ސަމާލުވޭ! ބޯމަތިވެފައި އޮތީ ކޯވިޑްގެ "އެންމެ ބިޔަ ރާޅު"!

ކޯވިޑާއެކު އަޅުގަނޑުމެން އުޅެމުން އަންނަތާ އަހަރެއްހާ ދުވަސް ވަނީ ވެފައެވެ. ނަމަވެސް އަޅުގަނޑުމެން 2021 ވަނަ އަހަރަށް މަރުހަބާކީ، އާއްމު ހާލަތާއެކުގައޭ ބުނުން ދޮގަކަށް ނުވާނެއެވެ. މާސްކު އެޅުން މަޖްބޫރުކޮށްފައި އޮތުމުން (ނަމަކަށް) މާސްކުވެސް އަޅަމުއެވެ. މާސްކަކީ މަގުމަތިން ހިނގައިފައި ދާއިރު ނުވަތަ ސައިކަލުގައި ދުއްވައިފައިދާއިރު އަޅާ އެއްޗަކަށް އޮތީ ވެފައެވެ. މީހަކާ ދިމާވެ ވާހަކަދައްކަން ވީމާ މާސްކް ތިރިކޮށްލަނީއެވެ. އެއީ ކިތަންމެ އިރަކު އެ މީހަކާ ވާހަކަ ދައްކަން އިނަސް އެންމެ ރަނގަޅެވެ. އާއްމު ތަންތަންތަނުގައާއި އިޖުތިމާއީ ހަރަކާތްތަކުގައިވެސް މާސްކު އެޅުމެއް، ގައިދުރުކަމެއް ނުބަހައްޓައެވެ. މާސްކު އެޅުން މަޖުބޫރު ނަމަވެސް އެކަން ތަންފީޒު ވަމުންދާ ތަނެއްވެސް ނުފެނެއެވެ. ކޯވިޑުން ރައްކާތެރިވުމަށް ކުރަން ޖެހޭ އެހެން ކަަންކަން އޮތީ އެއްކޮށް ހަނދާން ނައްތާލާފައެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒު ކުރެވޭ ތަނެއްވެސް ތަންފީޒުކުރުމަށް ބާރު އަޅަމުން ދިޔަ ތަނެއް ވެސް ނުފެނެއެވެ.  ނަތީޖާއަކަށްވީ މިއަދު ކޯވިޑްގެ ހާލަތު ގޯސްވެ މިއަދު މިއޮތް ހިސާބަށް ހާލަތު ގޯސްވުމެވެ. 

ސްކޫލުތައް ވެސް ކަނޑައެޅިފައިވާ މުއްދަތުގައި ހުޅުވައިގެން ވަނީ ކިޔަވައިދޭން ފަށާފައެވެ. ކަރުދާހުގައި އެކުލަވާލައިފައިވާ އުސޫލުތައް ކިތަންމެ ވެސް ފުރިހަމައެވެ. ނަމަވެސް ސުވާލަކީ ރައްކާތެރިކަން އެވަރަށް ބެލެހެއްޓޭތޯއެވެ. ސްކޫލުތައް ހުޅުނީ ޖެނުއަރީ 10 ގައެވެ. ކިޔަވައިދޭން ފެށިތާ މަހެއްވީ ތަނުން މިވަނީ ކޯވިޑްގެ "އެންމެ ބިޔަރާޅު" ބޯމަތިވެފައެވެ. ނަމަވެސް އެޑިޔުކޭޝަން މިނިސްޓްރީންވެސް އަދި އެޗްޕީއޭއިންވެސް ވިދާޅުވެފައި ވަނީ ކޭސްތައް ފެތުރިގެން ގޮސްފައިވަނީ ސްކޫލުތަކުން ނޫންކަމަށެވެ. ސްކޫލުތަކަކީ އެންމެ ރައްކާތެރި މާހައުލު ކަމަށެވެ. އެކަމަކު މާލޭގެ ބައެއް ސްކޫލުތަކުން ޓީޗަރުންނާއި ދަރިވަރުން ޕޮޒިޓިވް ވަމުން ދާއިރު އެކަން ސިއްރުކުރާ ކަމުގެ ތުހުމަތުތަކެއް އޮތީ ކުރެވިފައެވެ. އެޗްޕީއޭއާއި އެޑިއުކޭޝަން މިނިސްޓްރީންވެސް އައީ އެކަން ދޮގުކުރަމުންނެވެ. އެޗްޕީއޭއިން ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ބަލިޖެހިފައިވާ މީހުންގެ ކޮންޓެކްޓުން ދެނެގަނެވޭނެ ކަމަށެވެ. ކޮންޓެކްޓުން ދެނެގަނެވުނު ނަމަވެސް މިހާރަކު ރަސްމީކޮށް އެކި ކްލަސްޓަރތައް ހާމަކުރަމުންނެއް ނުގެންދެއެވެ. އަދި މާލޭ ސަރަހައްދުގެ ކޮންޓެކްޓުންގެ އަދަދުވެސް ހާމަކުރަމުންނެއް ނުގެންދެއެވެ. 

