މަޅުމަތި: ލީޑަރު ސަޖިދަ

ބޮލަށް އުނދަގޫ ވާވަރުން ނުއެއް ނިދެއެވެ.

ޓީވީއެއް ހުޅުވައިލިޔަސް ފެންނަނީ އެއް މަންޒަރެކެވެ.

ނޫހެއް ހުޅުވައިލިޔަސް އެއް މަންޒަރެކެވެ.

މުޅީންވެސް ލީޑަރުންނަށް ސަޖިދަ ޖަހާ މަންޒަރެވެ.

އަހަރެން އެނދުން ތެދުވެއްޖައީމެވެ.

ގެއިން ނުކުމެގެން ތަންކޮޅަކަށް ދިޔަތަނާ ބަޔަކު ސަޖިދައިގައި ތިއްބާ ފެނިއްޖެއެވެ.

އެމީހުން ކުރިމަތިލައިގެން ތިބީ ކޮން އެއްޗަކަށްތޯ ބަލައިލީމެވެ.

އެއީ ނަޝީދުގެ ބުދެވެ.

ކުރިއަށް ހިނގައިގަތްތަނާ އަނެއްކާވެސް ސަޖިދައިގައި ތިބި ބަޔަކު ފެނިއްޖެއެވެ.

ބަލައިލީ އިރު މި ފަހަރު ފެނުނީ ޔާމީނުގެ ބުދެވެ.

ވީ ފޫއްސެއްގެ ބޮޑުކަމުން ކުރިއަށް ހިނގައިގެންފީމެވެ.

ތަންތަންކޮޅުގައި މީހުން ސަޖިދައަށް ތިއްބެވެ.

އެމީހުންގެ ކުރިމަތީން ފެންނަނީ އެކި ކަހަލަ ބުދެވެ.

ގާސިމްގެ ބުދެވެ.

ޢިމްރާންގެ ބުދެވެ.

މައުމޫނުގެ ބުދެވެ.

އަރައިގަތް ރުޅީގައި ހިތަށް އެރިއެވެ.

މި ހުރިހައި ބުދެއް މިރޭ ތަޅައިލާނަމެވެ.

އެރޭ މީހުން ނިދައި ހިލަވަޅު އޮބުނީމާ ނުކުމެ ހުރިހައި ބުދެއް ތަޅައި ކުދިކޮށްލައިފީމެވެ.

ހެނދުނު ބޭރަށް ނުކުތްއިރު އަނެއްކާވެސް ބަޔަކު ސަޖިދައިގައި ތިއްބާ ފެނިއްޖެއެވެ.

އެމީހުންގެ ކުރިމަތީގައި ހުރި ކޮން އެއްޗެއްތޯ ބަލައިލީމެވެ.

ވީ އުފަލަކުން ނަށައިގަނެވުނެވެ.

އެ މީހުން ސަޖިދަ ޖަހަނީ ނަޢީމުގެ ބުދަށެވެ.

5 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.