1953 ވަނަ އަހަރުން ފެށިގެން ދައުލަތުން ހިންގައިފައިވާ ލާއިންސާނީ އަމަލުތައް ބެލޭނެ އިންސާފުގެ އާ ނިޒާމެއް ރާއްޖެއަށް ތައާރަފު ކުރަނީ

ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ފެށުނު ތާރީޚުކަމަށްވާ  1953 ވަނަ އަހަރުން ފެށިގެން ދައުލަތުން ހިންގައިފައިވާ ލާއިންސާނީ އަމަލުތައް ބެލޭނެ ގާނޫނީ އޮނިގަނޑެއްގެ ދަށުން އިންސާފުގެ އާ ނިޒާމެއް ރާއްޖެއަށް ތައާރަފު ކުރަން ނިންމައިފިއެވެ. 

މި ނިޒާމު ގާއިމު ކުރުމަށް ނިންމައިފައި ވަނީ އިންތިގާލީ އިންސާފުގެ ބިލުގެ ނަމުގައި މަޖިލީހުން މިއަދު ފާސްކުރާ ބިލުގައި ކަނޑައަޅާ ގާނޫނީ ނިޒާމުގެ ދަށުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ އެ ބިލު ދިރާސާކޮށް ނިންމި ގޮތަށް ހުށަހެޅި ބައެއް އިސްލާހުތަކާއެކު  ބިލު ފާސްކޮށްފައެވެ. ބިލު ފާސްކޮށްފައިވަނީ 54 މެންބަރުންގެ އިއްތިފާގުންނެވެ. 

މި ބިލު މަޖިލީހަށް ހުށަހެޅި އިރު ޖަހައިފައިވާ މުއްދަތަކީ އެމްޑީޕީ ސަރުކާރު ނިމި މިހާރު ކުރިއަށްދާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ފެށުމާ ހަމައަށް ހިނގާ ދިޔަ މުއްދަތެވެ. އެ މުއްދަތުގައި ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ބޮޑެތި އަމަލުތައް ބަލައި، އެފަދަ ކަންކަމަށް އިންސާފު ހޯދައި ދިނުމެވެ. 

ބިލަށް އާންމު ރައްޔިތިުންގެ ފަރާތުން ލިބުނު ޚިޔާލާއި މަޝްވަރާއާއެކު މިހާރު ބިލުގައި ކަނޑައަޅައިފައިވާ މުއްދަތަކީ  1953 ވަނަ އަހަރުގެ ޖެނުއަރީ ފުރަތަމަ ދުވަހުން ފެށިގެން 17 ނޮވެމްބަރު 2018 އާ ދެމެދެވެ. މި މުއްދަތުގައި  ރައްޔިތުންގެ އިންސާނީ ހައްްގުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ އަމަލުތައް ބެލޭނެ ނިޒާމެއް ގާއިމު ކުރުމެވެ. 

އިންތިގާލީ އިންސާފު ނިޒާމަކީ މި ބިލުން ރާއްޖޭގައި އަލަށް ތައާރަފުކުރެވޭ ނިޒާމެކެވެ. މި ނިޒާމުގެ ދަށުން ކުރިން ނިންމައިފައިވާ މައްސަލަތަކާއި އަދި ގޮތެއް ނުނިމި އިންސާފު ނުލިބި ހުރި މައްސަލަތައް އަލުން ބެލޭނެ ގޮތް ތަފްސީލުކޮށްފައި ވާނެކަމަށް ބިލު ދިރާސާ ކުރި ކޮމެޓީގެ ރިޕޯޓު ހުށަހަޅުއްވަމުން ހިޔުމަންރައިޓްސް އެންޑް ޖެންޑަރ ކޮމެޓީގެ މުގައްރަރު ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަޙްމޫދު ވިދާޅުވިއެވެ. އަދި މަދަނީ ބަދަލު ނަގައި ދެވޭނެ ހާލަތްތައްވެސް ކަނޑައަޅައި ފައިވާނެކަމަށް ވިދާޅުވިއެވެ. މަދަނީ ބަދަލުގެ އިތުރަށް ނަގައި ދެވޭނެ ބަދަލުތައްވެސް ބިލުގައި ކަނޑައަޅައިފައިވާކަން ފާހަގަ ކުރެއްވިއެވެ. މަދަނީ  ބަދަލު ނަގައި ދެވެނީ ކޯޓުންކަން ފާހަގަ ކުރެއްވިއެވެ. 

 ކޮމެޓީން ބިލު ދިރާސާކޮށް ނިންމައިފައި ވަނީ ޓުރުތް އެންޑް ރިކޮންސިލިއޭޝަން މެތަޑަށް ކަމަށް ބިލު ދިރާސާ ކުރި ގޮތުގެ ރިޕޯޓު ހުށަހަޅުއްވަމުން މެމްބަރ ޖީހާން ވިދާޅުވިއެެވެ. އެ މެތަޑަކީ ޝިކާރައަކަށް ވީ ފަރާތަށް ތަސައްލީއެއް ހޯދައި ދިނުމުގެ އަސާސާއި އަދި ހަގީގާތް ހާމަކޮށް ދިނުމުގެ އަސާސާއި އަދި މުޖުތަމައުގައި ހަމަޖެހުން ގާއިމުކުރުމުގެ އަސާސްތައް ކަމަށް ވިދާޅުވިއެވެ. 

ބިލު ގާނޫނަކަށް ވުމުން އިންތިގާލީ އިންސާފުގެ ނިޒާމު ހިންގުމަށް ޓަކައި އިންތިގާލީ އިންސާފުގެ ބިލު ގާނޫނަށްވެ އަމަލުކުރަން ފެށުމާއި އެކު އިންތިގާލީ އިންސާފުގެ އޮމްބަޑްސްމަން އޮފީހެއް ގާއިމު ކުރަން ޖެހޭނެއެވެ. މި އޮފީސް އެކުލެވިގެން ވާނީ ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާ ތިން އޮމްބަޑްސްމަނުންގެ މައްޗަށެވެ. ތިން އޮމްބަޑްސްމަނުންގެ ތެރެއިން  ޗީފް އޮމްބަޑްސްމަނެއް ކަނޑަ އަޅަން ޖޭހެނެކަމަށް ވެސް ބިލުގައި ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.