ކަޝްމީރުގެ ރައްޔިތުންނަށް އަމިއްލަ މުސްތަގުބަލާމެދު ގޮތް ކަނޑައެޅުމުގެ ހައްގު ލިބެންޖެހޭ: އިމްރާން ޚާން

ކަޝްމީރު މީހުންނަށް އެބައިމީހުންގެ މުސްތަގުބަލާ މެދު ގޮތް ކަނޑައެޅުމުގެ ހައްގު ދިނުމަށް ގޮވާލައި އިސްލާމްއާބާދުގައި އިއްޔެ މުޒާހަރާކުރަނީ

ކަޝްމީރުގެ ރައްޔިތުންނަށް އެބައިމީހުންގެ މުސްތަގުބަަލާމެދު ގޮތެއް ކަނޑައެޅުމުގެ ހައްގު ލިބެންޖެހޭ ކަމަށާއި، ކަޝްމީރު މީހުން މިނިވަންކަމަށް ކުރާ މަސައްކަތަށް ޕާކިސްތާނުން ފުރިހަމައަށް ތާއީދުކުރާ ކަމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްެޖެއެވެ.

އިމްރާންް ޚާން މިހެން ވިދާޅުވެފައި ވަނީ ކަޝްމީރު މީހުންނަށް އަމިއްލަ މުސްތަގުބަލު ކަނޑައެޅުމުގެ ހައްގު ލިބިދިނުމާ ބެހޭ ދުވަސް ފާހަގަކުރުމުގެ ގޮތުން އާއްމުކުރެއްވި ޚިޠާބެއްގައެވެ. މި ދުވަސް ފާހަގަކުރަނީ ކަޝްމީރާ ގުޅޭ ގޮތުން އދ. ގަރާރު ފާސްކުރި ދުވަހާ ދިމާކޮށެވެ. އެއީ، 5 ޖަނަވަރީ 1949 ގައި އދ. ގެ ކޮމިޝަން އޮން އިންޑިޔާ އެންޑް ޕާކިސްތާނުން ވަނީ ކަޝްމީރުގެ ރައްޔިތުން އެބައިމީހުން ގުޅެން ބޭނުންވަނީ ޕާކިސްތާނާތޯ ނުވަތަ އިންޑިޔާއާތޯ ކަނޑައެޅުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި ފާސްކުރި ގަރާރެވެ.

އިންޑިޔާއިން ވަނީ މިގަރާރު ގަބޫލުުުނުކޮށް، ކަޝްމީރުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ދެކޮޅުހަދާފައެވެ.

"ކަޝްމީރުގެ މައްސަލައާ ސީދާ ގުޅުން ހުރި ފަރާތަކަށް ވުމުގެ ހައިސިއްޔަތުން، އދ. ގެ ބެލުމުގެ ދަށުން ވަކިފަރާތަކަށް ނުޖެހޭ މިނިވަން ފެންނަ ނުފެންނަ ވޯޓެއް އދ. ގެ ސަލާމަތީ މަޖިލީހުގެ ގަަރާރުތަކާ އެެއްގޮތަށް ބޭއްވުން ނޫން ގޮތެއް ނެތްކަން ޕާކިސްތާނުން އަބަދުވެސް ފާހަގަކުރާނެ." އިމްރާން ޚާންގެ ޚިޠާބުގައި ވިދާޅުވެފައި ވެއެވެ.

"ކަޝްމީރުގެ ރައްޔިތުންެގެ ކިބައިން ވަކިނުކުރެވޭނޭ، އެބައިމީހުންގެ މުސްތަގުބަލާ މެދު ގޮެތެއް ކަނޑައެޅުމުގެ ހައްގެ އެބައިމީހުންނަށް ލިބެންދެން ޕާކިސްތާނު އެބައިމީހުންނަށް ތާއީދުކުރުން މަތީ ދެމިއޮންނާނެ." އިމްރާން ޚާން އިތުރަށް ވިދާޅުވެފައި ވެއެވެ.

އިންޑިޔާގެ ދަށުގައިވާ ކަޝްމީރުގެ ފަޅީގެ ރައްޔިތުނަށް އެބައިމީހުންގެ މުސްތަގުބަލާމެދު ގޮތް ކަނޑައެޅުމުގެ ހައްގު ލިބޭނެކަން ކަށަވަރު ކުުރުމަށް އދ.އަށް ގޮވާލައި ޕާކިސްތާނުގެ ކަޝްމީރުގެ އެތައް ސަތޭކަ ބަޔަކު ވަނީ އިއްޔެ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި މުޒާހަރާކޮށްފައެވެ.

މި ދުވަަހާ ގުޅޭގޮތުން ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހް މަޙްމޫދު ޤުރައިޝީ ވެސް ވަނީ ބަޔާނެއް ނެރުއްވާފައެވެ. އޭނާގެ ބަޔާނުގައި، ކަޝްމީރު މީހުންގެ ހައްގު ފާާޅުކަން ބޮޑު ގޮތެއްްގައި އިންޑިޔާއިން ނިގުޅައިގަންނަމުން ދާތީ އެކަމާމެދު ހިތާމަކުރައްވާކަން ހާމަކުުރައްވާފައި ވެއެވެ.

"ކަޝްމީރު މީހުންނަށް އެބައިމީހުންގެ މުސްތަގުބަލާމެދު އަމިއްލަަށް ގޮތެއް ކަނޑައެޅުމުގެ ހައްގު ހޯދައިދިނުމުގެ ވައުދު ފުއްދައި ދިނުމަކީ އދ.ގެ، އަދި ވަކިން ޚާއްސަކޮށް ސަލާމަތީ މަޖިލީހުގެ މަސްއޫލިއްޔަތެއް." ޚާރިޖީ ވަޒީރު ޤުރައިޝީގެ ބަޔާނުގައި ވެއެެވެ.

1947 ވަނަ އަހަރު އިނގިރޭސިންގެ ދަށުން މިނިވަންވެ، ވަކި ދެގައުމަކަށް އިންޑިޔާއާއި ޕާކިސްތާން ވީފަހުން ކަޝްމީރު ވަނީ ދެގައުމުގެ ދެމެދުގައި ބައިވެފައެވެ. އަދި ކަޝްމީރުގެ މައްސަލައިގައި ދެ ގައުމުން ވަނީ 3 ހަނގުރާމައެއް ކޮށްފައެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.