ކޮވިޑް-19 ފުރަތަމަ ޖެހުނު މީހުންނަށް ފަރުވާދިން ހޮސްޕިޓަލަށް ޑަބްލިޔުއެޗްއޯގެ ޓީމުން ޒިޔާރަތްކޮށްފި

ކޮވިޑް-19 ފުރަތަމަ ފެނުނު ރަށް، ޗައިނާގެ ހުބޭ ޕްރޮވިންސުގެ ވޫހާން ސިޓީގައި އެބަލި ފުރަަތަމަ ޖެހުނު މީހުންނަށް ފަރުވާދިން ހޮސްޕިޓަލަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ޓީމުން ޒިޔާރަތްކޮށްފިއެެވެ. ވޫހާން ސިޓީގެ ވޫހާން ޖިންޔިންޓާން ހޮސްޕިޓަލަށްް ޑަބްލިޔުއެޗްއޯގެ ޓީމުން ޒިޔާރަތްކުރީ ކޮވިޑް-19 އިންސާނުންގެ މެދުގައި ފެތުރެން ފެށި ގޮތް ހޯދަން އެ ޓީމުން ފަށާފައިވާ މަސައްކަތުގެ ދެވަނަ ދުވަހުއެވެ. ދެ ހަފުތާ ކުރިން ޗައިނާއަށް ދިޔަ ޓީމު މަސައްކަތަށް ނުކުތީ ކަރަންޓީނުގައި 14 ދުވަހު ތިބުމަށްފަހުގައެވެ.

ކޮވިޑާ ހަނގުރާމަކުރަން ނާޒުކު ދަނޑިވަޅުގައި އަމަލީ މަސްކަތުގައި ތިބި ސިއްހީ މަސައްކަތްތެރިންނާ ބައްދަލުކުރުމަށް ލިބުނު މުހިއްމު ފުރުސަތެއް." ހޮސްޕިޓަލަށް ޒިޔާރަތްކުރި ޓީމުގައި ހިމެނިވަޑައިގަންނަވާ ޕީޓާ ޑަޒަކް ވިދާޅުވިއެވެ.

ކޮވިޑް-19 ފެތުރެން ފެށިތާ އެއް އަހަރު ފަހުން ވޫހާންއަށް ގޮސްގެން ބަލީގެ އަސްލާ ބެހޭގޮތުން މާބޮޑު އެއްޗެއް ހޯދިދާނެތޯ ސުވާލު އުފައްދާ ފަރާތްތަކަށް ޑަބްލިޔުއެޗްއޯގެ އިސް ބޭފުޅަކު ވަނީ ރައްދުދެއްވާފައެވެ.

"ކާމިޔާބީ ކަމަށް ބަލަނީ ކޮންމެހެން ފުރަތަމަ ދަަތުރުގައި (ބަލީގެ) އަސްލު ޔަގީންކަމާއެކު ދެނެގަނެވުމެއް ނޫން." އެމަޖެންސީސް ޑިރެކްޓަރ މައިކަލް ރަޔާން ވިދާޅުވިއެވެ.

"މިއީ އުނދަގޫ މަސައްކަތެއް. އެހެނަސް، އަހަރުމެން ކުރަންެޖެހޭ ކަމަކީ ހުރިހާ މައުލޫމާތެއް އެއްކުރުން..... އަދި އަހަރުމެންނަށް ބަލީގެ އަސްލާމެދު އިތުރަށް އެނގެނީ ކިހާވަރަކަން ދެނެގަނެ، އަދި މައުލޫމާތު އިތުރުކުރުމަށް އިތުރަށް ކުރަން ޖެހެނީ ކޮން ދިރާސާއެއްކަން ދެނެގަތުން." އޭނާ އިތުރަށް ވިދާޅުވިއެވެ.

ޖިންޔިންޓާން ހޮސްޕިޓަލަށް ދިއުމުގެ ކުރިން ޑަބްލިޔުއެޗްއޯގެ ވައިރޮލޮޖީއާއި، ފުޑް ސޭފްޓީއާއި، އެޕިޑެމިއޮލޮޖީގެ ތަޖުރިބާކާރުން ހިމެނިވަޑައިގަންނަވާ ވަފުދު ވަނީ ހުބޭ އިންޓެގްރޭޓެޑް ޗައިނީޒް އެންޑް ވެސްޓަން މެޑިސިން ހޮސްޕިޓަަލަށް ޒިޔާރަތްކޮށްފައެވެ.

އިއްޔެ ޑަބްލިޔުއެޗްއޯއިން ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮަތުގައި އެޖަމްއިއްޔާގެ ވަފުދުން ކޮވިޑް-19 ވަައިރަސް ފުރަތަމަ އިންސާނުންގެ ގަޔަށް އެރި ތަން ކަމަށް ބެލެވޭ ވޫހާން މަސް މާރުކޭޓަށާއި، ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީއަށާއި، ވޫހާން ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލްއަށާއި، ބައެއް ލެބޯޓަރީތަކަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

"ކޮވިޑް-19 ގެ އަސްލު ދެނެގަތުމަށް އެމީހުން (ވަފުދުގެ މެންބަރުން) ގެ މަަސައްކަތުގައި ސައިންސާ އެއްގޮތަށް ކުރިއަށް ދާއިރު އެކަން ވެދާނެކަމަށް ލަފާކުރެވޭ ހުރިހާ ގޮތްތަކެއްވެސް އެމީހުންގެ ވިސްނުމުގައި އެބަހުރި." ޑަބްލިޔުއެޗްއޯގެ ޓުވީޓުގައި ވެއެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.