އައްޑުއަށް ފަތުރުވެރިކަމުގެ ރަން ޔޫބީލް ނައިސް ރާއްޖެއަށް ފަތުވެރިކަމުގެ ރަންޔޫބީލެއް ނާންނާނެ: ޑރ މައުސޫމް

އައްޑުއަށް ފަތުރުވެރިކަމުގެ ރަން ޔޫބީލް ނައިސް ރާއްޖެއަށް ފަތުވެރިކަމުގެ ރަންޔޫބީލެއް ނާންނާނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު  ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ފަތުވެރިކަމުގެ 50 ވަނަ އަހަރަުކަމަށްވާ ރަންޔޫބީލް އަހަރަކީ 2022 އެވެ. 

އާފަތިހަށް ދެއްވި އިންޓަވިއުއެއްގައި ފަތުުރުވެރިކަމާބެހޭ ވަޒީރު ވަނީ އައްޑޫގައި ހިންގާ ހަމަ އެކަނި ދެ ރިސޯޓްކަމަށްވާ ހެރެތެރެ އާއި ސަންގްރިއްލާ ހުއްޓުމަކަށް އައިސްފައިވާތީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ހެރެތެރެ އަލުން ފެށުމަށް ޓަކައި މަޝްވަރާތައް ކުރިއަށް ދާކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވި އެވެ.ހެރެތެރޭގައި ހިންގަމުން އައި ކެނެރީފް ރިސޯޓް ވެސް ކޮވިޑާ ގުޅިގެން ވަނީ ބަންދުކޮށްފައެވެ. އައްޑޫގެ ދެރިސޯޓް ނުހުޅުވި ލަސްވަމުންދާތީ އައްޑޫގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކޮވިޑާ ގުޅިގެން ބަންދު ކުރިފަހުން ސަންގްރިއްލާ ރިސޯރޓް ވެސް އަދި ނުހުޅުވައެވެ. އެރިސޯރޓް ނުހުޅުވި ވަނީ ދަތުރުފަތުރުގައި ހުރި ގޮންޖެހުން ތަކުގެ ސަބަބުން ކަން ފާހަގަ ކުރެއްވިއެވެ. 

ޑރ. މައޫސޫމު ވިދާޅުވީ ސަރުކާރުގެ މިހާރުގެ ވިސްނުމަކީ ދެކުނަށްދާ ފަތުރުވެރިންގެ ފްލައިޓް ސީދާ އައްޑޫ އިންޓަނޭޝަނަލް އެއަރޕޯރޓަށް ގެންދިއުން ކަމަށެވެ. އަދި ގަމުން ހުވަދު އަތޮޅު ދެބުރިއާ ފުވައްމުލަކަށް ސީޕްލޭންގައި ފަތުރުވެރިން އުފުލުން ކަމަށެވެ. އެކަމަށްޓަކައި މޯލްޑިވިއަން އާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް(އޭއައިއޭ) ދެމެދުގައި ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. 

ފަތުރުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް އަންނައިރު ފަތުރުވެރިކަމުގެ ނަފާ ވީހާވެސް ބޮޑަށް ރާއްޖޭގެ އުތުރާއި ދެކުނަށް ވެސް ލިބިގެން ދާނެކަމަށެވެ. ޚާއްޞަ ގޮތުގައި މިހާރު ބިމު ކުލިން ދީފައިވާ ލުއި ތަކަކީވެސް އުތުރާއި ދެކުނަށް ފަތުރުވެރިކަމުގެ ނަފާ ހޯދައި ދިނުމަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއްކަމަށް ފާހަގަ ކުރެއްވިއެވެ. އައްޑޫގެ ދެރިސޯރޓް އަދި ނުހުޅުވި އޮތްނަމަވެސް އައްޑުއަށް ފަތުރުވެރިކަމުގެ ރަންޔޫބީލް ނާންނަ ގޮތަކަށް ރާއްޖޭގެ ފަތުރިކަމުގެ ރަންޔޫބީލް ނާންނާނެކަމުގެ ޔަޤީން ފަތުވެރިކަމާބެހޭ ވަޒީރު ދެއްވިއެވެ. 

"ބްރިޓިޝް ލޯޔަލްޓީ" ޝިޕްރިކަށް 75 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ޑައިވް ޙަރަކާތް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަތުރުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވީ މިއަހަރު އައްޑޫގައި ފަތުރިވެރިކަން ކުރިއަރައިގެން ދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. މިއަހަރު ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ރަސްމީ ކޮށް ފާހަގަ ކުރަނީ އައްޑޫގައި ކަމަށް ވެސް އިއްޔެގެ ރަސްމިއްޔާތުގައި ފަތުރިވެރިކަމާ ބެހޭ ވަޒީރު އިޢުލާން ކުރެއްވިއެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެދުވަހަކީ ސެމްޓެމްބަރު 27 އެވެ. 

އިއްޔެ އައްޑޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ފުޅުދައްކަވަމުން ފަތުރުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވީ އާއްމުކޮށް ވާހަކަ ދެއްކުމުގައި ރައްޔިތުންގެ ޖީބަށް ޑޮލަރު ވަންނަ ވާހަކަ ދެއްކި ނަމަވެސް  އައްޑޫގެ ރައްޔިތުންގެ ޖީބަށް ވަންނާނީ ޕައުންޑު ކަމަށެވެ. ވަޒީރު އެހެން ވިދާޅުވީ އައްޑޫގެ ފަތުރުވެރިކަން އިނގިރޭސިންނަށް އަމާޒުކުކުރައްވާނެކަން ފާހަގަ ކުރެއްވުމަށްޓަކައެވެ.  އިނގިރޭސީން އައްޑޫގައި އުޅުނު ދުވަސް ވަރަކީ އައްޑޫގައި ވިޔަފާރީގެ މުއާމަލާތް ޕައުންޑުންކޮށް އައްޑޫ ރައްޔިތުންނަށް ތަނަވަސްކަން ލިބުނު ދުވަސް ވަރެކެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.