ފަޅިމޫނު - 72

(19 އޭޕްރީލް 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އާނއެކެވެ. ޖާނީއަށްޓަކައި އޭނާގެ ހިތުގައި ހިނގާނީ ނުވަތަ ހިނގާންވީ ކޮން ކަހަލަ ޝުއޫރެއް ހެއްޔެވެ؟

ޖާނީގެ ނަން ގުޅިފައި ވަނީ ފުރާނައާއެވެ. ސިއްރު ކުރަމުން ގެންދާ އެދުންތަކުގެ ހަގީގީ ސިފައަކީ ޖާނީއެވެ.

އަނތްބަކީ ރުޚްސާނާ ކަމުގައި ވިޔަސް ރުޚްސާނާގެ ފުރަތަމަ ތައާރަފަކީ ފަރުޒާނާއެވެ. ބާދްޝާގެ ހިތުގައި އަބަދަށްޓަކައި ހަރުލާފައިވަނީ އެންމެ ފުރަތަމަ ފެނުނު ސިފައެވެ.

އޭނާ އެ އިނީ ކުރީގައެވެ. ފަހަތުގައި ފަރުޒާނާއެވެ.

ރުޚްސާނާ އަބަދުވެސް އަރަނީ ކުރިއަށެވެ. އެކަމަކު މިހާރު އެ އުޅެނީ ކުރީ ގޮނޑި ހުސްވާށެވެ. އާއްމު އުސޫލަކީ ހުސްވާ ގޮނޑިއެއް އަބަދު ހުހަށް ނެތުމެވެ. އެ ގޮނޑީގައި އެހެން މީހަކު އިށީނުމެވެ. މީހުން މަރުވުމާއި އުފަންވުމެކޭ އެއްފަދައިންނެވެ. ދުނިޔޭގެ އެއްވެސް ގޮނޑިއަކީ ހުހަށް ތާއަބަދު ހުންނަ ގޮނޑިއެއް ނޫނެވެ. އެކަކު ތެދުވީމާ އަނެކަކު އައިސް އިށީންނާނެއެވެ.

ކާރު ގޮސް ޢާލަމްގީރް ރޯޑަށް މަޑުކޮށްފިއެވެ. އިންޖިނޭރުބޭބެ ފައިބައިފިއެވެ. ކުރީ ގޮނޑި ހުސްވެއްޖެއެވެ. ބާދްޝާ ޖާނީ އެނބުރި ފަހަތަށް ބަލައިލިއެވެ. ފަރުޒާނާ ބިރުން ސިހުނެވެ. ބާދްޝާ އަވަސް އަވަހަށް ނަޒަރު ބަދަލުކޮށްލިއެވެ. "މާފު ކުރައްވާ. ފަހަތު ގޮނޑިއަށް އަރާ އަންހެނުންނާ ދިމާއަށް ބެލުމަކީ އަޅުގަނޑު ކުރާ ކަމެއް ނޫން. އެކަމަކު ކުއްލިއަކަށް ބަލައިލެވުނީ. އަމިއްލަ އިޚުތިޔާރުގައި ކުރެވުނު ކަމެއް ނޫން. މާފު ކުރައްވާ."

ކުޑައިރުކޮޅަކަށް ހިމޭންކަން ވެރިވެފައި އޮތެވެ. ބާދްޝާ މީޓަރު ބަންދު ކުރުމަށް ފަހު ބުނެލިއެވެ. "ޖަހާންގީރް ރޯޑުގެ ގަރާޖާ ހަމައަށް ކާއރު ދިޔައިރު މީޓަރަށް އަރާފައި އޮތީ ހަތް ރުފިޔާ. ޖަހާންގީރް ރޯޑާ ދިމާއަށް އައިކަން އެއީ ޑިރައިވަރު ކުރި ދެރަކަމެއް. ތިޔަ ވަޑައިގަންނަވާ ތަނަކީ މުޅީން އެހެން ދިމާއެއްގައި ހުރި ތަނެއް. އެހެންވީމާ އަރާނީ ގާތްގަނޑަކަށް ފަސް ރުފިޔާ. މިހާރު އަނެއްކާވެސް އަޅުގަނޑު މީޓަރު ޖައްސާނަން. އެހެންވީމާ މީޓަރަށް އަރާ ވަރު ދެއްވާ."

