މެންބަރު ރިޒާގެ "ރިޒް" ކުންފުންޏަށް އިންސާނީ ވަގުފާރީގެ ދައުވާ ކުރަނީ

މެންބަރު ރިޒާގެ "ރިޒް" ކުންފުންޏަށް އިންސާނީ ވަގުފާރީގެ ދައުވާ ކުރުމަށް ޕޮރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މީގެ އެއްމަސް ދުވަސް ކުރިން ފޮނުވައިފައިވާކަމަށް މިއަދު ފުލުހުން ވިދާޅުވެއްޖެއެވެ. 

ހިއުމަން ޓްރެފިކިން ނުވަތަ އިންސާނީ ވަގުފާރީގެ ދައުވާ މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާގެ ކުންފުންޏާ ދެކޮޅަށް ކުރުމަށް މައްސަލަ ފުލުހުން ޕީޖީ އަށް ފޮނުވީ މިދިޔަ ޑިސެމްބަރު މަހުގެ ތިން ވަނަދުަވަހުއެވެ. މައްސަލައިގައި ދައުވާ ކުރައްވާ ވަކި ފަރާތްތަކެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ހާމަކުރައްވައިފައި ވަނީ ހަމައެކަނި "ރިޒް" ކުންފުނީގެ މައްޗަށް ދައުވާ ކުރައްވާކަމަށެވެ. 

ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރާ، ބ ބޮޑުފިނޮޅުގެ މަސައްްކަތް ކޮންޓެރެކްޓް އުޞޫލުން ކުރަމުން ދިޔައީ "ރިޒް" ކުންފުނިންނެވެ. ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތަކާއި އިންސާނީ ވަގުފާރީގެ އަމަލުތައް ހިންގިކަމަށް  "ރިޒް" ކުންފުންޏަށް ވަނީ ތުހުމަތުކޮށްފައެވެ. އަދި އެކުންފުނިން ބިދޭސީން އެތެރެކޮށްފައިވަނީ ވެސް މަކަރާހީލަތުން އޮޅުވައިލައިގެން ކަމަށް ވަނީ ތުހިމަތުކޮށްފައެވެ. މިދިޔަ އަހަރުގެ ޖުލައި މަހުގެ ދެވަނަ ދުވަހު ބޮޑު ފިނޮޅުގައި ތިބި ރިޒް ކުންފުނީގެ ބިދޭސީންތަކެއް ވަނީ އެރަށުގައި ހަމަނުޖެހުން ހިންގައިފައެވެ. އޭގެ ތެރެއިން ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައްސަލަ ތަޙްޤީޤުކުރަން ފެށުމަށްފަހު އެމީހުން ދޫކޮށްލުމަށްފަހު ވަނީ އަނބުރާ ޤައުމަށް ފޮނުވައިލައިފައެވެ. ބޮޑުފިނޮޅުން ބިދޭސީންތަކެއް ހައްޔަރުކޮށްފައި ވަނީ އެމީހުން ލައްވާ މަސައްކަތްކުރުވި ރިޒް ކުންފުނިން މުސާރަ ނުދީ ހަތް މަސް ދުވަސް ވުމުން އެކަމާ އިހްތިޖާޖުކޮށް ހިންގި ހަމަނުޖެހުންތަކުގެ ތެރޭގައެވެ.

ބޮޑުފިނޮޅަކީ ސީލްޑް މޯލްޑިވސް އިން ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރާ ރަށެކެވެ. އެރަށުގެ މަސައްކަތް ޙަވާލުކޮށްފައިއޮތީ ށ. މިލަންދޫ ދާއިރާގެ މެމްބަރ އަލީ ރިޒާގެ "ރިޒް" ކުންފުންޏާއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.