ނޮވެމްބަރު 30 ގެ ފަހުން ދެއްވަދޫން އެހެން ރަށްރަށަށް ދިޔަ މީހުން ކަރަންޓީނުވާން އަންގައިފި

ނޮވެމްބަރު 30 ގެ ފަހުން ގއ. ދެއްވަދޫން  އެހެންރަށްރަށަށް ދިޔަ މީހުން ކަރަންޓީނުވާން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ. 

 އެޗްޕީއޭ އިން ވިދާޅުވީ އެމުއްދަތުގެ  ފަހުން ދެއްވަދޫން އެހެންރަށްރަށަށް ދިޔަ މީހަކުނަމަ. ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތް ސެންޓަރަށް އެންގެވުމަށެވެ.  އަދި އެމުއްދަތުގައި ދެއްވަދޫއިން އެހެން ރަށަކަށް  ގޮސްފައިވާ މީހަކުނަމަ، ސާމްޕަލްނަގާ ނެގެޓިވް ނަތީޖާ ލިބެންދެން، ކަރަންޓީނުގައި ތިއްބެން ޖެހޭނެކަމަށެވެ. 

ނޮވެމްބަރު 30 ގެ ފަހުން ދެއްވަދޫއިން މާލެއަށް އައިސްފައިވާ މީހުން މާލެހިޔާ ފްލޫ ކްލިނިކް، ހުޅުމާލޭ ފުލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ސާމްޕަލް ނެންގެވުމަށް ވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ.ދެއްވަދޫން އެމުއްދަތުގައި މާލެއައި މީހުންވެސް ނެގެޓިވް ނަތީޖާ ލިބެންދެން، ކަރަންޓީނުގައި ތިއްބުމަށް އެޗްޕީއޭ އިން ވަނީ އަންގަވާފައެވެ. މާލޭގެ ސާމްޕަލް ނަގާ ތަންތަން މިރޭ 12 ޖަހަންދެން ހުޅުވާފައި ހުންނާނެ ކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ. 

ނޮވެމްބަރު 30 ގެ ފަހުން ގއ. ދެއްވަދޫއިން އެހެން ރަށްރަށަށް ދަތުރުކޮށްފައިވާ މީހުން ސާމްޕަލް ނަތީޖާ ނުލިބެނީސް ސްކޫލަށް، މަސައްކަތަށް އަދި އެހެނިހެން ކަންކަމުގައި ބޭރަށް ނުނުކުތުމަށް ވެސް އެޗްޕީއޭ އިން ވަނީއަންގަވާފައެވެ. 

 ޑިސެމްބަރ 25 ގެ ފަހުން ގއ. ދެއްވަދޫއިން ދަތުރުކޮށްފައި އެހެން ރަށަކަށް ދިޔަ މީހަކު ނަމަ (ދެއްވަދޫއިން އައިތާ 14 ދުވަސް ހަމަނުވާނަމަ)، މިހާރު ޓެސްޓް ކުރުމުގެ އިތުރުން ދެއްވަދޫއިން ދަތުރު ކުރިތާ 14 ދުވަސް ފުރިހަމަ ވަންދެން ކަރަންޓީނުވާން ޖެހޭނެކަމަށްވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ. އަދި ކަރަންޓީނު ނިމުމަށްފަހު ޓެސްޓްކޮށް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ތިއްބެވުމަށް  ވެސް އެޗްޕީއޭ އިން ވަނީ އަންގަވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.