މިހެން ބުނެފައި އޭނާ މީޓަރު ޖެއްސުމަށް ފަހު ކާރު ދުއްވައިލިއެވެ. ކާރު ތެރެއަށް ހިމޭންކަން ވެރިވެއްޖެއެވެ. ފަރުޒާނާ އިނީ ބިރުންނެވެ. އަނެއްކޮޅުން ބާދްޝާ ހިމޭނުން އިނދެގެން ދުޢާ ކުރަނީއެވެ. "ޔާ ﷲ. މި އަޅާއަށް އޯގާވެރިވެ ވޮޑިގެންފާނދޭވެ. އިންޖިނޭރުބޭބެ އައިސް އުފާވެރި ޚަބަރެއް އިއްވާނޭ ގޮތް މެދުވެރި ކުރައްވާށިއެވެ. ރުޚްސާނާގެ ދިރިއުޅުން ހަލާކު ވެގެން ދާނޭ ގޮތް މެދުވެރި ނުކުރައްވާށިއެވެ. އެހެން ވެއްޖެ ނަމަ މިއަޅާ ވަރަށް ބޮޑު އިމްތިހާނެއްގެ ތެރެއަށް ވެއްޓިދާނެއެވެ." ދުޢާއަށް ފަހު އަނެއްކާވެސް ހިތަށް އެރިއެވެ. "އަހަރެމެން ދެމީހުން ވަކި ވެއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ފިރިހެނުންނަކަށް މާ ބޮޑު އުނދަގުލަކާ ކުރިމަތި ލާކަށް ނުޖެހޭނެއެވެ. އެކަކު ދިޔައީމާ އަނެކަކާ އިނީމާ ނިމުނީއެވެ. އަހަރެންގެ ސިކުނޑީގައި މިހާރުވެސް އެހެން މީހަކު އެބަ އެނބުރެއެވެ. އެކަމަކު އަހަންނަށް އެކަހަލަ ކަމެއް ކުރެވިދާނެ ހެއްޔެވެ؟ އެހެން މީހަކާ އިނދެފިއްޔާ މީހުން ހާދަހާ އެއްޗިއްސެއް ގޮވާނެއެވެ. ފުރަތަމަ އަނބިމީހާ ހާލުގައި ޖައްސާފައި އެހެން މީހަކާ އިނީއޭ ކިޔާނެއެވެ. އަހަރެން ވެގެން ދާނީ ލަދެއް ހަޔާތެއް ނެތް މީހަކަށެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ރުޚްސާނާއަށް ދެރަ ގޮތެއް ވުމަކީ އަހަރެން އެއްގޮތަކަށްވެސް އެދޭ ކަމެއް ނޫނެވެ. އޭނާ ދޫކޮށްލާކަށް ބޭނުމެއް ނޫނެވެ. އެކަމަކު ފަރުޒާނާއާ ބައްދަލުވުމުގެ އެދުންވެސް ވަރަށް ބޮޑަށް ހިތުގައި އެބައޮތެވެ."

"ބައްދަލުވުމަކީ ވަކި ކަމެކެވެ. ބައްދަލުވުމާއެކު އޭނާ މިލްކު ކުރުމަކީ މުޅީން އެހެން ކަމެކެވެ. ގޭގައި އަނތްބަކު ހުރުމާއެކުވެސް އަހަރެން މި ގެންދަނީ ފަރުޒާނާ ހޯދަމުންނެވެ. އޭނާ ހޯދުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އަހަރެންގެ މަގުސަދަކީ ކޮބައި ހެއްޔެވެ؟ ރުޚްސާނާ ވަރިކޮށްފައި ފަރުޒާނާއާ އިނުމަކީ އަހަރެންގެ މަގުސަދު ހެއްޔެވެ؟ މިއަދު އެ ހުރިހައި ސުވާލަކަށް ޖަވާބު ލިބޭނެއެވެ. ދީނީ ފަތުވާއާއިގެން އިންޖިނޭރުބޭބެ އައީމާ އަހަރެންގެ މަގު ސާފު ވެދާނެއެވެ. ހުރަސް އަޅާނޭ އެއްވެސް މީހަކު ނުހުންނާނެއެވެ."

