ނިރުބަވެރި ހަމަލާގެ މުގުލުގައި ތިބީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން: ސިރިސޭނާ

އީސްޓަރ ހަމަލާގެ މުގުލުގައި ތިބީ މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ ބައިނަލްއަގުވާމީ ބަޔަކު ކަމަށް ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެއެވެ. ސިރިސޭނާ މިހެންް ވިދާޅުވެފައި ވަނީ މަސްތުވާ ތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން ގެންދާ ދަނޑިވަޅެއްގައެވެ. އެ މަނިކުފާނު ބޭނުންފުޅު ވަނީ މިފަދަ ވިޔަފާރިކުރާ މީސްމީހުންނަށް މަރުގެ އަދަބު ދެއްވާށެވެ.

ފާއިތުވި އޭޕްރީލް މަހު ސްރީލަންކާގެ ބައެއް ފައްޅިއާއި ބައެއް ހޮޓަލަށް ދިން ނިރުބަވެރި ހަމަލާގެ މުގުލިގައި ތިބި ކަމަށް މީގެ ކުރީން ސަރުކާރުން ބުނެފައި ވަނީ އެ ގައުމުގެ ދީނީ ޖަމާއަތެއް ކަމުގައިވާ ގައުމީ ތަވްހީދު ޖަމާއަތް ނުވަތަ އެންޓީޖޭ އެވެ. ނިރުބަވެރި ޖަމާއަތެއް ކަމުގައިވާ ދާޢިޝް އިން ވަނީ ހަމަލާގެ ޒިންމާ އުފުލައިފައެވެ. އެހަމަލާގައި 258 މީހަކު ވަނީ މަރުވެފައެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ވަނީ ޒަޚަމް ވެފައެވެ.

ހަމަލާ ދިން ދުވަހުގެ ފަހު ދުވަހު ސިރިސޭނާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހަމަލާގެ ޒިންމާ އުފުލާން ޖެހޭ ބަޔަކީ އެ ގައުމުގެ ނިރުބަވެރިންކަމުގައެވެ. އޭރަކު ވަކި ޖަމާއަތެއްގެ ނަން ބަޔާން ކޮށްފައެއް ނެތެވެ.

އިއްގެ ސިރިސޭނާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބައިނަލްއަގުވާމީ މީސްމީހުން ސްރީލަންކާގައި ނިރުބަވެރި އަމަލު ހިންގަނީ އެ މަނިކުފާނުގެ ސަރުކާރުގެ މައްޗަށް ރައްޔިތުން ކުރާ އިތުބާރު ނައްތައިލުމެވެ. އަދި މަސްތުވާ ތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް ބުރޫ އަރުވައިލުމެވެ. ސިރިސޭނާ ވިދާޅުވާ ގޮތުގައި އެމަނިކުފާނު ހުންނެވީއަކީ ބަޔަކު ދައްކާ ބިރަކަށް ސިހިވަޑައިގެން މަސައްކަތްޕުޅު ހުއްޓަވައިލައްވާ ގޮތަކަށް ނޫނެވެ.

ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހާ ގެ ތަރުޖަމާނު ރައީސް ސިރިސޭނާގެ ވާހަކަފުޅަކަށް ތާއީދެއް ނުކުރައްވައެވެ. އޭނާ ވިދާޅުވި ގޮތުގައި ސްރީލަންކާގެ ފުލުހުން ވަނީ އެ ހަމަލާގެ ތަހުގީގު ދެ ހަފްތާއެއްހައި ދުވަުގެ ތެރޭގައި ނިންމައިފައެވެ. "މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ ބައެއްގެ ވާހަކައެއް ފުލުހުންގެ ރިޕޯޓަކު ނެތެވެ. އަޅުގަނޑުމެންގެ ތަހުގީގުވެރިންގެ މަސައްކަތަށް ޝައްކު ކުރުމަކީ އަޅުގަނޑުމެންނަކަށް ކުރެވޭނޭ ކަމެއް ނޫނެވެ." އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މަސްތުވާ ތަކެތީގެ ވިޔަފާރިކުރާ މީހުން ބޮޑަށް ބިރު ގަންނާނީ ވީހައިވެސް އަވަހަކަށް އިންސާފު ގާއިމު ކުރެވުނީމައެވެ. ލިބިދާނޭ އަދަބެއްގެ ބިރު ދެއްކީމައެއް ނޫނެވެ. "ވަކި ބަޔަކު އުލުބޭންދީމާ މައްސަލަ ހައްލުވާނޭ ކަމަކަށް އަޅުގަނޑުމެންނަކަށް ނުފެނެއެވެ."

ސިރިސޭނާ ވިދާޅުވާ ގޮތުގައި ނިރުބަވެރި ހަމަލާގައި ބައިވެރިވީ މީހުންނާއި ހައްޔަރުކޮށްފައި މި ވަގުތު ތިބި މީހުންނަށް މަރުގެ އަބަދު ދިނީމާ މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ މީހުން ބިރު ގަންނާނެއެވެ. އެމީހުންގެ ޣައިރުޤާނޫނީ މަސައްކަތްތަކަށް ބުރޫ އަރާނެއެވެ. ސަރުކާރުން އެކި ކަހަލަ ހިންތާ ހަދައިގެން ކުށްވެރިން ދޫކޮށްލައިފިނަމަ ގައުމީ ހިތާމަފާޅުކުރުމުގެ ދުވަހެއް ކަނޑައަޅުއްވާނޭ ކަމުގެ އިންޒާރު ސިރިސޭނާާ ވަނީ ދެއްވައިފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ސްރީލަންކާގެ ބުޑިސްޓުންގެ ވެރިން ވަނީ މަރުގެ އަދަބު ދިނުން ފެއްޓުމަށް އެމަނިކުފާނަށް ލަފާ އަރުވައިފައެވެ.

ސްރީލަންކާގެ ގާނޫނު އޮންނަ ގޮތުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާއި ގަސްތުގައި މީހުން މަރާ މީހުންނާއި އަންހެނުންގެ އިއްފަތް ފޭރިގަންނަ މީހުންނަށް އޮންނަ އަދަބަކީ މަރުމެވެ. އެކަމަކު ކޯޓުން އެ ހުކުން ކުރުމާއެކު އެ އަދަބު އުމުރަށް ޖަލަށް ލުމަށް ބަދަލުވާ ގޮތަށް އޮންނަނީ ހަމަޖެހިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.