުޅުގެ މަޖުބޫރީ ހާލަތު ވިސްނޭ. ކޮލެޖަށް ދޭ. މަންމަ ދަތުރަށް ފޮށިތަންމަތި ތައްޔާރު ކުރާނަން. އިރާދަކުރެއްވިއްޔާ މިރޭ ފުރާނީ."

ހެނދުނު ނުވައެއް ޖެހުމުގެ ކުރިން އޭނާ ގެއިން ނުކުމެއްޖެއެވެ. ނުކުތް ގޮތަށް މިސްރާބު ޖެހީ ޢައްބާސީ ހަސްފަތާލާ ދިމާއަށެވެ. ކުލީކާރެއް ފެނުމާއެކު ހިތަށް އަރަނީ އެއީ ބާދްޝާ ޖާނީ ކަމުގައެވެ. އެކަމަކު ހަސްފަތާލުގެ ކުރިމައްޗަކު ކުލީކާރެއް ނެތެވެ. ތަންކޮޅެއް ދުރުގައި ކުލީކާރެއް އޮތެވެ. އެ ކާރުގެ ފަހަތު ގޮނޑީގައި ބާދްޝާ ނިދާފައި އޮތްކަމެއް އޭރަކު އޭނާއަކަށް ނޭނގެއެވެ. ޚުދު އޭނާވެސް ރޭ ހަތަރުދަމު އޮތީ ހޭލައެވެ. އެހެންވީމާ ހުރީ ނިދިބަރުކައިފައެވެ. ނުވަގަޑިބައި ވާންދެން އިންތިޒާރު ކޮށްފައި ކާރު ނައިމާ އޭނާ އެއްކަލަ ކާރާ ދިމާއަށް ހިނގައިގެންފިއެވެ. ކާރުގެ ފަހަތު ގޮނޑީގައި މީހަކު ނިދާފައި އެބައޮތެވެ. އޭނާ ތަންކޮޅެއް ރަނގަޅަށް ބަލައިލީމާ އެއީ ބާދްޝާކަން އެނގިއްޖެއެވެ. އޭނާ ހައިރާންވިއެވެ. ހިތަށް އެރިއެވެ. ނިކަން ދެކިބަލާށެވެ. އޭނާ އިއްޔެއްސުރެ އަހަރެންގެ އިންތިޒާރުގައި މިތާނގައި އެއޮތީއެވެ. ގެއަކަށް ނުދެއެވެ. މިއަދު އަހަންނަށްޓަކައި އޭނާ ދޫކޮށްލީ ގެއެވެ. މާދަމާ ދުނިޔެ ދޫކޮށްލާކަށްވެސް ފަހަކަށް ނުޖެހޭނެއެވެ.

އޭނާއަށް ފިނި އާހެއް ލެވުނެވެ. ބާދްޝާއަށް ގޮވައި ނަގައިފިއެވެ. އެދުވަހުގެ އިރުއޮއްސޭން ގާތްވާންދެން އޭނާ އުޅުނީ ބާދްޝާއާ އެކީގައެވެ. އެއީ ދެމީހުން ބައްދަލުވާނޭ އެންމެ ފަހު ދުވަހެވެ. ހަވީރު ވަކިވުމުގެ ވަގުތު ޖެހުމާއެކު އޭނާއަށް ބޭއިޚްތިޔާރުގައި ރޮވިއްޖެއެވެ. ބާދްޝާ އޭނާއަށް ވިސްނައިދިނެވެ. މިއީ ވަގުތީ ވަކިވުމެކޭ މިއަދަށްފަހު ދެމީހުން މުޅި އުމުރު ދުވަހު އުޅޭނީ އެކީގައޭ ބުންޏެވެ.

ދެމީހުން ހިމޭންކަމާއެކު ވަކި ވެއްޖެއެވެ.

ފަތިހު ފުރާ ރޭލުން ފުރުމުގެ ހުރިހައި ތައްޔާރީއެއް ކޮށްފައި ހުރި ވާހަކަ މަންމަ އޭނާ ގެއަށް އައީމާ ބުންޏެވެ.

