ރައްޔިތުންގެ މަޖިލީހުގެ ޑިޖިޓަލް އަރުޝީފު ރައީސް ޞާލިޙް އިފްތިތާހުކޮށްދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ކުތުބުހާނާގެ ކެޓަލޮގާއި  ޑިޖިޓަލް އަރުޝީފު ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް އިފްތިތާހުކޮށްދެއްވައިފި އެވެ. 

ރައީސް ޞާލިޙު މަޖިލީހު ކުތުބުޚާނާގެ ކެޓަލޮގާއި ޑިޖިޓަލް އަރުޝީފު  އިފްތިތާޙުކޮށްދެއްވީ ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވައި ދެއްވައި ރިޔާސީ ބަޔާން އިއްވެވުމަށް ފަހުއެވެ. މިރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރައްޔިތުންގެ  މަޖިލީހުގެ  ފާދިއްޕޮޅު މެންބަރެއްގެ ގޮތުގައި  ފުރަތަމަ ކުރެއްވި ޤާނޫނީ ހުވައިގެ ކޮޕީއެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ހަދިޔާކުރެއްވައިފައެވެ. 

މިއަދު ބޭއްވި ރައްޔިތުންހެ މަޖިލީހިގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ނިންމާލެއްވަމުން ދެއްކެވި ވާހަކަފުޅުގައި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ  މަޖލީހުގެ ޑިޖިޓަލް އަރުޝީފުގައި ގާތްގަޑަކަށް  6688 ލިޔުމާއި 1529ވީޑިއޯއާއި 2133 ފޮތާއި 2214 ފައިލާއި  10 ހާހަށް ވުރެ ގިނަ ފޮޓޯ ހިމެނޭކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ ކުތުބުހާނާ ނުވަތަ ލައިބްރަރީ ރަސްމީކޮށް ހުޅުވައިފައި ވަނީ 2006 ގައެވެ.ކުތުބުހާނާގެ ކެޓަލޮގާއި ޑިޖިޓަލް އަރުޝީފު ތަރައްޤީ ކުރުމުގެ މަސައްކަތް ފަށްޓަވައިފައި ވަނީ މިދިޔަ އަހަރުވެ.

ރައްޔިތުންގެ މަޖިލީހުގެ ޑިޖިޓަލް އަރްޝީފްގެ މަޤްޞަދަކީ، ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ އިދާރާއާ ގުޅުންހުރި ދުވަސްވީ ލިޔެކިޔުންތަކާއި، އޯޑިއޯ، ފޮޓޯ އަދި ވީޑިއޯ ރައްކާތެރިކޮށް ބެލެހެއްޓުމާއި އަދި އެތަކެތި ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ލިބޭނެ މަގުފަހިކޮށްދިނުންކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ. 

ޑިޖިޓަލް އަރުޝީފުން ލިބެންހުރި މަޢުލޫމާތު ތަކުގެ ތެރޭަގައި ތާރީޚީ ލިޔުންތަކާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހާއި ރައްޔިތުންގެ މަޖިލީސްތަކާ ބެހޭ މަޢުލޫމާތާއި ރިޔާސީ ބަޔާނާއި ދައުލަތުގެ ބަޖެޓާއި އަދި މަޖިލީހުގެ އިދާރާގެ ލިޔެކިޔުންތައްވެސް ހިމެނެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ވެބްސައިޓުންވެސް  ޑިޖިޓަލް އަރުޝީފަށް ވަދެވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.