ކޭސްތައް އިތުރުވެ ސިއްހީ ނިޒާމަށް ނުތަކާވަރު ވެދާނެ!

ކޯވިޑް-19 ގެ ކޭސްތައް މިހާރު އިތުރުވަމުން ދަނީ ކަންބޮޑުވާންޖެހޭ މިންވަރަށެވެ. އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އިއްޔެވެސް އަލަށް 120މީހުނަށް ކޯވިޑް ޖެހިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 99 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި އަށް މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 10 މީހެކެވެ. ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 17,507 އަށް އަރާފައެވެ. މިހާރު ބަލި ތަހައްމަލު ކުރަމުންދާ މީހުންގެ އަދަދު ވަނީ 2,302 އަށް އަރާފައެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ މީހުންގެ އަދަދަކީ 206 އެވެ. މިހާތަނަށް ކޯވިޑްގައި ރާއްޖެއިން 58 މީހުންވަނީ  މަރުވެފައެވެ.  އެއީ 50 ދިވެހިންނާއި، 8 ބިދޭސީންނެވެ.

މިއަހަރުގެ ފުރަތަމަ މަސް ނިމިގެންދިޔައިރު ޖުމުލަ 2,084 މީހުން މިވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު މިވަގުތުވެސް ރާއްޖޭގައި 1,807 މީހުންނަށް މިބަލި ޖެހި ފަރުވާ ދެމުން އެބަދެއެވެ. 184 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އެބަދެއެވެ.

ކޯވިޑްގެ ހާލަތު ގޯސްވާން ފަށައިފައި ވަނީ ޖެނުއަރީ މަހުގެ ފަހުކޮޅުން  ފެށިގެންނެވެ. އަދަދުތަކަށް ބަލާއިރު، ޖެނުއަރީމަސް ފެށުނު އިރު އަދަދުތައް ވަރަށް ދަށުގައި ހުރުމަށްފަހު އެއް ދުވަހަކު އެންމެ ގިނައިން މީހުން ޕޮޒިޓިވް ވެފައިވަނީ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ. އެދުވަހު 145 މީހުން ޕޮޒިޓިވް ވެފައިވެއެވެ. ޖެނުއަރީ މަހަށް ބަލާއިރު އެންމެ މަދުން ޕޮޒިޓިވްވީ ޖެނުއަރީ 7 ވަނަ ދުވަހުއެވެ.  އެ ދުވަހު ޕޮޒިޓިވްވީ 21 މީހުންނެވެ. ޖެނުއަރީ 15 ގެ ފަހުން ރާއްޖެއިން ކޮންމެ ދުވަހަކުވެސް 50 އަށްވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މިއަދަދު މައްޗަށްގޮސް ޖެނުއަރީ 24 ގެ ފަހުން 31 ގެ ނިޔަލަށް ކޮންމެ ދުވަހަކު ޕޮޒިޓިވްވާ އަދަދުހުރީ 100 އިން މަތީގައެވެ. ދުވާލަކު އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ސަތޭކައިން މަތީގައި ހަފުތާއެއްހާ ދުވަހު ހުރުމަށްފަހު މިމަހުގެ ފުރަތަމަ ދުވަހު 215 މީހުން ވަނީ އަލަށް ޕޮޒިޓިވް ވެފައެވެ. މިއީ  ފަސް މަސް ދުވަހުގެތެރޭގައި ރާއްޖެއިން އެއް ދުވަހަކު އެންމެގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވި ދުވަހެވެ. އޭގެކުރިން 200 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ފުރަތަމަ ދުވަހުއެވެ. އެދުވަހު ޕޮޒިޓިވްވީ 255 މީހުންނެވެ. މިހާރުގެ ހާލަތަށް ބަލާއިރު މިފެބުރުއަރީ ފެށުނު ފަހުން ހަ މީހަކު ކޯވިޑްގައި ވަނީ މަރުވެފައެވެ. މިއަދު އެކަނިވެސް ދެ މީހުން މަރުވެއްޖެއެވެ. އަދި ހަފުތާއެއްގެ ތެރޭގައި ކޭސްތައް ފެންނަ މިންވަރުވެސް މިވަނީ ވަރަށް ބޮޑުތަނުން އިތުރުވެގެން ގޮސްފައެވެ. 