އެރޭ ރޭގަނޑު ރުޚްސާނާ އެގެއަށް އަތުވެއްޖެއެވެ. ރުޚްސާނާ ފެނުމާއެކު ފަރުޒާނާ އަތް ހިއްލައިލިއެވެ. "އަހަންނަށް އުނދަގޫ ނުކުރޭ. ލޯބިވާ ވާހަކަ ދައްކަން މިގެއަށް ނާދޭ."

ރުޚްސާނާ ބުންޏެވެ. "ތިޔަ ހުންނަނީ އަހަރެން ދެކެ ވަރަށް ބޮޑަށް ރުޅި އައިސްފައިކަން އަހަންނަށް އެނގޭ. އަހަރެން މި އައީ އެންމެ ފަހު ފަހަރު ބައްދަލުކޮށްލާން ކަމަށް ބަލާ. އެކަމަކު ފަރީ ބޭނުން ވެއްޖެއްޔާ ބޭނުން ކޮންމެ ވަގުތަކު އަހަންނާ ބައްދަލު ކުރެވޭނެ. އެއްހާސް ފަހަރުވެސް އަހަރެން ހުންނާނީ ބައްދަލު ކުރަން ތައްޔާރަށް. މިހާރު މި އައީ މުހިއްމު ވާހަކައެއް ދައްކައިލާން ވެގެން."

ފަރުޒާނާ ބުންޏެވެ. "އިށީނދޭ. މާ ގިނަ ވާހަކަ ނުދައްކައި ތިޔަ ބުނާ މުހިއްމު ވާހަކަ ބުނޭ. އެއީ މުހިއްމު ވާހަކައެއް ކަމުގައި އަހަންނަށް ފެނުނިއްޔާ ޖަވާބެއް ދޭނަން. އެހެންނޫނީ ބުނާ އެއްޗެއް ބުނެ ނިންމާފައި ނުކުމެގެން ދޭ."

ރުޚްސާނާ ގޮނޑިއެއްގައި އިށީނދެއްޖެއެވެ. "މަންމަ ބާދްޝާ ޖާނީއާ ހުރިހައި ވާހަކައެއް ދައްކައިފި. މަންމަގެ ހުރިހައި ޝަރުތަކަށް އޭނާ އެއްބަސް ވެއްޖެ. އެކަމަކު އަހަންނަށް އިހުސާސް ކުރެވުނު ގޮތުގައި އޭނާ އެ ކުރާ ހުރިހައި ކަމެއް ކުރަނީ ފަރީއަށްޓަކައި. އޭނާގެ ގެ އަހަރެންގެ ނަމަށް ބަދަލު ކުރާނެ. އެކަމަކު އޭނާގެ ސިކުނޑީގައި އޮންނާނީ ފަރީ. ރަނަށް ކީ އަދަދަކީ ނުލާހިކު ބޮޑު އަދަދެއް ކަމަށް ވާއިރުވެސް އޭނާ ގަބޫލުކުރީ ފަރީގެ ތަސައްވުރުގައި ހުރެގެން. ކާވެނި ކުރެވޭނީ އަހަންނާ. އެކަމަކު އޭނާގެ ހިތުގައި ޖަހާނީ ފަރީގެ ވިންދު. މި ހުރިހައި ކަމެއް މި ގޮތަށް ކޮށްފައި އަލަތު ކާވެނީގެ ރޭ އަހަރެންގެ މޫނު ފެނުނީމާ ވާނީ ކިހިނެއް؟"

ފަރުޒާނާ ބުންޏެވެ. "އެކަމާ ވިސްނުމަކީ ރުޚްސާނާގެ ކަމެއް. އަހަރެންގެ މަސައްކަތް ނިމިއްޖެ."

