މުޅިދުނިޔޭގައި ކަޝްމީރުގެ ސަފީރަކަށް ވެވަޑައިގަންނަވާނޭ ކަމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމްރާން ޚާން ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ޤާނޫންއަސާސީން ކަޝްމީރަށް ދީފައިވާ އިމްތިޔާޒުތައް ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން އުވާލައި ކަޝްމީރު އިތުރަށް އަޅުވެތި ކުރުމަށް ކުރަމުންދާ މަސައްކަތާ ދެކޮޅަށް ޕާކިސްތާނުން ދަނީ ވަރަށް ބޮޑަށް ބައިނަލްއަޤްވާމީ މަސްރަޙުގައި މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތުގެ އެންމެ ކުރީ ސަފުގައި ހުންނެވީ ޢިމްރާން ޚާނެވެ.
ޕާކިސްތާނުގެ 73 ވަނަ މިނިވަންދުވަހު މިނިވަން ކަޝްމީރުގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން ޢިމްރާން ޚާން ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަސްލު މޫނު ދުނިޔެއަށް ހާމަވެއްޖެކަމުގައެވެ. އަދި ރާސްޓްރިޔާ ސްވަމަންސެވަކް ސަންގް (އާރުއެސްއެސް) ގެ ފިކުރު ގުޅިފައި ވަނީ ހިޓްލަރުގެ ސިޔާސަތާކަމަށް ވެސް ވިދާޅުވިއެވެ.
"އާރުއެސްއެސްގެ ފިކުރު ވަނީ މުސްލިމުންނާ ދެކޮޅަށް ނަފުރަތުން ފުރިފައި." ޢިމްރާން ވިދާޅުވިއެވެ.
އާރުއެސްއެސްއަކީ ހިންދޫންގެ ހައްދުފަހަނަޅާފައިވާ ޖަމާޢަތެކެވެ. އެ ޖަމާޢަތުން އަޑު އުފުލަމުން ދަނީ އިންޑިއާއަކީ ހަމައެކަނި ހިންދޫންގެ ގައުމަކަށް ހެދުމަށެވެ.
ޢިމްރާން ވިދާޅުވި ގޮތުގައި އިންޑިއާގެ މާޒީ ގުޅިފައި ވަނީ އާރުއެސްއެސްގެ ފިކުރާއެވެ.
"މިއީ ކަޝްމީރުގެ ރައްޔިތުންނަށް އިންތިހާއަށް ދަތި ދަނޑިވަޅެއް. އަޅުގަނޑުމެންނަށް ކުރިމަތިލާންޖެހިފައިވަނީ އާރުއެސްއެސްގެ ނުރައްކާތެރި ފިކުރާ." ޢިމްރާން ވިދާޅުވިއެވެ. "ދުނިޔޭގެ ނަޒަރު ވަނީ ކަޝްމީރާ ދިމާއަށް ހުއްޓިފައި."
ޢިމްރާން މިނިވަން ކަޝްމީރުގެ ވެރިރަށް މުޡައްފަރު އާބާދަށް ވަޑައިގަތީ ކަޝްމީރުގެ ރައްޔިތުންނާއެކު ޕާކިސްތާން އޮތްކަން ހާމަކޮށްދެއްކެވުމަށެވެ.
"މުޅިދުނިޔެ ވަނީ ކަޝްމީރުގެ ރައްޔިތުންނާމެދު ފިކުރުބޮޑުވެފައި. މާއްދާ 370 އާ ކުޅުއްވުމުގެ އަގު މޯދީއަށް ވަރަށް ބޮޑުވާނެ." ޢިމްރާން ވިދާޅުވިއެވެ.
ޕާކިސްތާނުގެ މިނިވަންދުވަހުގެ މުނާސަބާގައި އިސްލާމް އާބާދުގެ ކޮންވެންޝަން ސެންޓަރގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ޕާކިސްތާނުގެ ރައީސް ޑޮކްޓަރ ޢާރިފް ޢަލަވީ ވިދާޅުވީ ކޮންމެ ހާލަތެއް ކުރިމަތިވިޔަސް ކަޝްމީރު މީހުން އެކަނި ދޫކޮށްނުލާނެކަމަށެވެ.
"އަޅުގަނޑުމެން ކުރީންވެސް ތިބީ އެމީހުންނާއެކު. މިހާރުވެސް މިތިބީ އެގޮތުގައި. އަދި ކުރިއަށް އޮތްތާނގައި ވެސް ތިބޭނީ ހަމަ ކަޝްމީރުގެ ރައްޔިތުންނާއެކު."
ރައީސް ޑޮކްޓަރ ޢަލަވީ ވިދާޅުވި ގޮތުގައި މާއްދާ 370 ގެ ބާރު ކަނޑާލުމަކީ ޝިމްލާ އެއްބަސްވުމާ ޚިލާފުވުމެވެ.
"އިންޑިއާގެ އެ ޢަމަލު ޕާކިސްތާނުން އެއްގޮތަކަށްވެސް ގަބޫލެއް ނުކުރާނެ." ޑރ. ޢާރިފް ޢަލަވީ ވިދާޅުވިއެވެ.