ހާލަތު ގޯސްވެ ސިއްހީ މާހިރުންގެ ކަންބޮޑު ވުން!

ރާއްޖޭގެ ކޯވިޑްގެ ހާލަތު ގޯސްވެ ސިއްހީ މާހިރުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރައްވައި ނުރައްކަލުގެ ރަނގަބީލު ޖައްސަވަމުންނެވެ.  ކޮވިޑް-19 ގެ ތިންވަނަ ރާޅާއެކު ރާއްޖެ މިވަނީ ނުރައްކާތެރި ހާލަތެއްގައިކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު މުޙަންމަދު ޢަލީ ވެސް ވަނީ ވިދާޅުވެފައެވެ. މި ހާލަތުގައި އިތުރު ސަމާލުކަމެއް ދީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ނުކޮށްފިނަމަ ހިތާމަ ކުރަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެދާނެކަމުގެ ކަންބޮޑުވުން އޭނާ ވެސް ވަނީ ފާޅުކުރައްވައިފައެވެ. ރާއްޖޭގައި މި ބަލިމަޑުކަން ފެތުރެން ފެށިފަހުން މިހާ ނުރައްކާތެރި ހާލަތަކަށް އަދި ރާއްޖެ ގޮސްފައި ނުވާކަމަށް ޑރ. މުޙައްމަދު ޢަލީ ވަނީ ވިދާޅުވެފައެވެ. ހާލަތުގެ ނުރައްކާތެރިކަން ބަޔާންކޮށްދެއްވަމުން އޭނާ ވިދާޅުވީ އެންމެ ކަންބޮޑުވާކަމަކީ ހައިރިސްކު މީހުންނާއި އުމުރުން ދުވަސްވީ މީހުން ނުރައްކަލަށް ހުށަހެޅިގެން ދިއުންކަމަށެވެ. އެގޮތުން އެންމެ ގިނައިން އެޑްމިޓް ކުރަން ޖެހެނީ  ވެސް އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިބައްޔަށް ބޭސްކުރާ މީހުންކަން ފާހަގަކުރެއްވިއެވެ. އަދި ހާލު ގޯސްވެ ރާއްޖެއިން މިބަލީގައި ދުނިޔެ ދޫކުރާ މީހުންވެސް އާދަޔާ ޚިލާފަށް އިތުރުވެފައިވާކަން ފާހަގަ ކުރެއްވިއެވެ. މި ހާލަތުން އަރައިގަތުމަށް އަވަހަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި އެފިޔަވަޅުތަކުގެ މަތީގައި ސާބިތުވެ ތިބުމަށް އޭނާ އެންމެހައި ރައްޔިތުންނަށް ގޮވާލެއްވިއެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤު ވިދާޅުވީ ކޯވިޑް-19 ގައި މިހާރު ރާއްޖޭގެ ހާލަތަށް ބަލާއިރު، ރާއްޖެ މިހާރު މި އޮތީ އެންމެ ވަރުގަދަ ރާޅުގެ ތެރޭގައި ކަމަށެވެ. ޑރ. ނަޒްލާ އިއްޔެ ކުރައްވައިފައިވާ ޓުވީޓުގައި ވިދާޅުވެފައިވަނީ ބަލި ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރަންޖެހޭ މީހުންގެ އަދަދު ސަމާލުވާން ޖެހޭ ދަރަޖައަށް އިތުރު ވެފައިވާކަމަށެވެ.  އޭނާ ވިދާޅުވީ މިހާރު ބާކީ ހުރީ މަދު އެނދެއް ކަމަށެވެ. ގައުމު އޮތީ ނުރައްކާތެރި ހާލަތެއްގައިކަމަށެވެ. ޑރ. ނަޒްލާ ވެސް އެދިވަޑައިގެންފައި ވަނީ ބަލި ކޮންޓުރޯލު ކުރުމަށް ރައްޔިތުން އެއްބާރުލުން ދެއްވުމަށެވެ. ބަލި ޖެހޭ އަދަދު މަދު ކުރުމަކީ ވަރަށް ކުޑަ ކަމަކުން ކުރެވޭން އޮތް އާދައިގެ ކަމެއްކަމަށްވެސް ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ.  އެގޮތުން ފަސް ކަމެއް އޭނާ ފާހަގަ ކުރެއްވިއެވެ. އެއީ ސައިބޯނި ލައިގެން ގިނަގިނައިން އަތް ދޮވުމާއި، މާސްކު އަޅައިގެން އުޅުމާއި، ބޭރަށް ނުކުމެ ނުވަތަ ތަންތަނަށް ވަދެ ނިކުމެ އުޅުމުގައި ތިން ފޫޓުގެ ގައިދުރުކަމެއް ހިފެހެއްޓުމާއި، ގިނަ މީހުން އެއްތަނަކަށް ބޮނޑިވެގެން ނޫޅުމާއި، ވީވަރަކުން ގޭގައި މަޑުކުރުމެވެ.

