ރާއްޖޭގައި ބޮމެއް ތައްޔާރުކޮށް ގޮއްވާލަން މަސައްކަތް ކުރި ބަޔަކަށް ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި ކަމަށް ފުލުހުން ހާމަކޮށްފިއެވެ. މައްސަލައިގެ ތަފުސީލާއެކު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ނެރުނު ނޫސްބަޔާނުގައި ހާމަ ކޮށްފައިވާ ގޮތުގައި ރާއްޖޭގައި ބޮމެއް ގޮއްލާން މަސައްކަތް ކޮށްފައި ވަނީ ދުނިޔޭގެ ނިރުބަވެރި ޖަމާއަތެއް ކަމުގައިވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ އިރުޝާދުގެ ދަށުން ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ ބައެކެވެ. މިބައިމީހުން މައިގަނޑު މަސައްކަތް ކުރި ކަމަށް ފުލުހުން ހާމަކޮށްފައި ވަނީ "ނަސާޙް-3" ނަމަކަށް ކިޔާ ކަންނެލި ދޯންޏެއްގައެވެ. ދޯނީގައި އައިއީޑީ (ގޮވާ ތަކެތި) ތައްޔާރު ކުރުމުގެ މަސައްކަތް ކުރުމުގެ އިތުރަށް ފަޅު ރަށްރަށަށް ދަތުރު ދިއުމުގެ ނަމުގައި ގޮސް ތަމްރީނު ހެދުމުގެ މަސައްކަތް މިބައިމީހުން ވަނީ ކޮށްފައެވެ. އަދި ކޮޅުމަޑުލު ތިމަރަފުށީ ބައެއް ގޭގޭގައި ހަރުކަށި ފިކުރުގެ ކުލާސްތައް ހިންގުމާއި، އޮންލައިން ކުލާސްތައް ހިންގުމާއި، އެރަށުގައި ދިރިއުޅޭ ކުޑަކުދިންނަށް އަމާޒުކޮށް އެ ކުދިން ހަރުކަށި ފިކުރަށް ލެންބުމުގެ މަސައްކަތް ކުރުމާއި، ވަކި ޖަމާއަތް ހަދައިގެން ނަމާދު ކުރަމުން ދިއުމާއި، ހަރުކަށި ފިކުރަށް ތާއިދުކުރާ މީސްމީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރާ ކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.
މި މައްސަލައިގައި ފުލުހުން ވަނީ ހަތް މީހަކު ހައްޔަރު ކޮށްފައެވެ. ފުރަތަމަ 6 މީހުން ހައްޔަރުކުރީ 2020 ވަނަ އަހަރުގެ (މިދިޔަ އަހަރުގެ) ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ފުލުހުން ކަނޑުމަތީގައި ހިންގި އޮޕަރޭޝަނެއްގައެވެ. އަނެއް 2 މީހުން ހައްޔަރު ކުރީ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ތިމަރަފުށިންނެވެ.
ހައްޔަރު ކުރި މީހުންންގެ ތެރެއިން 6 މީހުންނަކީ ތިމަރަފުށީ މީހުންނެވެ. އެއީ އަސްރަފީވިލާ ، އަޙްސަން މުޙައްމަދު (32 އަހަރު) އާއި، ފަހިވިދުވަރުގޭ، ޢަބްދުﷲ ޝަރީފު (34 އަހަރު) އާއި، ކެނެރީގޭ، ޢަލީ މުނީޒު (28 އަހަރު) އާއި، އަސުރުމާގޭ، މުޙައްމަދު ޢާސިރު (34 އަހަރު) އާއި، ފެހިވިލާ، ޢަލީ އަރުޙަމް މުޙައްމަދު (18 އަހަރު) އާއި، ސައިމާ، ޝަމާޚު ޝަރީފު (20 އަހަރު) އެވެ. މީގެ އިތުރަށް ހައްޔަރުކޮށްފައި ވަނީ ނ. ކުޑަފަރީ ރޯޒްމީޑް، އިބްރާހީމް ލޫޠު (21 އަހަރު) އާއި ރ. މަޑުއްވަރީ ބީޗް ހައުސް ޢަބްދުﷲ ޢިމާދު (29 އަހަރު) އެވެ.