ކޮވިޑް- 19 ބަލިމަޑުކަމުން އަރައިގަތުމަށް ދުނިޔޭގެ ގައުމުތަކަށް ޗައިނާއިން 2 އަހަރުގެ ތެރޭގައި 2 ބިލިއަން ޑޮލަރު ދެނީ

ޗައިނާގެ ރައީސު ޒީ ޖިންޕިންގ

ނޮވެލް ކޮރޯނާ ވައިރަސްއިން ފެތުރޭ ކޮވިޑް- 19 ގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގުތުމަށާއި، އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް ދުނިޔޭގެ ގައުމުތަކަށް އެހީވުމުގެ ގޮތުން ކުރިިއަށް ދެ އަހަރުގެ ދުވަހުގެ ތެރޭގައި 2 ބިލިއަން އެމެރިކާ ޑޮލަރު ދޭނެ ކަމަށް ޗައިނާއިން ބުނެފިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން މިއަދު ފެށި މިއަހަރުގެ ވޯލްްޑް ހެލްތު ކޮންގްރެސްއާއި ވީޑިޔޯ ކޮންފަރެންސްގެ ޒަރީއާއިން މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަމަވަމުން މިކަން ހާމަކުރެއްވީ ޗައިނާގެ ރައީސު ޒީ ޖިންޕިންގއެވެ.

"ކޮވިޑް- 19 އިން އަރައިގަތުމަށާއި، (މި ބަލިމަޑުކަމުގެ) އަސަރުކުރި ގައުމުތަކުގެ، ވަކިން ޚާއްސަކޮށް ތަރައްގީވަމުން އަންނަ ގައުމުތަކުގެ އިގުތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް  އެހީތެރިވުމަށް ދެ އަހަރު ދުވަހުގެ ތެރޭގައި ޗައިނާއިން 2 ބިލިއަން ޑޮލަރު ދޭނެ." ޒީ ވިދާޅުވިއެވެ.

"އަަހަރުމެންނަށް މިއަދު ކުރިމަތިވެފައި މިވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ދުނިޔެއަށް ކުރިމަތިވި އާއްމު ސިއްހަތުގެ އެންމެ ބޮޑު ކުއްލި ހާލަތު. ނޭނގި ތިއްބާ މުޅި ދުނިޔެ ސިއްސުވާލި ކޮވިޑް- 19 210 އަށްވުރެ ގިނަ ގައުމާއި ސަރަހައްދަށް ފެތުރި، ދުނިޔޭގެ ކަންކޮޅުތަކުގައި 7 ބިލިއަަނަށް ވުރެ ގިނަ މީހުންނަށް އޭގެ އަސަރުކޮށް، 3 ލައްކައަށްވެރެ ގިނަ މީހުން ވަނީ އެބަލީގައި މަރުވެފައި. ގެއްލިގެން ދިޔަ ހުރިހާ ފުރާނައަކަށްޓަަކައި ހިތާމަކޮށް، އަސަރުކޮަށްފައިވާ އާއިލާތަކަށް ތައުޒިޔާ ފޮނުވަން." ޒީގެ ޚިޠާބުގައި އިތުރަށް ވިދާޅުވެފައި ވެއެވެ.

2 ބިލިއަން ޑޮލަރުގެ އެހީގެ ވައުދުގެ އިތުރަށް އެހެން ބައެެއް ކަންތައްތައް ކުރުމަށްވެސް ޗައިނާއިން ވަނީ ވައުދުވެފައެވެ. އޭގެތެެެރެއިން އެއް ކަމަކީ، ދުނިޔޭގެ އިންސާނީ އެހީގެ ސަޕްލައި ރައްކާކުރާނެ ތަނަކަށާއި، ނާރެހަކަށް ޗައިނާ ހެދުމެވެ. މިގޮތުން ބަލިމަޑުކަމާ ހަނގުރާމަ ކުރުމަށް ބޭނުންވާ ތަކެތި ފަސޭހަކަމާ، ހަލުވިކަމާއެކު ބޭނުންވާ ތަންތަނަށް ފޮނުވޭނެ ގޮތް ޗައިނާއިން ކަށަވަރުކުރާނެއެވެ.

މީގެ އިތުރަށް ޗައިނާގެ ހޮސްޕިޓަލްތަކާއި، އެފްރިކާ ބައްރުގެ 30 ހޮސްޕިޓަލަކާ ގުޅުން އުފައްދައި ކޮވިޑް- 19 އާއި ދެކޮޅަށް އެފްރިކާއިން ކުރާ މަސައްކަތަށް އެހީވުމަށާއި، ޗައިނާއިން ތަރައްގީ ކުރުމަށް މަސައްކަތްކުރާ ވެކްސިން އަމަލީ ގޮތުން ބޭނުންކުރަން ފެށުމާއެކު ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށް އެ ވެކްސިން ލިބޭނެ ގޮތް ހެދުމަށާއި، ފަގީރު ގައުމުތަކަށް ދަރަނީ އަދާކުރުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމަށް ޖީ-20 ގެ ގައުމުތަކާ ގުޅިގެން މަސައްކަތްކުރުމަށް ވެސް ޗައިނާއިން ވަނީ ވައުދުވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.