"އާނ. އެއީ އަހަރެން ވިސްނަން ޖެހޭ ކަމެއް. އަހަރެން މި އައީ އެހެން ވެގެން. އަހަރެން ބާދްޝާ ޖާނީގެ ކަންތައް އަމިއްލައަށް ކޮންމެވެސް ގޮތަކުން ހަމަޖައްސައިފާނަން. އެކި ކަހަލަ ވާހަކަ ދައްކައިގެން އަހަރެން މިއީ އޭނާ ލޯބިވީ ރުޚްސާނާކަން ޔަގީންކޮށް ދީފާނަން. އެކަމަކު އެކަން ކުރެވޭނީ އޭނާގެ ކުރިމަތީގައި ފަރީގެ ޝަޚުސިއްޔަތާއި އާދަތައް ހުރި ގޮތަކާއި ދިމާވީ ހުރިހައި ކަމަކާއި ދެކެވުނު ހުރިހައި ވާހަކައެއް އަހަންނަށް އެނގިގެން. މިއަދު ހިނގި ހުރިހައި ކަމަކާއި ދެކެވުނު ހުރިހައި ވާހަކައެއް އަހަންނަށް ކިޔައިދީ."

އެ ދުވަހު ދިޔަ ތަންތަނާއި، ދެކެވުނު ވާހަކައާއި ކުރި ހުރިހައި ކަމެއް ވަރަށް ތަފުސީލުކޮށް ކިޔައިދިނުމަށް ފަހު ފަރުޒާނާ ބުންޏެވެ. "އަހަންނާއި މަންމަޔާ ދެމީހުން މިރޭ ފަތިހު ސައްކަރަށް ދާން ފުރާނަން. އެނބުރި އަންނާނީ ފަނަވަރަކަށް ދުވަސް ފަހުން. އެހައި ތަނަށް ރުޚްސާނާގެ ކާވެނި އޮންނާނީ ކުރެވިފައި. އޭގެ ފަހުން އަހަރެން ބަދުނާމުން މިންޖުވާނެ. ރުޚްސާނާގެ މޫނު އަންދައިލީކަމުގެ އިލްޒާމުން ސަލާމަތްވާނެ. އެކަމަކު އެއްކަމެއް އަހަރެން ވަރަށް ރަނގަޅަށް ހަނދާން އެބަހުރި. އެއީ އަހަރެންގެ ވަޢުދު. ކިޔެވުން ނިންމައި އާމްދަނީ ލިބެން ފެށީމާ ރުޚްސާނާގެ މޫނުގެ ޕްލާސްޓިކް ސާޖަރީއަށް ފައިސާ ޖަމާކޮށްދިނުން."

ރުޚްސާނާ ތެދުވެއްޖެއެވެ. "އަހަރެން ފަރީ އަތުން ފައިސާއެއް ބޭނުމެއް ނޫން. އެކަމަށްޓަކައި އެންމެ ފައިސާފޮއްޗެއްވެސް އަތުލާކަށް ބޭނުމެއް ނޫން. ފަރީ ގަސްތުގައި އަހަރެންގެ މޫނު ފިއްސައިލީއަކީއެއް ނޫން. އަހަރެން އެހެން ބުނަނީ ރުޅި އައިސްގެން ގޮސް ކޮންޓުރޯލުން ނެއްޓުނީމާ. އެއީ އަހަރެން ގަބޫލުކުރާ ކަމެއް ނޫން. ފަރީ އަހަންނަށްޓަކައި ވަރަށް ގިނަ ކަންތައްތައް ކޮށްދީފި. މީހަކާ އިނުމަށް ފަހު ދުވަހަކުވެސް ފަރީއާ ދެކޮޅަށް އެއްވެސް ވާހަކައެއް ނުދައްކަން އަހަރެން ވަޢުދުވަން."

މިހެން ބުނެފައި ނުކުންނާން ހިނގައިގެންފައި ހުއްޓިއްޖެއެވެ. އަދި އެނބުރި ބަލައިލުމަށް ފަހު ބުންޏެވެ. "ފަރީ. އަހަންނަށްވުރެ މާ ބޮޑަށް ފަރީއަށް ބާދްޝާ އެނގޭނެ. އަހަރެން ކަމެއް އޮޅުން ފިލުވައިލާން ބޭނުން. އޭނާގެ ހިތް އަތުލެވޭނޭ ކޮންމެވެސް އެއްގޮތެއް ބުނެދީބަލަ."

"ރުޚްސާނާ. ފިރިމީހާގެ ހިތް އަތުލާނޭ ގޮތް އެނގޭނީ އަނބިމީހާއަށް. އެންމެ ފުރަތަމަ ޖެހޭނީ ހިމޭނުން ހުރެގެން ފިރިމީހާގެ މިޒާޖު ދަސްކުރަން."

