ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ބޭއްވުމަށް 95 މިލިއަން ރުފިޔާ ހޭދަވާނެ: އީސީ

އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު ބޭއްވުމަށް 95 މިލިއަން ރުފިޔާ ހޭދަވާނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ. 

އިލެކްޝަންސް ކޮމިޝަންސްގެ ރައީސް އަޙުމަދު ޝަރީފު ވިދާޅުވީ ބަޖެޓްގައި އިންތިޚާބު ބޭއްވުމަށް ކަނޑައަޅައިފައި ވަނީ 51.7 މިލިއަން ރުފިޔާކަމަށެވެ. ނަމަވެސް އެޗްޕީއޭގެ ގައިޑް ލައިނާ އެއްގޮތަށް އިންތިޚާބު ބޭއްވުމަށް 44.9 މިލިއަން ރުފިޔާ އިތުރަށް ޚަރަދު ކުރަންޖެހޭ ކަމަށެވެ. 

ގައިޑް ލައިންނާ އެއްގޮތަށް އިންތިކާބު ބޭއްވުމަށް އިތުރަށް ކުރަންޖެހޭ ޚަރަދުތަކާ ބެހޭ ތަފްޞީލު ދެއްވަމުން މެންބަރު ފުވާދު ތައުފީޤު ވިދާޅުވީ ގައިޑްލައިންގައިވާ ގޮތަށް އިންތިހާބު ބޭއްވުމަށް އާންމުކޮށް އިންތިޚާބު ތަކުގައި ކުރަން ނުޖެހޭ އެތައް ޚަރަދެއް އިތުރުވާ ކަމަށެވެ. ގައިޑްލައިންގައިވާ ކަންކަން ކަށަވަރު ކުރުމަށް އިތުރު އޮފިޝަލުން ހޯދަންޖެހޭ ކަމަށް ވިދާޅުވިއެވެ. ހަމައެކަނި މުވައްޒަފުންގެ ޚަރަދަށް ވެސް 6.7 މިލިއަން ރުފިޔާ އިތުރަށް ހޭދަކުރަންޖެހޭ ކަން ފާހަގަ ކުރެއްވިއެވެ. ދަތުރު ފަތުރަށް ވެސް އިތުރަށް 3 މިލިއަން ޚަރަދު ވާނެކަމަށާއި އަދި އޮފީސް ހިންގުމުގެ ޚަރަދަށްވެސް އިތުރަށް ދެ މިލިއަން ޚަރަދުވާނެކަމަށް ވިދާޅުވިއެވެ. މިއާއެކު އޮފީސް ހިންގުމަށް ބޭނުންވާ ޚިދުމަތުގެ ޚަރަދަށް ވެސް  އިތުރަށް 32 މިލިއަން  ޚަރަދު ވާނެކަމަށް ވިދާޅުވިއެވެ.  އޮފިޝަލުން ތަމްރީނުކުރުމަށް ހަތް ލައްކަ 47 ހާސް ރުފިޔާ އިތުރު ވެގެންދާނެކަމަށް ވެސް ފުވާދު ވިދާޅުވިއެވެ. 

ވޯޓްލާ މަރުކަޒުތައްވެސް އެތައް ގުނައަކަށް އިތުރު ކުރަންޖެހޭ ކަމަށް މެންބަރު ފުވާދު ވިދާޅުވިއެވެ. އަދި ރިޒާވުންގެ ގޮތުގައި ވެސް މުވައްޒަފުން ބައިތިއްބަން ޖެހޭކަން ފާހަގަކުރެއްވިއެވެ. 

"އެއްވެސް މީހަކު ކޮވިޑަށް ޝައްކު ކުރެވިއްޖެއްޔާ އެބަ ޖެހޭ ނުކުންނާނެ އިތުރު ސްޓާފުން ބައި ތިއްބަން. އެހެންވީމާ އެގޮތުން، ލޯކަލް ކައުންސިލް އިންތިޚާބަކީ މިހާތަނަށް ދުވަހަކުވެސް ކުރަން ނުޖެހޭ ބޮޑު ޚަރަދެއް ކޮށްގެން އުދަނގުލާ އެކީގައި ބާއްވަން ޖެހޭ އިންޚާބަކަށް ވެގެން ދާނެކަމަށް ފެނިގެން މިދަނީ." ފުވާދު ވިދާޅުވިއެވެ. 

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެންނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އޭޕްރިލް 10 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ކަނޑައަޅައިފައެވެ. އަދި އިންތިޚާބާ ބެހޭ މަސައްކަތް ރަސްމީކޮށް މިމަހު 29 ގައި ފަށްޓަވާނެކަމަށްވެސް އިޢުލާން ކުރެއްވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.