މިޔަންމާގައި އަސްކަރީ އިންގިލާބެއް ގެނެސްފި

އާންގް ސަން ސޫޗީއާއި މަދަނީ އިސްވެރިން ހައްޔަރުކޮށް 1 އަހަރު ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

މިޔަންމާގެ އަސްކަރީ ވެރިޔާ މިން އާންގް ލައިންގް

މިޔަންމާ (ބަރުމާ) ގައި އަސްކަރީ އިންގިލާބެއް ގެނެސް އެއް އަހަރު ދުވަހުހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިއެވެ. ގައުމީ ޓީވީން އާއްމުކުރި ބަޔާނެއްގައި އަސްކަރިއްޔާއިން ބުނީ އެއް އަހަރުދުވަހަށް ފަހު "މިނިވަން އިންސާފުވެރި" އިންތިޚާބެއް ބާއްވާނެ ކަމުުގައެވެ.

 އަސްކަރިއްޔާގެ ބަޔާނުގައި ބުނި ގޮތުގައި އިންގިލާބު ގެނައި ގައުމުގެ ހަމަޖެހުން ދަމަަހައްޓަން ކަމުގައެވެ. އަދި ފާއިތުވި ނޮވެންބަރު ބޭއްވި އާއްމު އިންތިޚާބުގައި "ބޮޑެތި އޮޅުވާލުންތަކެއް" ހުރި އިރު އިލެކްޝަން ކޮމިޝަން އެމައްސަލަތައް ބެލުމަށް ނުކުޅެދިފައިވާ ކަމުގައެވެ.

ވެރިކަންކުކުރަމުން އައި ޕާޓީ ނޭޝަނަލް ލީގް ފޯ ޑިމޮކްރަސީ (އެންއެލްޑީ) އިން ހާމަކުރި ގޮތުގައި މިއަދުގެ ފަތިހުގެ ވަގުތެއްގައި ސިފައިން ނުކުމު އެގައުމުގެ ސްޓޭޓް ކައުންސެލާ (ބޮޑުވަޒީރު) އާންގް ސަން ސޯ ޗީ އާއި އިތުރު ބައެއް ވެރިން ހައްޔަރުކޮށްފިއެެެވެ.

ޕާޓީގެ ތަރުޖަމާނު މިޔޯ ނިޔުޓް ވިދާޅުވިގޮތުގައި ސޫ ޗީއާއި ރައީސު ވިން މިޔިންޓް އަދި އިތުރު ބައެއް ވެރިން ވަނީ ފަތިހު "ނަގައިގެން ގޮސްފައެވެ."

ސޫ ޗީ ވަނީ ރައްޔިތުން މަޑުން ނުތިބެ އިންގިލާބާ ދެކޮޅަަށް ނުކުތުމަށް ގޮވައިލާފައެެވެ.

"އަހަރުމެންގެ ރައްޔިތުންނަށް އަހަރެން ބުނެލަން ބޭނުންވަނީ މިކަމުގެ ރައްދުގައި ނަތީޖާއަށް ނުވިސްނައި ގޯސް ގޮތަކަށް ހަރަކާތްތެރިނުވާށޭ. އަހަރެން އެދެނީ އެމީހުން ގާނޫނުން ބޭރުނުވެ ރައްދުދިނުމަށް." އޭނާ ވިދާޅުވިއެވެ.

މަންޒަރުދުށް ބައެއް މީހުންނާ ހަވާލާދީ ޚަބަފަތުރާ ވަސީލަތްތަކުން ބުނެފައިވާ ގޮތުގަައި، ވެރިރަށް ޔަންގޮން (ރެންގޫން) ގެ ސިޓީ ހޯލްގެ ބޭރުގައި ސިފައިން ހަރަކާތްތެރިވަމުން ދާތަން ފެނެއެވެ. އަދި އެރަށުގެ ބައެއް ސަރަހައްދުތަކުން އިންޓަނެޓާއި، މޯބައިލް ފޯނުގެ ޚިދުމަތް ވަނީ ކެނޑިފައެވެ.

އިންޓަނެޓްގެ ޚިދުމަތް މޮނިޓާކުރާ ނެޓްބްލޮކްސްއިން ބުނި ގޮތުގައި ރޭ ދަންވަރު 3 ޖެހީއްސުރެ މިޔަންމާގެ އިންޓަނެޓްގެ ޚިދުމަތް ވަނީ %75 ދަށަށް ގޮސްފައެވެ. އަދި ގައުމީ ޓީވީ، އެމްއާރްޓީވީގެ ފޭސްބުކް ސަފުހާގައި ބުނެފައިވާ ގޮތުގައި ޓެކްނިކަލް މައްސަލަތަކެއް ދިމާވެގެން އެ ސްޓޭޝަނުގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ.

އިންތިޚާބުގައި މަކަރުހަދާފައިވާކަމަށް ބުނެ މިޔަންމާގެ ސިފައިންގެ ތާއީދު ލިބިގެން ފާއިތުވި ނޮވެންބަރު މަހު އެގައުމުގައި އޮތް  އާއްމު އިންތިޚާބުގައި ވާދަކުރި ޔުނިއަން ސޮލިޑޭރިޓީ އެންޑް ޑިވެލޮޕްމަންޓް ޕާޓީން އިލެކްޝަން ކޮމިޝަނަށް މައްސަަލަ ހުށަހެޅިއެެވެ. އެހެންނަމަވެސް، ފާއިތުވި ހަފުތާގައި އިލެކްޝަން ކޮމިޝަނުން ބުނީ އިންތިޚާބުގެ ނަތީޖާއަށް ބަދަލުއަންނަ ވަރުގެ ކަމެއް ހިނގާފައި ނުވާކަމުގައެވެ. ސިފައިންގެ ތާއީދު އޮތް ޕާޓީއަށް ލިބުނީ  ގާނޫނުހަދާ މަޖިލީހުގެ 476 ގޮނޑީގެ ތެރެއިން އެންމެ 33 ގޮނޑިއެވެ.

އިލެކްޝަން ކޮމިޝަނުން މި ބަޔާން ނެރެފައި މިވަނީ މިޔަންމާގެ އަސްކަރިއްޔާއިން އިންގިލާބެއް ގެނެސްފާނެ ކަމުގެ އިންޒާރުދީފައި ވަނިކޮށެވެ.

ސިފައިންގެ ކޮމާންޑާ އިން ޗީފް ސީނިޔާ މިން އާންގް ލައިންގް އަސްކަރީ އޮފިސަރުންތަކަކާ ބައްދަލުކުރައްވާ ވީޑިއޯއެއް އާއްމުކޮށްފައި ވާއިރު، އެ ވީޑިޔޯގައި އޭނާ ވަނީ ގާނޫނު އަސާސީއަށް އަމަލު ނުކުރާނަމަ، އެ ގާނޫނު އުވާލަން ޖެހިދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

މިޔަންމާއަށް ޑިމޮކްރެސީ ގެންނަން ކުރި މަސައްކަތުގައި އެތައް އަހަރެއް ޖަލު ބަންދާއި، ގޭބަންދުގައި ހޭދަކުރުމަށްފަހު އުމުރުން 75 އަަަހަރުގެ ސޫ ޗީ ވެރިކަމަށް އައީ 2015 ވަނަ އަަަހަރުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.