ސިޓީތަކަށް އަންހެނުން ވާދަކުރާނެ ދާއިރާތައް ކަނޑައެޅުން ބުދަދުވަހުގެރޭ

pic: @ElectionsMv Twitter

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ސިޓީތަކަށް އަންހެން މެމްބަރުން ވާދަކުރާނެ ދާއިރާތައް ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން މިމަހު 25 ވަނަދުވަހުގެރޭ ބާއްވާ ގޮތަށް ހަމަޖައްސަވައިފިއެވެ.

"ލޯކަލް ކައުންސިލް އިލެކްޝަން 2020 ގެ ސިޓީތަކުގެ އިންތިޚާބީ ދާއިރާތަކުގެ ތެރެއިން އަންހެން މެމްބަރުން އިންތިޚާބުކުރާނެ ދާއިރާތައް ކަނޑައެޅުމަށްޓަކައި ބާއްވާ ގުރުއަތު ނެގުން 2019-12-25 ވާ ބުދަދުވަހުގެ  ރޭ ބޭއްވުމަށް އީސީ އިން ނިންމައިފި،" އިލެކްޝަންސް ކޮމިޝަންގެ ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވީ ބުދަދުވަހުގެރޭ މި ހަރަކާތް އޮންނާނީ އިންތިޚާބުތަކާ ބެހޭ މައިމަރުކަޒު ކަމަށްވާ ބައުޖަމާލުއްދީން ސްކޫލުގެ ހޯލުގައި ކަމަށެވެ. އަންހެން މެމްބަރުން ވާދަކުރާނެ ދާއިރާތައް ކަނޑައެޅުމަށް ގުރުއަތު ލަނީ ލާމަރުކަޒީ ޤާނޫނަށް ގެންނެވި އިސްލާހުގެ ދަށުން ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ޚާއްސަ ކުރެއްވުމުން އަންހެން މެމްބަރުން ވާދަކުރައްވާނެ ދާއރާތައް ކަމަށަވަރު ކުރެއްވުމަށެވެ.

އީސީން ވިދާޅުވެފައިވަނީ މިފަހަރު ޖުމްލަ 372 އަންހެން ކައުންސިލަރުން އިންތިޚާބު ވާނެ ކަމަށެވެ.

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމުގެ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު މިއަދު ހަވީރު 3:00 އަށްވަނީ ހަމަވެފައެވެ. ވަގުތު ހަމަވިއިރު ޖުމްލަ ހުށަހަޅާފައިވަނީ ކިތައް ޝަކުވާ ކަމާއި އެއީ ކޮންކަހަލަ ޝަކުވާތަކެއް ކަމެއް އީސީން ހާމަކުރައްވާފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.