ފާއިތުވި އަހަރު މިޔަންމާގައި ބޭއްވި އާއްމު އިންތިޚާބުގައި މަކަރުހަދާފައިވާކަމަށް އެގައުމުގެ ސިފައިން ކުރާ ތުހުމަތުތައް އިލެކްޝަން ކޮމިޝަނުން ދޮގުކޮށްފިއެވެ. މިއަދު އެ ކޮމިޝަނުން ބުނެފައި ވަނީ ވޯޓުގެ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ ކަމެއް ހިނގާފައި ނުވާ ކަމުގައެވެ.
ޔުނިއަން އިލެކްޝަން ކޮމިޝަން (ޔޫއީސީ) އިން މި މޭރުމުން ބަޔާނެއް ނެެރެފައި މިވަނީ، އިންތިޚާބުގައި ހިނގާފައިވާ ގަވާއިދާ ޚިލާފު ކަންކަން ނުބަލައިފިނަމަ "ފިޔަވަޅުއަޅަން ޖެހިދާނެ" ކަމުގެ އިންޒާރު ސިފައިންގެ ތަރުޖަމާނު މޭޖާ ޖެނެރަލް ޒޯ މިން ޓުން މީގެ ދެ ދުވަސް ކުރިން ދެއްވާފައި ވަނިކޮށެވެ.
ކުރީގެ ސިޔާސީ ގައިދީ، އަދި މިހާރުގެ ސްޓޭޓް ކައުންސެލާ (ބޮޑުވަޒީރާ އެއް ވަރުގެ މަގާމެއް) ގެ ޕާޓީ ނޭޝަނަލް ލީގް ފޯ ޑިމޮކްރަސީ (އެންއެލްޑީ) އިން ވަނީ ފާއިތުވި ނޮވެންބަރު މަހުގެ 8 ވަނަ ދުވަހު އޮތް އާއްމު އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކޮށްފައެވެ. އެ ޕާޓީން ވަނީ ގާނޫނުހަދާ މަޖިލީހުގެ %83 ގޮނޑި ކާމިޔާބުކޮށްފައެވެ. ސިފައިންގެ ތާއީދާއެކު އިންތިޚާބުގައި ވާދަކުރި ޔުނިއަން ސޮލިޑޭރިޓީ އެންޑް ޑިވެލޮޕްމަންޓް ޕާޓީ އަށް ލިބުނީ ގާނޫނުހަދާ މަޖިލީހުގެ 476 ގޮނޑީގެ ތެރެއިން އެންމެ 33 ގޮނޑިއެވެ.
"މި އިންތިޚާބުގައި ވޯޓުލީ މީހުންގެ ލިސްޓުގައި ބައެއް ކަންކަން ފުރިހަމަ ނުވެ ހުރުމާއި، ބައެއް ކުށް ހުރުމަކީ ވޯޓުގައި މަކަރުހެދުމުގެ ސަަބަަބަކަށް ނުވާނެ." އިލެކްޝަން ކޮމިޝަނުގެ ފޭސްބުކް ސަފުހާގައި އާއްމުކުރި ހަ ސަފުހާގެ ބަޔާނުގައި ވެއެވެ. އެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ވޯޓުލުން ކުރިއަށް ގޮސްފައި ވަނީ އޮބްޒާވަރުން ތިބެެގެން، ދެ ފުށް ފެންނަ ގޮތަށެެވެ.
އިލެކްޝަން ކޮމިޝަނުން މި ބަޔާން ނެރެފައި މިވަނީ މިޔަންމާގެ އަސްކަރިއްޔާއިން އިންގިލާބެއް ގެނެސްފާނެ ކަމުގެ އިންޒާރުދީފައި ވަނިކޮށެވެ.
ސިފައިންގެ ކޮމާންޑާ އިން ޗީފް ސީނިޔާ މިން އާންގް ލައިންގް އަސްކަރީ އޮފިސަރުންތަކަކާ ބައްދަލުކުރައްވާ ވީޑިއޯއެއް އާއްމުކޮށްފައި ވާއިރު، އެ ވީޑިޔޯގައި އޭނާ ވަނީ ގާނޫނު އަސާސީއަށް އަމަލު ނުކުރާނަމަ، އެ ގާނޫނު އުވާލަން ޖެހިދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
އޭނާ ވަނީ މީގެ ކުރިން މިޔަންމާގެ ގާނޫނު އަސާސީ އުވާލާފައިވާ ފަހަރުތައް ފާހަގަކުރައްވައި އެކަމުގެ މިސާލުވެސް ދެއްވާފައެވެ. 1962 އަދި 1988 ގައި މިޔަންމާގެ އަސްކަރިއްޔާއިން ވަނީ އެ ގައުމުގެ ގާނޫނު އަސާސީ އުވާލައި، އަސްކަރީ ވެރިކަމެއް ގާއިމުކޮށްފައެވެ.