އާ ވޭރިއެންޓާއެކު ކޭސްތައް އިތުރުވުމުގެ ފުރުސަތު އެތައް ގުނައަކަށް

ކޯވިޑާއެކު ދުނިޔެ އުޅެމުންދާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެގެން ގޮސްފައިވާއިރު ކޯވިޑް ޖައްސާ ވައިރަހަށް ބަދަލުތައް އައިސް އޭގެ އާ ވޭރިއެންޓްތަކެއް ވަނީ އުފެދިފައެވެ. ރާއްޖޭގައިވެސް ކޯވިޑްގެ އާ ވޭރިއެންޓް އުޅެމުންދާކަމަށް ރަސްމީކޮށް އެޗްޕީއޭއިންވެސް މިހާރު ވަނީ ހާމަކޮށްފައެވެ. އެޗްއީއޯސީން މިމަހު ކުރީކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސެންޓަރުގެ ހެލްތް ކޮންސަލްޓެންޓް ޑރ. ޝީނާ މޫސާ ވިދާޅުވީ މިހާރު ރާއްޖޭގައި ފެންނަ ކޮވިޑް ކޭސްތަކުގެ 30 އިންސައްތަ އަކީ އާ ވޭރިއެންޓް ކަމަށެވެ. 

އާ ވޭރިއެންޓްތައް އުޅޭތޯ ދިރާސާ ކުރައްވަން ފަށްޓަވައިފައި ވަނީ ޑިސެމްބަރުން ފެށިގެން ނަގަމުންދާ ސާމްޕަލްތަކުނެވެ. އެހެންކަމުން އާ ވޭރިއެންޓް ފެނިފައިވަނީ ހަ ހަފްތާ ތެރޭގައި ނެގިފައިވާ ސާމްޕަލުތަކުން ކަމަށް ވެސް މިމަހުގެ ކުރީކޮޅު ޑރ. ޝީނާ ވިދާޅުވިއެވެ. މިހާރު ކުއްލިއަކަށް ކޭސްތައް އިތުރުވެގެން ގޮސްފައިވަނީ ވެސް އާ ވޭރިއެންޓްގެ ސަބަބުން ކަމަށް ޑރ. ޝީނާ ފާހަގަ ކުރެއްވިއެވެ.  އާ ވޭރިއެންޓްގައި މީހުންނަށް ބަލި ޖައްސާ މިންވަރުވެސް އިތުރުކަމަށް ޑރ. ޝީނާ ފާހަގަ ކުރެއްވިއެވެ. އާ ވޭރިއެންޓްގައި ކޮންމެ މީހަކު ފަސް މީހަކަށް ބަލި ޖައްސާކަމަށް އޭނާ ވިދާޅުވިއެވެ.  އެހެން ނޫނީ ބަލި ޖެހޭ މިންވަރު އުޅެނީ ކޮންމެ މީހަކު ދެމީހަކަށް ޖެހޭ ނިސްބަތުގައިކަމަށް ފާހަގަ ކުރެއްވިއެވެ. 

އާ ވޭރިއެންޓާއެކު ހޮސްޕިޓަލުގައި އެޑްމިޓް ކުރަންޖެހޭ މީހުންގެ އަދަދުވެސް އިތުރުވެފައިވާކަން ފާހަގަ ކުރެއްވިއެވެ. ބަލިޖެހޭ މީހުންގެ ތެރެއިން އަލާމާތްތައް ފެންނަ މީހުންގެ ނިސްބަތްވެސް އިތުރުވެފައިވާ ކަމަށް ފާހަގަ ކުރެއްވިއެވެ. ކޯވިޑްގެ ދެވަނަ ރާޅުގައި ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުނު މީހުންނަށްވުރެ މިހާރު ދުވާލެއްގެ މައްޗަށް އެޑްމިޓްކުރަން ޖެހޭ މީހުންގެ ނިސްބަތް ދެގުނައަށް އިތުރުވެފައިވާކަން ވެސް މި މަހުގެ ކުރީކޮޅު ޑރ. ޝީނާ ފާހަގަ ކުރެެއްވިއެވެ.  އެހެންކަމުން އެޗްޕީއޭއިން އިއުލާނުކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެންމެންވެސް ބޯލެނބުން ވަރަށް މުހިންމުކަމަށް ފާހަގަ ކުރެއްވިއެވެ. ޚާއްސަ ގޮތެއްގައި މަސައްކަތުގެ މާހައުލާއި ކުޅިވަރުގެ ހަރަކާތްތަކުން ބަލި ފެތުރޭ މިންވަރު އިތުރިވެފައިވާ ވާއިރު އެފަދަ ހާލަތްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން ވަރަށް މުހިންމުކަން ވެސް އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ. 

