ރައީސް އިބްރާހީމް މުޙައްމަދު ސާލިހުގެ ސަރުކާރު ވެރިކަމަށް ވަޑައިގެންނެވި ފަހުން ދައުލަތުން ބިލިއަނުން ފައިސާ ގެއްލިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޗެނަލް 13 ގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މިދިޔަ އަހަރު އެކަނިވެސް 2.4 ބިލިއަން ރުފިޔާ މި ސަރުކާރުން ވަނީ ބަދަލުގެ ގޮތުގައި އެކިފަރާތްތަކަށް ދެއްވާފައި ކަމަށެވެ. އެއީ ދޭންޖެހޭ ފައިސާއެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިއަހަރު މިހާތަނަށް ވެސް އެތައް ބަޔަކަށް ބަދަލުގެ ގޮތުގައި ފައިސާދޭން މިސަރުކާރުން ނިންމަވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝިޔާމް ވަނީ މިސަރުކާރުން ރައީސް ޔާމީނާމެދު ޢަމަލުކުރައްވާ ގޮތާމެދު ވެސް ފާޑުވިދާޅުވެފައެވެ. އެއްވެސް އިރެއްގައި ރައީސް ޔާމީނާމެދު މިސަރުކާރުން ރަނގަޅަށް ކަންކަން ކުރައްވާނޭ ކަމަށް އުންމީދު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުރިއަށްއޮތާގައި ވެސް އަމަލު ކުރައްވާނެ ގޮތެއް އެނގިވަޑައި ނުގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީންގެ އިސްތަށި ފުޅުގައި ދެ މިލިއަން ޑޮލަރުގެ ތުހުމަތު އަޅުވައި އެންމެފަހުން އެމަނިކުފާނު ޖަލަށްލައްވާފައިވަނީ އެ ވިދާޅުވާ ފައިސާއެއް ރައީސް އިބްރާހީމް މުޙައްމަދު ސާލިހުގެ އަތްޕުޅު ފޯރާ ފަށުގައި ހުއްޓައި ކަމަށެވެ. އެ ތުހުމަތު ކުރެއްވުމާއެކު ރައީސް ޔާމީން ވަނީ އެކަން ބެއްލެވުމަށް ކަމާބެހޭ ފަރާތްތަކަށް އަމިއްލަފުޅަށް އަންގަވާފައި ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ. އެފައިސާއާ މެދު ގޮތެއް ނިމެންދެން ފައިސާ ބަހައްޓަވާފައިވަނީ އެކްސްކްރީ އެކައުންޓެއްގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެފައިސާއަކީ ކޮން ފައިސާއެއް ކަމެއް ދައުލަތުގެ އެއްވެސް މުޢައްސަސާއަކަށް އަދިވެސް ހާމަކޮށްދެއްވި ނުވާކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މިއީ ނާގާބިލް ސަރުކާރެއް ކަމަށެވެ. މި ސަރުކާރުން ހިންގާ ޖަރީމާތައް ރައްޔިތުންނާ ހަމައަށް ތިލަކުރެއްވުމުގެ މަސައްކަތް ކޮންމެ ދުވަހަކު ވެސް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފާއިތުވި ދޮޅު އަހަރު ދުވަސްތެރޭގައި މިސަރުކާރުން ވަނީ ރައްޔިތުންނަށް ކަމެއް ނުކޮށްދެއްވައި އެތައް ފައިސާއެއް ގެއްލުވާލާފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިއަދު "ފެންނަނީ ސަރުކާރުގެ އެންމެ އިސްވެރިން ފެށިގެން ރައީސް އޮފީހުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާ ހަމައަށް ދިވެދައުލަތް ލޫޓުވާތަން،" ކަމަށް އޭނާ ވިދާޅވިއެވެ.
ޝިޔާމް ވިދާޅުވީ ސަރުކާރު ހަމަ މަގަށް އަޅުވަން މަގުމައްޗަށް ނުކުންނަން ޖެހިއްޖެ ކަމަށްވާނަމަ އެކަން ވެސް ކުރައްވާނެ ކަމަށެވެ. "މަގުމައްޗަށް ނުކުންނަންޖެހިއްޖެއްޔާ ނުކުންނާނަން، ނުކުމެއްޖެއްޔާ ސްޓްރެންތުހުރިވަރު ދައްކާނަން،" އޭނާ ވިދާޅުވިއެވެ.
އޭނާ ވަނީ ރައީސް ޔާމީނަށް ޙުކުމް އިއްވި ބެންޗުގައި ހިމެނިވަޑައިގަންނަވާ އަލީ ރަޝީދަށް ވެސް ތިހުމަތުތަކެއް ކުރައްވައިފައެވެ. ރައީސް ޔާމީނަށް ކުރެއްވި ޙުކުމުގެ ބަދަލުގައި ސަރުކާރުން އޭނާއަށްކޮށްދޭން ވިދާޅުވި ކަންކަން ނުކޮށްދެވިގެން އެކަމާ އޭނާ ހުންނެވީ ހިތްހަމަނުޖެހިފައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ޝިޔާ ވިދާޅުވިއެވެ.
ސަރުކާރުން ގެންދަވަނީ ލޯކަލް ކައުންސިލް އިންތިޚާބަށް ރައްޔިތުންއގެ ލޮލުގައި އަނދުން އަޅުވަމުން ކަމަށާއި، މަޝްރޫއުތަކުގައި ސޮއިކުރުން ފިޔަވައި އެއްވެސް ކަމެއް މިސަރުކާރުން ކޮށްދެއްވާފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 100 ދުވަހުގެ ވަޢުދުތަކުގެ ތެރެއިން ވެސް ފުރިހަމަ ކުރެވިފައިވަނީ 35 އިންސައްތަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
2019 ވަނަ އަހަރު ހިލޭއެހީގެ ގޮތުގައި ލިބުނުފައިސާއިން ވީނުވީއެއް ނޭގުނު 1.8 މިލިއަން ޑޮލަރަށް ވީގޮތެއް މީޑިއާއަށް ތިލަކޮށްލަ ދެއްވާ