"އަހަރެން މި ދައްކަނީ ތިޔަ ވާހަކަ. އޭނާގެ މިޒާޖު އަހަންނަށްވުރެ ކުރިން އެނގުނީ ފަރީއަށް. އެހެންވީމާ ކޮންމެވެސް ލަފައެއް ދީ."

"ލަފައަކަށް އެހީތީ އަހަރެން ބުނެފާނަން. ތިޔަ ކުޅޭ ކުޅިގަނޑު އެއީ ރުޚްސާނާއަށް މާ ބޮޑު ކަމަކަށް ނުވެ ހިނގައިދާނެ. އެކަމަކު ތިޔައީ ވަރަށް ނުބައި ނަތީޖާއެއްވެސް ނުކުމެދާނޭ ކަމެއް."

"އެއީ ކީއްވެގެން؟"

"ރުޚްސާނާ ތިޔަ އުޅެނީ އަހަރެންގެ ޝަޚުސިއްޔަތާއި ސިފައިގެ އެހީގައި ބާދްޝާއަށް ވަކި ކަހަލަ ޔަގީންކަމެއް ދޭން. ތިޔައީ އޭނާ ދުށް މީހާކަމުގެ ޔަގީންކަން ދޭން. އޭނާއަކީ މޮޔައެއް ނޫން. ރުޚްސާނާގެ މޫނުގެ ރަނގަޅަށް ހުރި ފަޅި ފެނިފައި ތިޔައީ ފުރަތަމަ ދުވަހު އޭނާ ދުށް މީހާ ނޫންކަން އޭނާއަށް ނޭނގޭނެތަ؟ އަހަރެމެން ދެމީހުންގެ ސިފަ ތަފާތު. މޫނުގެ އެއްފަޅިންވެސް އެ ތަފާތު ފާހަގަ ކުރެވޭނެ."

"އާނ. ތިޔަކަމާ އަހަރެންވެސް ވިސްނައިފިން. ވަރަށް ގިނަ ގޮތްގޮތަށް ފިކުރު ހިންގައިފިން. އަހަރެން މަސައްކަތް ކުރާނީ އަހަރެން މިއީ އޭނާ ފުރަތަމަ ދުށް ރުޚްސާނާކަން ޔަގީންކޮށްދޭން. އަހަރެން މިސާލުވެސް ދައްކާނަން. ދިމާވީ ކަންތައްތައްވެސް ކިޔައިދޭނަން. މޫނަށް އަލިފާންއާވި ބުރީމާ އެއް ފަޅި އެނދުމުގެ ސަބަބުން އަނެއް ފަޅިއަށްވެސް އޭގެ އަސަރު ކުރީއޭ ބުނާނަން. މިކަހަލަ ކަންތަކުގައި ވަނީ އެހެންނޭވެސް ބުނާނަން. އަހަރެން މިއީ ވާހަކަ ހަދަން ވަރަށް ކުޅަދާނަ މީހެއްކަން ފަރީއަށް އެނގޭނެ."

ފަރުޒާނާ ތާއީދުކުރުމުގެ ގޮތުން ބޯ ޖަހައިލިއެވެ. "އާނ. ވާހަކަ ދައްކައިގެން ރުޚްސާނާއަށް ބާދްޝާ ހައްލައިލެވިދާނެކަން އަހަންނަށް އެނގޭ. އެކަމަކު އެކަން ދެމި އޮންނާނީ ކިހައި ދުވަހަކަށް؟ އަހަރެންގެ ލަފައަކީ ކާވެނީގެ ފުރަތަމަ ދުވަހު ހުރިހައި ވާހަކައެއް ތެދުބަހުން ކިޔައިދިނުން. އެއީ ﷲ އަށް ބިރުވެތިވާ، ރަނގަޅު މީހެއް. ހިތުގައި އިންސާނީ ހަމްދަރުދީ އޮންނަ މީހެއް. ރުޚްސާނާއަށް މެދުވެރިވީ ހާލަތު ކިޔައިދިނީމާ ފުރަތަމަ އޭނާގެ ހިތުގައި ހަމްދަރުދީ އުފެދޭނެ. އެ ހަމްދަރުދީ ފަހުން ލޯތްބަށް ބަދަލު ވެގެން ހިނގައިދާނެ. މަޑުމަޑުން ގޮސް ރުޚްސާނާގެ ހަގީގީ ޝަޚުސިއްޔަތާއެކު ގަބޫލުކޮށްފާނެ."