މާލޭގެ އިތުރުން ރާއްޖޭގެ އާބާދީ ބޮޑު ދެ ސަރަހައްދުގައި ކޯވިޑްގެ ނުރައްކާ ބޮޑު

މާލޭގެ އިތުރުން ރާއްޖޭގެ އެންމެ ބޮޑު އާބާދިީކަމުގައިވާ އައްޑޫ ސިޓީގެ އިތުރުން ފުވައްމުލަކުގައިވެސް ކޯވިޑްގެ ހާލަތު ވަނީ ވަރަށް ގޯސް ވެފައެވެ. ދެ ސިޓީގެ ހާލަތު ގޯސްވެ މިހާރު ވަނީ ރޭގަނޑު އަށަކުން ފަތިހު ހަތަރަކަށް ކާފިއު އިއުލާނު ކޮށްފައެވެ. މިއީ ކޯވިޑްގެ ހާލަތުގެ ގޯސްވެ އަތޮޅުތަކުގައި ކާފިއު އިއުލާނު ކުރެވިގެން ދިޔަ ފުރަތަމަ ފަހަރެވެ. ފުވައްމުލަކުގައި މިރެއިން ފެށިގެން ހަފުތާއަަކަށް ވަނީ ކާފިއު އިއުލާނު ކޮށްފައެވެ. އައްޑޫގައި މިމަހު 10 ވަނަ ދުވަހުން ފެށިގެން ހަފްތާއަކަށް ވަނީ ރޭގަނޑު އަށަކުން ފަތިހު ހަތަރަކަށް ކާފިއު އިއުލާނު ކޮށްފައެވެ. ކާފިއު އިއުލާނު ކުރުމުގެ އިތުރުން ރައްކާތެރިކަމުގެ ގޮތުން ދެ ސިޓީގައިވެސް ވަނީ އެއް ފިޔަވަޅުތަކެއް އަޅައިފައެވެ.  

މާލޭގައި ކޯވިޑްގެ ހާލަތު ގޯސްކޮަށް އޮތް ނަމަވެސް އަތޮޅުތަކަށް ބަލި ފެތުރިގެން ގޮސްފައި ނުވަނީ އެޅިފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންކަމީ ހަގީގަތެކެވެ. ހަމައެއާއެކު  ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރު ލުމެވެ. އަތޮޅުތަކަށް ބަލި ފެތުރިގެން ނުދިއުމުގެ އެންމެ ބޮޑުސަބަބަކީ ދެބަސް ނުވެވޭނެ ގޮތުގައި ހޯމް ކަރަންޓީނެވެ. ހޯމް ކަރަންޓީނުން މީހަކު ޕޮޒިޓިވްވިއަސް  އުސޫލާ އެއްގޮތަށް އަމަލުކުރާނަމަ އިތުރު ބަޔަކަށް ބަލި ފެތުރުމުގެ ފުރުސަތެއް ނޯންނާނެއެވެ. އެކަން ރާއްޖޭގެ އެކި ސަރަހައްދުތަކުގެ އެކިރަށްރަށުގައި ވަނީ ތަޖުރިބާ ކޮށްފައެވެ. 

އައްޑޫގައި ކޯވިޑްގެ ކޮމިޔުނިޓީ ސްޕްރެޑެއް އޮތް ނަމަވެސް އެއީ އެ ސިޓީގެ ރައްޔިތުންގެ އިހުމާލެއް އެކަމުގައި އޮތް ކަމެއް ނޫނެވެ. އައްޑުއަށް ބަލި ފެތުރިފައި ވަނީ ޒަރޫރީ ޚިދުމަތްތަކެއް ދިނުމަށް ޚާއްސަ ހުއްދައެއްގެ ދަށުން އައަްޑުއަށް ދިޔަ ބައެއްގެ ފަރާތުންނެވެ. ޚާއްސަ ހުއްދައިގެ ދަށުން ޒަރޫރީ ޚިދުމަތްތައް ދިނުމަށް މާލެއިން ރަށްރަށަށްދާ މީހުންނަކީ ކަރަންޓީނު ވާންޖެހޭ ބައެއް ނޫނެވެ. އައްޑޫގައި ބަލި ފެތުރިގެން ދިޔަ ދެ ކްލަސްޓަރަށް ބަލާއިރު އޭވިއޭޝަން ކްލަސްޓަރުގެ ޑައިރެކްޓް ކޮންޓެކްޓުންގެ އަދަދު ހުރީ ވަރަށް މަތީގައެވެ. 

އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އޭއީއޯސީ) އިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ އިރުއޮއްސި ހަޔަކާ ހަމައަށް އަލަށް ޕޮޒިޓިވްވީ އެންމެ މީހެކެވެ. މިހާރު އައްޑޫގެ ޖުމްލަ އެކްޓިވް ކޭސްތަކުގެ އަދަދަކީ 53 އެވެ. ޑައިރެކްޓް ކޮންޓެކްޓުންގެ އަދަދަކީ 341 އެވެ. 172 އިމާރާތްވެސް  އައްޑޫގައި ވަނީ ކަރަންޓީނު ކޮށްފައެވެ.

ތަފާސް ހިސާބުތަކުން ފެންނަ ގޮތުގައި އައްޑޫ ސިޓީގެ މަރަދޫ ނޫން ހުރިހާ ރަށަކުން ކޯވިޑް ކޭސްތައް ވަނީ ފެނިފައެވެ. އެންމެ ގިނަ ކޭސްތައް ފެނިފައިވަނީ ހުޅުމީދުއިންނެވެ. އެއީ 25 ކޭހެވެ. ހިތަދޫ ކޭސްތަކުގެ އަދަދަކީ 17 އެވެ. ފޭދޫން ހަތް ކޭސް ފެނިފައި ވެއެވެ. މަރަދޫ ފޭދޫން 4 ކޭސް ފެނިފައިވެެެއެވެ.  އައްޑޫގައި މިހާރު ބަލި ޖެހިފައިވާ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ އެންމެ މީހަކަށެވެ. ފުވައް މުލަކުގައި 14 މީހަކަށް ވަނީ ބަލިޖެހިފައެވެ. 

އައްޑުއާއި ފުވައްމުލަކުގެ ހާލަތު ގޯސްވެގެން ގޮސްފައިވާއިރު ބަލި ފެތުރެމުންދަނީ އާ ވޭރިއެންޓުން ކަމެއް ރަސްމީކޮށް އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެެއް ނުވެއެވެ. މިމަހުގެ ކުރީކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ ވިދާޅުވެފައި ވަނީ އަތޮޅުތަކުން އެހާތަނަށް ފެނިފައިވަނީ އާ ވޭރިއެންޓްގެ އެންމެ ކޭހެއް ކަމަށެވެ. ނަމަވެސް އެއީ ކަރަންޓީން ރިލީޒް ސާމްޕަލަކުން ކަން ފާހަގަ ކުރެއްވިއެވެ. އެހެންކަމުން އަތޮޅުތަކުގައި އިތުރަށް އާ ވޭރިއެންޓް އުޅޭކަމަށް އޭރު ލަފާ ނުކުރެއްވޭކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ނަމަވެސް ޓޫރިސްޓް ފެސިލިޓީ ތަކުން ނެގި ސާމްޕަލްތަކުގައި ކޮންމެވެސް ވަރަކަށް އާ ވޭރިއެންޓް ފެނިފައިވާކަމަށް ވިދާޅުވިއެވެ. އެހެންކަމުން އާ ވޭރިއެންޓް އުޅެނީ މާލެ ސަރަހައްދާއި ރިސޯޓްތަކުގައި ކަމަށް ޑރ. ޝިނާ އޭރު ފާހަގަ ކުރެއްވިއެވެ. ނަމަވެސް އައްޑުއާއި ފުވައްމުލަކުގެ ހާލަތު ގޯސްވެފައި ވަނީ އޭގެފަހުން ކަމަށް ވާއިރު އެ ދެ ސިޓީގައި ފެތުރެނީ ކޯވިޑްގެ އާ ވޭރިއެންްޓްކަމަށް ވާނަމަ ހާލަތު އިތުރަށް ގޯސްވުމަކީ އެކަށީގެންވާކަމެވެ. 

