އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕް ދާދި ފަހުން އީރާނާ ދެކޮޅަށް އެޅުއްވި އިގްތިސާދީގޮތުން ދަތިކުރުމުގެ ފިޔަަވަޅުތައް އުވާލުމަަށް އެދި އީރާނުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހެޅި ދައުވާގެ ޝަރީއަތް މިއަދު ބާއްވަން އެކޯޓުން ތާވަލުކޮށްފިއެވެ.
އީރާނުން ހުށަހެޅި ދައުވާގައި ވާގޮތުން، މިހާރުވެސް ބަލިކަށިކޮށް އޮތް އީރާނުގެ އިގުތިސާދަށް އިތުރަށް ގެއްލުން ލިބޭގޮަތަށް އެމެރިކާއިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަކީ ދެގައުމުގެ ދެމެދުގައި 1955 ވަނަ އަހަރު ވެފައިވާ އެކުވެރިކަމުގެ އެއްބަސްވުމާ ޚިލާފު އަމަލެކެވެ.
އެމެރިކާއިން މި ދައުވާއަށް ރައްދު ދިނުމުގެ ގޮތުން އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ. އެހެންނަމަވެސް، އެމެރިކާއިން އަންގާރަ ދުވަހު ދިފާއީ ހެކި ހުށަހަޅާނެ ކަމަށް ބެލެވެއެވެ.
ބެލެވޭ ގޮތުގައި އެމެރިކާގެ ފަރާތުން ދިފާއުގައި ވަކާލާތުކުރާ ޓީމުން ކޯޓުގައި މަަސައްކަތްކުރާނީ މި މައްސަަަލައިގައި ގޮތެއް ނިންމުމުގެ ގާނޫނީ ހައިސިއްޔަތު އައިސީޖޭއަށް ލިބިގެން ނުވާކަން ބަޔާކޮށްދިނުމަށެވެ. އަދި އެބުނާ އެއްބަސްވުމަކީ މިހާރު އެއަށް އަމަލުކުރެވޭ އެއްބަސްވުމެއް ނޫންކަމާއި، އެމެރިކާއިން އީރާނާ ދެކޮޅަށް ދަތިކުރުމެ ފިޔަވަޅު އެޅުމަކީ އެއްވެސް އެއްބަސްވުމަކާ ޚިލާފުކަމެއް ނޫންކަން ސާބިތުކޮށްދިނުމަށެވެ.
އީރާނުން ވަގުތީ ހުކުމަކަށް އެދިފައިވާ މިމައްސަލައިގައި ދެފަރާތުގެ ވާހަކަތައް އަޑުއެހުން ހަތަރު ދުވަހަށް ކުރިއަށް ދާނެއެވެ. މައްސަލައާއި މެދު ގޮތެއް ނިންމާނީ މަހެއްހާ ދުވަސް ފަހުންނެވެ.
އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ ހުކުމްތަކަކީ އެއަށް އަމަލުކުރުން މެންބަރު ގައުމުތަކުގެ މައްޗަށް ލާޒިމު ހުކުމްތަކެކެވެ. އެހެންނަަމަވެސް، ހުުކުމް ތަންފީޒުކުރުވުގެ ބާރު ކޯޓަށް ލިބިގެން ނުވާތީ ބައެެއް ގައުމުތަކުން އެކޯޓުގެ ހުކުމްތައް ތަންފީޒުނުކޮށް ދޫކޮށްލާފައި އެބަހުއްޓެވެ. އޭގެ ތެެރޭގައި އެމެރިކާވެސް ހިމެނެއެވެ.