ޗީފް އޮމްބަޑްސްޕާސަނަށް 37500 ރުފިޔާ، އޮމްބަޑްސްޕާސަނަށް 35500 ރުފިޔާގެ މުސާރައެއް ކަނޑައަޅައިފި 

ޗީފް އޮމްބަޑްސްޕާސަން އަށް 37500 ރުފިޔާ ، އޮމްބަޑްސްޕާސަންއަށް 35500 ރުފިޔާގެ މުސާރައެއް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ކަނޑައަޅައިފިއެވެ. 

މާލިއްޔަތު ކޮމެޓީން މިމައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައިވާ ގޮތުން ޗީފް އޮމްބަޑްސްޕާސަނަށް މުސާރައިގެ ގޮތުގައި މަހަކު  37500 ރުފިޔާ ދިނުމަށް ހަމަޖައްސައިފައި ވަނީ އެލަވަންސާ އެކުގައެވެ. މުސާރައިގެ ގޮތުގައި ޗީފް އޮމްބަޑްސްޕާސަނާއި އޮމްބަޑްސްޕާސަނަށް ވެސް ކަނޑައަޅައިފައި ވަނީ 25000 ރުފިޔާއެވެ. ނަމަވެސް ޗީފް އޮމްބަޑްސްޕާސަނަށް އެލަވަންސްގެ ގޮތުގައި 12500 ކަނޑައަޅައިފައިވާއިރު  އޮމްބަޑްސްޕާސަނަށް އެލަވަންސްގެ ގޮތުގައި ކަނޑައަޅައިފައި ވަނީ 8500 ރުފިޔާއެވެ. މިއަދުގެ ޖަލްސާގެ ވޯޓަށް އައްސަވާ ގަޑީގައި މި ރިޕޯޓަށްވެސް ވޯޓަށް އައްސަވާނެއެވެ. މި ރިޕޯޓު ފާސްވުމުން މި މުސާރަވެސް ފާސްވެގެން ދާނެއެވެ. ގާނޫނުގައި ބުނާ ގޮތުން މި މަގާމުތަކަށް މުސާރަ ކަނޑައަޅަން ޖެހެނީ މަޖިލީހުންނެވެ. 

 އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީސް އުފައްދަވައި ޗީފް އޮމްބަޑްސްޕާސަނަކާއި ދެ އޮމްބަޑްސްޕާސަނުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ އައްޔަން ކުރައްވައިފައެވެ. ޗީފް އޮމްބަޑްސްޕާސަނަކަށް އައްޔަންކުރެއްވީ ކުރިން ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޢަބްދުއްސަލާމް ޢާރިފެވެ. އޭނާއަކީ މެލޭޝިޔާއިން ކޮމްޕަރެޓިވް ލޯގެ ދާއިރާއިން މާސްޓާސް ޑިގުރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

އޮމްބަޑްސްޕާސަންގެ މަގާމަށް ދެ ބޭފުޅަކު ވަނީ އައްޔަން ކުރައްވާފައެވެ. އެއީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އެސިސްޓެންޓް ޕްރޮސެކިއުޓާގެ މަގާމުގައި ކުރިން ހުންނެވި ޖިހާދާ އަނީސް އާއި ގައުމީ ޔުނިވަސިޓީގެ ދާރިސެއްގެ މަގާމުގައި ހުންނެވި މަރިޔަމް ލީޒާއެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.