ކޭސްތައް ގިނަވެ އުސޫލުތައް ވަރުގަދަ ކުރުން

މިހާރު މުޅި ރާއްޖެއިންވެސް ފެންނަ ކޯވިޑް ކޭސްތަކުގެ އަދަދު އިތުރުވެފައިވާއިރު އަދިވެސް ހާލަތު އެންމެ ގޯހީ މާލޭ ސަރަހައްދުގައެވެ. ކޯވިޑް ޖެހޭ މީހުންގެ އަދަދު މިމަހުގެ ފުރަތަމަ ދުވަހު ދުއިސައްތައިން މަތިވުމުން މިމަހުގެ ދެވަނަ ދުވަހުން ފެށިގެން ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅަން ފަށައިފައެވެ. ނެގެޓިވް ޕީސީއާރު ޓެސްޓާއެކު ރާއްޖެއިން ބޭރުން އަންނަ މީހުން ކަރަންޓީނުވުން ދޫކޮށްލައިފައި އޮތް އޮތުން އަނބުރާ ގެންގޮސް އެމީހުންވެސް ކަރަންޓީނު ވާންޖެހޭ ގޮތަށް ވަނީ އުސޫލު ބަދަލު ކޮށްފައެވެ. އެނޫންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް މާލެ ސަރަހައްދަށް ވަނީ ވަރުގަދަ ކޮށްފައެވެ.  ދެ ހަފުތާއަށް ރޭގަނޑު 11 އިންފެށިގެން ފަތިހު 4:30 އަށް މާލެ ސަރަހައްދުގައި ވަނީ ކާފިއު އިއުލާނު ކޮށްފައެވެ. އަދި ރޭގަނޑު 8:30 ފެށިގެން ފަތިހު 4:30 އަށް އޮތީ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުންވެސް މަނާކޮށްފައެވެ. ނަމަވެސް މިހާރު ވަނީ ދުއްވުން މަނާ ގަޑި ހަވީރު ހަޔަކުން ހެނދުނު ހަޔަކަށް، އިއްޔެ އިން ފެށިގެން އިތުރުކޮށްފައެވެ. 

މިމަހުގެ ދެވަނަ ދުވަހުން ފެށިގެން އަޅާފައިވާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، އެހެން ހުރިހާ ކުޅިވަރު ހަރަކާތަކާއި ކަސްރަތުގެ ހަރަކާތްތައްވެސް އޮތީ ދެ ހަފުތާއަށް ހުއްޓުވައިފައެވެ. އެހެންނަމަވެސް އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއެކު ކަސްރަތު ކުރުމުގައި އެ މީހަކާ އެކުގައި ދިރިއުޅޭ އެހެން މީހަކަށް ބައިވެރިވެވިދާނެކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ޔުނިވަސިޓީތަކާއި ޕްރީ ސްކޫލްތަކަށް ހާޒިރުވެ ކިޔެވުންވެސް އޮތީ ދެހަފުތާއަށް މަނާކޮށްފައެވެ. އަދި ޑޭކެއަރ ޚިދުމަތް ވެސް އޮތީ ދެ ހަފުތާއަށް ބަންދުކޮށްފައެވެ. ކޯވިޑު-19 ގެ ތިންވަނަ ރާޅާއެކު މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ގުރޭޑު 1 އިން ފެށިގެން 6 ގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދަން އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ނިންމައިފައެވެ. އެ މިނިސްޓްރީން ވިދާޅުވީ  މާލެ ސަރަހައްދުގައި ގްރޭޑް 1 އިން 6 އަށް އަންނަ އާދީއްތަ ދުވަހުން ފެށިގެން ދެހަފުތާގެ މުއްދަތަށް ކިޔަވައި ދެމުންދާނީ އޮންލައިންކޮށްކަމަށެވެ. މި ގޮތަށް ނިންމައިފައި ވަނީ އެޗްޕީއޭގެ އިރުޝާދުގެ ދަށުން ބަލި ކޮންޓުރޯލު ކުރުމަށް އަޅައިފައިވާ ފިޔަވަޅެއްގެ ގޮތުންކަމަށެވެ.  އެހެންކަމުން މި ގުރޭޑުތަކަށް އޮންލައިންކޮށް ކިޔެވުން ގެންދަން ނިންމައިފައި ވަނީ މިމަހު 14 އިން 25 އަށެވެ. މާލޭ ސަރަހައްދަށް އަޅައިފައިވާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި އެއްފަހަރާ 10 މީހުންނަށްވުރެ ގިނައިން އެއްވެ އުޅުންވެސް ވަނީ މަނާކޮށްފައެވެ.

ވެކްސިނާއެކުވެސް ރައްކާތެރިކަން ދޫކޮށްލައިގެން ވާކަށް ނެތް!

