މަޖިލީހުގެ ތަޅުމުން ނެރުމުގައި މެމްބަރު ޝިޔާމަށް އަނިޔާ ލިބުނު މައްސަލަ އިމްތިޔާޒު ކޮމެޓީން ބަލަން ފަށައިފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމުގެ ނަން އިއްވައި ރައްޔިތުންގެމަޖިލީހުގެ ތަޅުމުން ނެރުމުގައި އިހާނެތި ގޮތަކަށް ކަންކަން ހިނގައި ބައެއް މެންބަރުންގެ ފަރާތްޕުޅުން އޭނާއަށް އަނިޔާ ލިބިވަޑައިގެންނެވިކަމަށް ބުނާ މައްސަލަ މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކީ ކޮމެޓީން ބަލަން ފަށައިފިއެެވެ. 

މި މައްސަލަ ކޮމެޓީން ބަލަމުން ދަނީ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީއަކާ ގުޅިގެންނެވެ. މައްސަލައިގައި މެންބަރު ޝިޔާމު މިއަދު ވަނީ ކޮމެޓީއަށް ހާޒިރު ކުރައްވައި މައްސަލައާމެދު އޭނާ ދެކެވަޑައިގަންނަވާ ގޮތް އޮޅުން ފިލުވައިފައެވެ. އޭނާ ވިދާޅުވީ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ކުރިއަށް ގެންދަން ބޭނުންފުޅުވާ ކަމަށެވެ. ނަމަވެސް އެމައްސަލައިގައި އެއްވެސް މެންބަރަކަށް އަނިޔާއެއް ލިބި އަދަބެއް ލިބެން ބޭނުން ނުވާ ކަމަށެވެ. މައްސަލަ ބަލަން ޖެހޭނީ ސުލޫކީ މައްސަލަގޮތުގައި ނޫން ކަމަށާއި ޖިނާއީ މައްސަލައެއްގެ ގޮތުގައިކަމަށް ވެސް މެންބަރު ޝިޔާމް ވިދާޅުވިއެވެ.  

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަކީ ވަރަށް އަވަހަށް ކަންކަން ނިންމާ މަޖިލީހަކަށް ވާއިރު އޭނާޔާ ގުޅޭ ގޮތުން އިމްތިޔާޒު ކޮމެޓީއަށް ހުށަހެޅުނު މައްސަލަ ނުބެލި ގިނަ ދުވަސް ވެގެން ދިޔުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ. ނައިފަރުދާއިރާގެ މެންބަރުގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ބޭރުކުރުމުގެ ތެރޭގައި އޭނާއާ މެދު އިހާނެތި ގޮތަކަށް ކަންތައްތަކެއް ހިނގައި ގަދަކަމުން ބޭރަށް ނެރެން އުޅުމުގެ ތެރޭގައި ބައެއް މެންބަރުންގެ ފަރާތްޕުޅުން އަނިޔާލިބިވަޑައިގެންނެވީ މިދިޔަ އަހަރުގެ ޖޫންމަހުގެ ދެވަނަ ދުވަހުގެރޭ ދަންވަރު 1:30 ގައި ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ. މައިނޯރިޓީ ލީޑަރު އަޙްމަދު ސަލީމް އެ މައްސަލައިގެ ސިޓީ މަޖިލީހުގެ ރައީސަށް ފޮނުއްވީ ޖޫން މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އެމައްސަލަ މަޖިލީހުގެ ރައީސް، އިމްތިޔާޒު ކޮމެޓީއަށް ފޮނުއްވީ ޖޫން ހަތްވަނަ ދުވަހުއެވެ. 

