މަޅުމަތި: އިސްސަފުގެ އިނާޔަތް

ދަރުބާރުގޭގައި މަސައްކަތްކުރާ ކުދިން އެއްވެގެން ސައްލާ ކުރަނީއެވެ.
އެއީ ކޯވިޑް-19 ގެ ހާލަތާ ގުޅިގެން އެކި މަސައްކަތާ ހަވާލުވެގެން ތިބި ކުދިންނެވެ.
އެއީ ރެޔާއި ދުވާލު ވަރަށް ބުރަކޮށް މަސައްކަތް ކުރާ އިސްސަފުގެ ހަރަކާތްތެރިންނެވެ.
އެކަކު ބުންޏެވެ.
މިއީ ކިހައި ދެރަ ކަމެއް ހެއްޔެވެ؟
އަހަރެމެން ރެޔާއި ދުވާލު ހޭބޯނާރައި މަސައްކަތް ކުރަނީއެވެ.
އިނާޔަތް ދޭނޭ ކަމަށް އޮންނަނީ ބުނެފައެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓުގައި އިނާޔަތަށް ފައިސާ ހިމަނައެވެ.
ސިއްހަތު ވަޒީރާއި މާލީ ވަޒީރު ވިދާޅުވަނީ އިނާޔަތް ލިބޭނޭ ކަމުގައެވެ.
އެކަމަކު ހަމަސް ހަތްމަސް ފާއިތު ވެގެން ދާއިރުވެސް އެންމެ ލޯލާރިއެއްވެސް ލޮލަކަށް ނުފެނެއެވެ.
އަނެކަކު ބުންޏެވެ.
ދެން އޮތީ އެންމެ ގޮތެކެވެ.
އަވަހަށް ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ލާންވީއެވެ.

* * *

ރައްޔިތުންގެ މަިޖިލީހުގެ ޖަލްސާ ފެށިއްޖެއެވެ.
ރައީސް ވިދާޅުވިއެވެ.
ކޯވިޑް-19 ގެ ހާލަތާ ގުޅިގެން އިސްސަފުގައި މަސައްކަތްކުރާ މީހުންނަށް އިނާޔަތެއް ނުލިބެއެވެ.
އެއީ ދޭން ލާޒިމު އެއްޗެކެވެ.
އެމީހުންގެ ޝަކުވާގެ ސިޓީއެއް އަޅުގަނޑަށް ލިބިއްޖެއެވެ.
އެހެންވީމާ އެހެންވިޔަ ނުދޭން އަޅުގަނޑު ބިލެއް އެކުލަވައިލައިފީމެވެ.
ތިޔަ ބޭފުޅުން ބަހުސު ކުރައްވައި އަވަހަށް މި ބިލު ފާސް ކުރައްވާށެވެ.

* * *

ބަހުސު ފެށިއްޖެއެވެ.
ބިލު ފާސްވެއްޖެއެވެ.
ބިލުގައި ވަނީ އިނާޔަތް ނުދީ އެންމެ ސިކުންތަކުވެސް މަސައްކަތް ކުރުވައިގެން ނުވާނޭ ކަމުގައެވެ.
ހައްގު އުޖޫރަ ނުލިބުމަކީ އެކަމަށް ހުރަސް އަޅާ ބަޔަކު ކުށްވެރި ވާނޭ ކަމެއް ކަމުގައެވެ.

* * *

ދަރުބާރުގޭގައި ތިބި ކުދިން އުފަލުން ނަށަނީއެވެ.
އިނާޔަތަށް އޮތް ހުރަސް ނެތިގެން ދިޔައީއެވެ.
އިނާޔަތް ނުދީ ދެނެއް ނުވާނެއެވެ.
އެތަނުން އެއް ކުއްޖަކު ހިމޭނުން ހުރެފައި ގާނޫނުގެ އެންމެ ފަހު މާއްދާ ބާރަށް ކިޔައިލިއެވެ.
އިނާޔަތް ދޭނީ މި ގާނޫނަށް އަމަލު ކުރަން ފަށާ ދުވަހުން ފެށިގެން ކުރާ މަސައްކަތަށެވެ.
ގާނޫނަށް އަމަލު ކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ގާނޫނު ތަސްދީގުކުރާ ދުވަހުން ފެށިގެންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.