މެދު އިރުމަތީގައި އެމެެރިކާގެ ސިޔާސަތުގައި އެންމެ ބޮޑު އަހައްމިއްޔަތެއް ދޭ ދެ މައްސަލަ ކަމުގައިވާ އިރާނާއި، ފަލަސްޠީނު މައްސަލައިގައި ބައިޑަންގެ ސަރުކާރުން އެމެރިކާގެ ކުރީގެ ސިޔާސަތަށް އެނބުރި ދާނެ ކަމުގައި އެންޓޮނީ ބްލިންކެން ވިދާޅުވެއްޖެއެވެ. އޭނާއަކީ ޖޯ ބައިޑަންގެ ސަަރުކާރުގައި ސެކްރެޓަރީ އޮފް ސްޓޭޓް (ޚާރިޖީ ވަޒީރު) ގެ މަގާމަށް އައްޔަކުރުމަށް ނިންމާފައިވާ ބޭފުޅާއެވެ.
ބްލިިންކެން މިމޭރުމުން ވާހަކަފުޅުދައްކަވާފައި ވަނީ ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމަށް އޭނާ އައްޔަންކުރުމާމެދު އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ މަތީގެ، ސެނެޓުގައި އިއްޔެ ކުރިއަށް ދިޔަ ބަހުުސުގައެވެ.
އިސްރާއީލު-ފަލަސްޠީނުގެ މައްސަލައިގައި ސެނެޓަރަކު ކުރިމަތިކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ބްލިންކެން ވިދާޅުވީ ފަލަސްޠީނުގެ ބިމުގައި ދެ ދައުލަތް ގާއިމުކުރުމުގެ ސިޔާސަތަކީ ޒަމާނުއްސުރެ އެމެރިކާގެ ޚާރިޖީ ސިޔާސަތުގެ އެއް އަސާސުކަމުުގައެވެ. އެހެންކަމުން ބައިޑަންގެ ސަރުކާރުން ވެސް ކުރިއަށް ގެންދާނީ އެ ސިޔާސަތެވެ.
އެހެންނަމަވެސް، އޭނާ އިތުރު ބައެއް ނުގުތާތައް ފާހަަގަކުރައްވާފައެވެ. އެއީ، އިސްރާއީލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އެމެރިކާ ދުވަހަކުވެސް ދޫކޮށްނުލޭ ކަމެއް ކަމަށާއި، ރައީސު ޓްރަމްޕްގެ ސަރުކާރުން އިސްްރާއީލުގެ ވެރިރަަށަކީ ޤުދްސުކަމަށް ގަބޫލުކޮށް އެރަށަށް އެންބަސީ ބަދަލުކުރަން ނިންމި ނިންމުން ބަދަލުނުކުރާނެ ކަމަށެވެ.
ދެ ދައުލަތުގެ މައްސަލައިގައި ބްލިންކެން ވިދާޅުވީ ފަލަސްޠީނުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނީ އިސްރާއީލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއެކު، ފަލަސްޠީނު މީހުންނަށްވެސް މިނިވަން ދައުލަތެއް ގާއިމުކުރުމުގެ ހައްގު ހޯދައިދީގެން ކަމަށެވެ. އެހެންނަމަވެސް، އޭނާ ވިދާޅުވި ގޮތުގައި "ހަގީގަަތަށް ބަލާއިރު ގަބޫލުކުރެވެނީ ކުރު މުއްދަތެއްގައި މި ރޮނގުން ކުރިއެރުމެއް ލިބުމަކީ" އުނދަގޫ ކަމެކެވެ.
އީރާނުގެ މައްސަލައިގައި ބްލިންކެން ފާހަަގަކުރެއްވި ގޮތުގައި، ބައިޑަންގެ ސަރުކާރުގައި ނިއުކުލިޔާ އެއްބަސްވުމަށް އެނބުރިދާން އެމެރިކާ އޮތީ ތައްޔާރަށެެވެ. އަދި އެ އެއްބަސްވުމުގައި ވާ ކަންކަމަށް އީރާނު އަމަލުކުރޭތޯ އެމެރިކާގެ ބައިވެރިންނާ ގުޅިގެން މަސައްކަތްކުރާނެ ކަމުގައެވެ.
އެންޓޮނީ ބްލިންކެން ވަނީ ރައީސު ޓްރަމްޕް ދައުރުގައި ގެންގުޅުއްވި 'ފުރަތަމަ އެމެރިކާ' ސިޔާސަތާ ދުރަށް އެމެރިކާ ގެންދަވާނެކަން ވެސް ފާހަގަކުރައްވާފައެވެ.
'ފުރަތަމަ އެމެރިކާ' ސިޔާސަތުގެ އެމެރިކާގެ ބައިވެރިން ކަމުގައިވާ ޔޫރަޕާ ގުޅުން ގޯސްވެ، ނޭޓޯއާ އޮތް ގުޅުމަށްވެސް ވަނީ އަސަަރުކޮށްފައެވެ.