"އެކަމަކު... ނޫނެކެވެ. ފަރުޒާނާ ދެކެ އަހަރެން ލޯބިވެއެވެ. އެހެންވީމާ އިންސާނިއްޔަތުގެ ދަރަޖައިން ވެއްޓިގަނެ، އެ ލޯބީގެ އަގު ވެއްޓޭ ކަހަލަ ކަމެއް އަހަރެން ނުކުރާނަމެވެ. ރުޚްސާނާއާ މެދު ނާއިންސާފުން ކަންތައް ކުރުމަށް ފަހު ފަރުޒާނާއާ އެކީގައި ހަމަޖެހިގެން ދިރިއެއް ނޫޅެވޭނެއެވެ. އިންޖިނޭރުބޭބެ އެ ދައްކަނީއަކީ ރަނގަޅު ވާހަކައެއް ނޫނެވެ. އަހަރެން ރުޚްސާނާ ދެކެ ލޯތްބެއް ނުވެއޭ، ހިތުގައި އޮންނަނީ ހަމައެކަނި ހަމްދަރުދީއޭ އެ ބުނަނީ ރަނގަޅަކަށް ނޫނެވެ. އެއީ ކޮން ކަހަލަ ވާހަކައެއް ހެއްޔެވެ؟ ހަމްދަރުދީން ދަރިން އުފަން ވޭ ހެއްޔެވެ؟ އަހަރެމެން ދެމީހުންނަށް ދަރިއަކު ލިބުނީ ލޯބީގެ ނަތީޖާއެއްގެ ގޮތުންނެވެ. އަހަރެން ދަރިފުޅު ދެކެ އިންތިހާއަށް ލޯބިވަމެވެ. ދަރިފުޅު ދެކެ އަމިއްލަ ފުރާނައަށްވުރެ ބޮޑަށް ލޯބި ވެފައި އެ ދަރިފުޅުގެ މަންމަގެ މައްޗަށް ހިތުގައި ހަމައެކަނި ހަމްދަރުދީއެއް އޮތުމަކީ ކިހިނެއް ވާނޭ ކަމެއް ހެއްޔެވެ؟ ލޯބީގެ ސިލްސިލާ ފެށެނީ ދަރިފުޅުގެ މަންމަގެ ކިބައިންނެއް ނޫން ހެއްޔެވެ؟ އަންހެނުންނަކީ ހަމައެކަނި ދަރިން އުފަން ކުރަން ތިބޭ ބައެއް ކަމަށް ދެކެނީ އެހެން ބައެކެވެ. އެކަހަލަ މީހުން ﷲ ގެ ނަންފުޅާއި ރަސޫލާގެ ސަލަވާތަށް ފަހު ކާވެނި ކުރަނީ މެޝިނަކާއެވެ."

ކުއްލިއަކަށް ފަރުޒާނާގެ ކަރު ހިއްކައިގެންފިއެވެ. އަރުތެރެ ހިކިއްޖެއެވެ. ބޭއިޚްތިޔާރުގައި ކަރުކެހިލެވިއްޖެއެވެ. ބާދްޝާ ކާރުގެ ދުވެލި ތަންކޮޅެއް މަޑު ކޮށްލުމަށް ފަހު ސަމާލުވެލައިގެން އިނދެ އަޑުއަހާން މަސައްކަތް ކުރާން ފަށައިފިއެވެ. ދުރުން... ވަރަށް ދުރުން މީހަކު އޭނާއަށް ގޮވާހެން ހީވިއެވެ.

އެކަމަކު ކެއްސާއަޑާއި ކަރުކެހިލާ އަޑުން މީހަކު ފާހަގައެއް ނުކުރެވޭނެއެވެ. އެއީ އިޝާރާތެއް ކަހަލަ އަޑެކެވެ. އެއް ފަހަރު އިވިފައި ހިމޭން ވެދާނެއެވެ. ބާދްޝާގެ ހިތަށް އެރިއެވެ. "އަހަރެން މިހިރީ ހަމަ ރަނގަޅަށްވެސް ފަރުޒާނާއާ ހެދި މޮޔަވެފައެވެ. އަންހެން ކުއްޖަކު ދުރުން ފެނުމާއެކު ފުރަތަމަވެސް ހީވަނީ އެއީ ފަރުޒާނާ ކަމުގައެވެ. އަޑެއް އިވުމާއެކު އެއީ ފަރުޒާނާގެ އަޑޭ ހީވާގޮތް ވެއެވެ. އަހަރެން ވަރަށް އަވަހަށް ދުނިޔޭން މޮޔަވެދާނެއެވެ."

އޭނާ ހަތަރު އަނގޮޅިއެއްގެ މައްޗަށް ކާރު މަޑުކޮށްފިއެވެ. ދާންވީ ކޮން ދިމާއަކަށް ބާވައެވެ؟ އޭނާ ކުލީކާރު ދުއްވާތާ އެތައް އަހަރެއް ވެއްޖެއެވެ. އެހެންވީމާ ބަހާދުރްއާބާދަށް ދާ މަގު އޭނާއަށް އެނގެއެވެ. އެކަމަކު މި ވަގުތު އޭނާގެ ސިކުނޑު ހުރީއަކީ ހުހަކަށް ނޫނެވެ. އިރުކޮޅަކު ވިސްނައިލުމަށް ފަހު އޭނާ އަނެއްކާވެސް ކާރު ދުއްވައިލިއެވެ.