ވެކްސިންގެ ޕްރޮގްރާމު ރާއްޖޭގައި ފެށިތާ މިއަދަށް މިވީ ދެ ހަފުތާއެވެ. އިއްޔެގެ ނިޔަލަށް ރާއްޖެއިން ކޯވިޑް ވެކްސިން ދިން މީހުންގެ އަދަދު ވަނީ 27367 އަރާފައެވެ. އެއީ މާލޭ ސަރަހައްދުން 22456 މީހުންނަށާއި އަތޮޅުތަކުން 4911 މީހުންނަށެވެ. މިއަދުން ފެށިގެން އުމުރުން 18 އަހަރުން މަތީގެ ހައިރިސްކު މީހުންނަށް ވެކްސިން ދޭން ފަށާނެކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. އަދި  55 އަހަރުން މަތީގެ މީހުންނަށްވެސް ވެކްސިން ދިނުން ކުރިއަށް ދާނެކަމަށް ވަނީ ބުނެފައެވެ. ސަރުކާރުގެ ޓާގެޓަކީ ދުވާލަކު ވެކްސިން ދޭމީހުންގެ އަދަދު ހަހާހަށް އެރުވުމެވެ. އަދި ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ވެކްސިން ޖަހަން ޖެހޭ އެންމެންނަށް ވެކްސިން ދިނުމެވެ. އެކަމަށްޓަކައި އިތުރުވެކްސިން ހޯދުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. މިހާތަނަށް ވެކްސިން ދިން މީހުންގެ ތެރޭގައި އިސް ސަފުގައި މަސައްކަތްކުރާ މީހުންގެ އިތުރުން ހައި ރިސްކު މީހުން ވެސް ހިމެނެއެވެ. 

ވެކްސިނަކީ ކޯވިޑުން ރައްކާތެރި ވުމަށް އޮތް ބޮޑު އުއްމީދެކެވެ. ނަމަވެސް ވެކްސިންގެ ނަތީޖާ ފެންނަން އަދި މުއްދަތުތަކެއް ބޭނުންވެއެވެ. ރާއްޖޭގައި އަދި ޖަހަމުން ދަނީ ކޯވިޑްގެ ފުރަތަ ޑޯޒެވެ. ދެވަނަ ޑޯޒް ޖެހޭނީ ފުރަތަމަ ޑޯޒް ޖަހާތާ އެންމެ އަވަހަށް ވެސް ހަތަރު ހަފްތާ ފަހުންނެވެ. ކޯވިޑް 19 ގެ ވެކްސިނުން ލިބޭ ފުރިހަމަ ރައްކާތެރިކަން ލިބޭނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުންކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. ވެކްސިންގެ ފުރިހަމަ ރައްްކާތެރިކަން ހޯދަން  0.5 އެމްއެލްގެ ދެ ޑޯޒް މަދުވެގެން 4 ހަފުތާގެ ދުރު މިނެއްގެ ތެރޭގައި ދޭންޖެހޭ ކަމަށް ސިއްހީ މާހިރުން ހަމާ ކުރައްވައެވެ. ވެކްސިންގެ އަސަރު ފެންނާނީ މުޖުތަމައުގެ ގިނަ ބަޔަކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން ކަމަށް ވެސް ސިއްހީ މާހިރުން ފާހަގަ ކުރައްވައެވެ. ވެކްސިނަށް ހަށިގަނޑު ހޭނެންވެސް ދެ ހަފުތާއެއްހާ ދުވަސް ހޭދަވާނެކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. 

 ކުޑަކުދިންނަށް މި ވެކްސިން ނުޖަހައެވެ. އެކުދިން ބަލިން ރައްކާތެރިކޮށް ދިނުމަށް ވެކްސިން ޖަހަން ޖެހޭނީ އެކުދިންގެ ބެލެނިވެރިންނަށް ކަމަށް ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު ފައިސަލް ވަނީ ވިދާޅުވެފައެވެ. ވެކްސިން ނުޖެހޭނެ މީހުންގެ ތެރޭގައި މާބަނޑު މީހުންވެސް ހިމެނެއެވެ. އެހެންކަމުން ވެކްސިން ނުޖެހޭނެ މީހުން ބަލިން ރައްކާތެރި ކޮށްދެވޭނީ ވެކްސިން ޖެހެން ތިބި އެންމެން ވެކްސިން ޖަހައިގެންނެވެ. ވެކްސިނަކީ ކޯވިޑުން ރައްކާތެރި ވުމަށް އޮތް އުއްމީދަކަށް ވާއިރު އެކަން ހާސިލުވާން އަދި މުއްދަތުތަކެއްް ހޭދަވާނެއެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ދޫކޮށް ލެވޭކަށް ނެތެވެ. މާސްކު ދަތްދޮޅިދަށުން ނައްޓައި ނޭފަތާއި އަނގަ ނިވާވަރު ކުރަން ޖެހެއެވެ. ގައިދުރުކަން ބަހައްޓަން ޖެހެއެވެ. އަތް ދޮވެ ސެނެޓައިޒް ކުރުމުގައި ދެމިތިބެން އެބަ ޖެހެއެވެ. ނޫންނަމަ މިހާރު ބޯމަތިވެފައިވާ ކޯވިޑްގެ "އެންމެ ބިޔަރާޅު" ބޯ މައްޗަށް ބިންދާލައި ސިއްހީ ނިޒާމަށް ނުތަކާ ހާލަތަށް ހިނގައިދާނެއެވެ. 

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.