"ތިޔައީ ކީއްވެގެން ދިން ލަފައެއް؟ ކާވެނި ކުރެވޭ ދުވަހު އަހަރެން ގަބޫލު ނުކޮށް، މިގެއަށް އައިސް އަޑުގަދަކޮށްގެންފިއްޔާ އަހަރެމެންގެ އޮންނާނީ ކޮން ގަދަރަކާއި އިއްޒަތެއް؟"

ފަރުޒާނާ ކުޑައިރުކޮޅަކު ވިސްނައިލުމަށް ފަހު ބުންޏެވެ. "އާނ. އޭނާ ތިޔަހެން ކަންތައް ކޮށްފާނެ. ފަހަރެއްގައި ތިޔަހެން ނުހަދައިވެސް ހުރެދާނެ. އަހަރެންގެ ސިފައާއި ޝަޚުސިއްޔަތުގެ އެހީގައި އޭނާ ހާސިލު ކުރަން އުޅުމުގައި އޮތީ ތިޔަ ކަހަލަ ނުރައްކާ. ފަހުން އޭގެ ނަތީޖާ ހިތިވުމަކީ ދުރު ކަމެއް ނޫން. ނިކަން ވިސްނައިލަބަލަ. އަނތްބެއްގެ ގޮތުގައި ރުޚްސާނާ ގަބޫލު ކުރާއިރު އޭނާގެ ތަސައްވަރުގައި އޮންނާނީ އަހަރެން. އެހެންވީމާ ރުޚްސާނާގެ އަމިއްލަވަންތަކަމާއި އިއްޒަތާއި ގަދަރު އޮންނާނީ ކޮންތާނކު؟"

ރުޚްސާނާ ދެލޯ ބޮޑުކޮށްގެން އިރުކޮޅަކު ފަރުޒާނާޔާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. ހިނދުކޮޅަކަށް ވިސްނައިލުމަށް ފަހު ބުންޏެވެ. "ފަރީ އަމިއްލައަށް ދެކެނީ ވަރަށް ރީތި އަދި ރަނގަޅު މީހެއް ކަމުގައި ދޯ؟ ތިޔަ ވިސްނަނީ ފަރީގެ އެހީތެރިކަމާ ނުލައި އަހަންނަކަށް މީހަކާ ނިނދެވޭނެ ކަމަށް. އަދި މުޅި އުމުރު ދުވަސް ހޭދަކުރާނީ ފަރީގެ އެހީތެރިކަމުގައި ކަމަށް. އެއީ ކުށް ހިއެއް. އަހަރެންގެ ފިރިމީހާ ބޮލުގެ މެންކަފާޅައިން ފެށިގެން ފައިގެ ބޮޑުވައިއިނގިއްޔާ ހަމައަށް އަހަރެން ގަބޫލު ކުރާނެ. އޭނާގެ ކުރިމަތީގައި ހުންނާނީ އަހަރެންގެ މި މޫނު. މި މޫނަށް އޭނާ އާދަވެދާނެ. ހުރިހައި ދިމާއަކުން އޭނާއަށް ފެންނާނީ އަހަރެން. ފަރީގެ ތަސައްވަރު ނެތިގެން ހިނގައިދާނެ."

"ތިޔަ ކިޔާ ހުރިހައި ކަމެއް ވަމުން ދަނިކޮށް އޭނާއަށް އަހަރެން ފެނިއްޖެއްޔާ ދެނޯ؟"

"ހޫނ... އޭނާއަށް ފެނިއްޖެއްޔާ ފަރީ ހަދަންވާ ގޮތް ނޭނގެނީތަ؟ ފަރީގެ ވާޖިބަކީ ކޮބައިކަން ނޭނގެނީތަ؟"

"ނޭނގޭ ކަމަށް ބަލާފައި އަހަންނަށް ވިސްނައިދީބަލަ."

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.