އިމްތިޔާޒު ކޮމެޓީގައި މެމްބަރު ޝިޔާމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރައްވަން ބޭނުންފުޅުވަނީ ތަހުޒީބު މުޖުތަމައެއްގައި ރައްޔިތުންގެ މަޖިލީހެއްގައި ހިނގައިގެން ނުވާނެ ކަންކަން އެދުވަހުގެ ޖަލްސާގެ ތެރޭގައި އޭނަޔާ ދޭތެރޭގައި ހިނގައިފައިވާތީކަމަށެވެ. އެއީ ކޮންމެ މެންބަރަކާ ދޭތެރޭގައި ހިނގި ކަމެއް ނަމަވެސް އެކަމުގެ ހަގީގަތް ރައްޔިތުންނަށް އެނގެން ޖެހޭނެކަމަށް ގަބޫލުފުޅު ކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެ ދުވަހު ގަދަކަމުން މަޖިލީހުގެ އެމްޑީޕީގެ މެންބަރުންތަކެއް އޭނާ ބޭރަށް ނެރެން އުޅުމުގެ ތެރޭގައި އޭނާއަށް ވަރަށް ބޮޑަށް އަނިޔާވެފައި ވާކަމަށް ވިދާޅުވިއެވެ. އަދި އެކަމުގައި ޖިނާއީ ކަންތައްތަކެއް ވެސް ހިމެނޭކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެމައްސަލަ ފުލުހުންނަށް އަމިއްލަފުޅަށް ހުށަހެޅުއްވިކަމަށް ވެސް ވިދާޅުވިއެވެ.  އެކަމުގައި ޖިނާއީ ކަންތައްތަކެއްވެސް ހިނގައިފައިވާއިރު، އެމައްސަލަ ނުބައްލަވާ މަޑުޖައްސާލައިފައި އޮތުމަކީ ވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ކޮމެޓީން އެމައްސަލަ ތަހުގީގުކުރުމުގައި  ފުލުހުން އެމައްސަލަ ނުބައްލަވައި މަޑުޖައްސައިލައިފައި ވަނީ ކީއްވެތޯ އޮޅުން ފިލުވައި ދެއްވުން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ. އަދި މައްސަލަ ތަހުގީގު ކުރެއްވުމަށްފަހު އެކަމުގައި ފުލުހުން ތަހުގީގު ކުރަންޖެހޭފަދަ ކަމެއް ވާނަމަ ކޮމެޓީން އެމައްސަލައެއް ފުލުހުންނަށް ހުށަހަޅައިދެއްވުމަށް ވެސް އެދިވަޑައިގެންނެވިއެވެ. 

ބައެއް މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މެންބަަރު ޝިޔާމް ވިދާޅުވީ މަޖިލީހުގެ ރިޔާސަތުން އޭނާގެ ނަން އިއްވެވީ އެދުވަހުގެ ޖަލްސާގައި ހިނގާދިޔަ ގާނޫނު އަސާސީއާ ގާނޫނުތަކާ ޚިިލާފު ކަންތައްތަކާމެދު ޝުއޫރު ފާޅުކުރައްވަމުން ގެންދަވަނީކޮށް ކަމަށެވެ. އަދި އޭނާ ޝުއޫރު ފާޅުކުރައްވަމުން ގެންދެވީ ނިޒާމީ ނުކުތާއަށް ދެފަހަރު އެދުމަށްފަހުގައި ކަމަށް ވިދާޅުވިއެވެ. ރިޔާސަތުން ނަންއިއްވުމުގައި އަމަލު ކޮށްފައިވަނީ އުސޫލާ އެއްގޮތަށް  ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެމްޑީޕީ މެމްބަރުންނަށް އިޝާރާތްކޮށް ރިޔާސަތުން "އޭނާ ނެރޭށޭ" ވިދާޅުވި ބަސްފުޅުވެސް އެއްސެވިކަމަށް މެމްބަރު ޝިޔާމް ވިދާޅުވިއެވެ.  ރިޔާސަތުން ބޭއަދަބީ ބަސް ބޭނުން ކުރެއްވި އަޑުވެސް އެއްސެވިކަމަށް ޝިޔާމް ވިދާޅުވިއެވެ. މަޖިލީހުގެ ޖަލްސާގައި އިދިކޮޅު މެންބަރުން، އޭނާ ދޮރުން ނެރުމަށް ފަހު އެތެރެއަށް ނުވެއްދުމުން އެ ޖަލްސާގައި ވޯޓު ލުމުގެ ހައްގު ގެއްލިގެން ދިޔަކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. ނަން އިއްވައިފައި ބޭރަށް ނެރުނީ މެންބަރު ޝިޔާމު ކަމަށް ވާއިރު އެހެން މެންބަރުންނަށް ޖަލްސާއަށް ނުވަދެވެން ޖެހޭނެ ސަބަބެއް ނޯންނާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި މެންބަރު ޝިޔާމް ގަބޫލު ކުރައްވަނީ އޭނާގެ ނަން އިއްވައިފައި ވަނީ ވެސް ގަވައިދާ ޚިލާފަށް ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.