ފަރުޒާނާއަށް ބޭއިޚްތިޔާރުގައި މޭގައި އަތް އަޅައިލެވުނެވެ. ހިތް ބާރަށް ގޮވަމުން ދަނީއެވެ. އޭނާއަށް އަޑު އިއްވާށެވެ. ހިމޭނުން އިނިއްޔާ ތެތް ދަރުގަނޑެއްހެން މަޑުމަޑުން އަނދާނީއެވެ. ހުޅުގަނޑަކަށް ވެގަންނާށެވެ. ރުޚްސާނާގެ ތައާރަފަކަށް ވެގެން ނުކުތީ ހާލާތު މަޖުބޫރު ކުރީމައެވެ. މިހާރުގެ ހާލަތު އޮތް ގޮތުން އެންމެ ރަނގަޅު ގޮތަކީ އަމިއްލައަށް ތައާރަފު ވެގަތުމެވެ. އަވަހަށް ބުނާށެވެ. އަހަރެން މިހިރީއެވެ. އަހަރެން މިއީ ޖާނީގެ ހިތާމައިގެ ފަރުވާއެވެ.

ކާރު އަނެއްކާވެސް ކުއްލިއަކަށް މަޑުކޮށްފިއެވެ. މި ފަހަރު މަޑު ކުރީ ފުލުހެއްގެ އިޝާރާތަށެވެ. ފުލުހުން ބޭނުންވީ ކާރުގެ ލިޔުންތަކާއި ދުއްވަން އިންމީހާގެ ލައިސަން ޗެކު ކުރާށެވެ. ބާދްޝާއަށް ޖެހުނީ ކާރުން ފައިބާށެވެ.

ރުޚްސާނާ އިސް ޖަހައިލައިގެން އިނީއެވެ. އޭނާގެ އަތުގައި އޮތީ ފިނިފެންމަލުގެ ހާރެވެ.

ހުރިހައި ލިޔުމެއް ބެލުމަށް ފަހު ދާށޭ ބުނީމާ ބާދްޝާ އައިސް ކާރަށް އަރައިފިއެވެ. "މާފު ކުރައްވާ. ފުލުހުންނާ ހެދި ލަސްވަނީ. އެކަމަކު ފިކުރު ނުކުރައްވާ. އިތުރު ފައިސާއެއް ނާތުލާނަން."

އޭނާ ކާރު މަޑުމަޑުން ދުއްވާލައިފިއެވެ. އެ ވަގުތު ފަހަތުން އަޑެއް އިވޭން ފެށީމާ އޭނާ ބުންޏެވެ. "ފަހަތު ދޮރުފަތް އެހެރީ ރަނގަޅަށް ނުލެއްޕި. ހުޅުވައިލައްވާފައި ރަނގަޅަށް ލައްޕައިލައްވާ."

އެ އަޑު އަދިވެސް ނުކެނޑެއެވެ. ދޮރު ހުޅުވާފައި ލެއްޕި އަޑެއްވެސް ނީވެއެވެ. "ދޮރު އެހެރީ ރަނގަޅަށް ނުލެއްޕި."

ދޮރުފަތް ތެޅޭ އަޑެއް ނުހުއްޓުނެވެ. އޭނާ އެއް ފަރާތަކަށް ކާރު މަޑު ކުރުމަށްފަހު ބުންޏެވެ. "އަޅުގަނޑު ލައްޕައިފާނަން."

އޭނާ ކާރުން ފައިބައިފައި ބަލައިލިއިރު ފަހަތުގައި އެއްވެސް މީހަކު ނެތެވެ. އެކަމަކު ފަހަތުން ފެނުނު މަންޒަރަކުން އޭނާގެ ފައިތިލަ ބިންމަތީގައި ހަރުލައިފިއެވެ. ހައިރާން ވެފައި ބަލަހައްޓައިގެން ހުރެވިއްޖެއެވެ. ފަހަތު ގޮނޑީގައި ހުރީ ފިނިފެން މަލުގެ ފިޔައެވެ. ފަރުޒާނާއާ އެންމެ ފަހުން ބައްދަލުވީ ދުވަހު ހުރި ގޮތަށެވެ.

"މޫނުބުރުގާ އަޅައިގެން އިނީ ފަރުޒާނާ ހެއްޔެވެ؟" އޭނާ ވިސްނާން ފަށައިފިއެވެ. ގޮނޑީގައި ތިރީސް ރުފިޔާ އޮތެވެ. އެއީ ކުއްޔަށްވުރެ މާ ގިނަ ރުފިޔާއެވެ. "އެއީ ކާކު ހެއްޔެވެ؟"

އެއީ ފަރުޒާނާ ނޫން ނަމަ ކާރުން ފައިބައި މާފަށް އެދިފައި މީޓަރަށް އަރާފައި ހުރި ވަރަށް ފައިސާ ދީފައި ދާނީއެވެ. އެ ހެދީ އެހެންނެއް ނޫނެވެ. ސިއްސިއްރުން ފިލައިގެން ދިޔައީއެވެ. އެހެން ހަދާނީ އޭނާޔާ ކޮންމެވެސް ގުޅުމެއް އޮވެގެންތާއެވެ.

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.