ބިމު އަޑީގެ ސިއްރު މިސައިލް މަރުކަޒެއް އީރާނުން ހުުޅުވައިފި

އީރާނުން މިއަދު ހުުޅުވި ބިމު އަޑީގެ މިސައިލް މަރުކަޒުގައި ހުރި ބައެެއް މިސައިލްތައް

ޕާޝިއަން ގަލްފް (އެރޭބިއަން ގަލްފް) ގެ އައްސޭރީގެ ކޮންމެވެސް ހިސާބެއްގެ ބިމު އަޑީގައި އީރާނުން ގާއިމުކޮށްފައިވާ ސްޓެޓީޖިކް މިސައިލް މަރުކަޒެއް އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް ކޯޕްސް (އައިއާރްޖީސީ) އިން ހުޅުވައިފިއެވެ.

ބިމު އަޑީގެ މި މިސައިލް މަރުކަޒު ހުޅުއްވައިދެއްވުމަށް ފަހު އައިއާރްޖީސީގެ ކޮމާންޑަރު މޭޖާ ޖެނެރަލް ޙުސައިން ސަލާމީ ވިދާޅުވި ގޮތުގައި މިއީ ރިވޮލިއުޝަނަރީ ގާޑްސް ނޭވީން ގާއިމުކޮށްފައިވާ ސްޓްރެޓީޖިކް މިސައިލް މަރުކަޒުތަކުގެ ތެރެއިން އެއް މަރުކަޒެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މި މަރުކަޒު ހުޅުވުމުން ގައުގެ ދިފާއީ ބާރު އިތުރަށް ވަރުގަދަވެގެން ދާނެއެވެ. އަދި އުދުވާނީ ހަމަލާއެެއްގެ ބިރުދައްކާ "ޝައިޠާނުން"ގެ ކިބައިން ގަައުމުގެ އެއްބައިވަންތަކަމާއި، މިނިވަންކަމާއި، އިސްލާމީ އިންގިލާބުން ހޯދިފައިވާ ކާމިޔާބީތައް" ހިމާޔަތް ކުރެވޭނެއެވެ.

އިތުރު ތަފްސީލުދެއްވަމުން ކޮމާންޑަރު ސަލާމީ ހާމަކުރެއްވި ގޮތުގައި އެ މަރުކަޒުގައި އެތައް ސަތޭކަ ކިލޯމީޓަރުގެ ރާސްތާއަށް ދަތުރުކުރާ، ސީދާ އަމާޒަށް ވާސިލުވާ، ތަންތަން ހަލާކުކުރުމުގެ ކުޅަދާނަކަން ބޮޑު މިސަލްތައް އެބަހުއްޓެވެ. އަދި އޭގެ ތެރޭގައި އިލޮކްޓްރޯނިކް ހަނގުރާމަައިގެ ގާބިލުކަން ލިބިގެންވާ މިސައިލްވެސް ހިމެނެއެވެ.

ސަލާމީ ވިދާޅުވި ގޮތުގައި އައިއާރްޖީސީގެ އައްސޭރި ކަނޑަށް، ބިމުން ބިމަށް، ޖައްވުން ކަނޑަށް އަދި ކަނޑުން ޖައްވަށް ފޮނުވާ މިސައިލްތަކަކީ ދުނިޔޭގައި މިހާރު ހުރި އެންމެ ޒަމާނީ ހަތިޔާރުގެ ތެރޭގައި ހިމެނޭ މިސައިލްތަކެވެ.

އީރާނުން ބިމު އަޑީގެ ސިއްރު ހިސާބެއްގައި މި މިމިސަލް މަރުކަޒު ހުޅުވާފައި މިވަނީ އީރާނާ އެމެރިކާއާ ދެމެދު މަސްރަހު ހޫނުވެ ބަހުގެ ހަމަލާތައް ބަދަލުކުރެވެމުންދާ ދަނޑިވަޅެއްގައެވެ.

އެެމެރިކާގެ ފޮކްސް ނިއުސްއިން ޚަބަރުދޭ ގޮތުގައި އެމެރިކާއިން ވަނީ އީރާނަށް ދޭ އިންޒާރެއްގެ ގޮތުން ބީ-52 ސްޓްރެޓީޖިކް ބޮންއަޅާ ދެ މަތިންދާބޯޓު ނޯތު ޑަކޯޓާގެ އަސްކަރީ މަރުކަޒަކުން ގަލްފަށް ފޮނުވާފައެވެ.

އައިއާރްޖީސީން ހާމަކުރި ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި އެ މަރުކަޒުގައި ކަނޑުގެ އުޅަނދު ފަހަރަށް ހަމަލާ ދިނުމަށް ބޭނުންކުރާ 30 ކިލޯމީޓަރާއި 170 ކިލޯމީޓަރާއި ދެމެދުގެ ރާސްތާއެއް ލިބިގެންވާ 'ނޫރް' ކްރޫޒް މިސައިލާއި، ހަމަ މި ބޭނުމަށް އުފައްދާފައިވާ ޤާދިރް މިސައިލް ހިމެނެއެވެ. މިއީ، 300 ކިލޯމީޓަރުގެ ރާސްތާއަށް ދަތުުރުކުރާ މިސައިލެކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.