ކޮވިޑް19ގެ ޙާލަތުގައިވެސް، ސްޓެލްކޯއަށް މިދިޔަ އަހަރު ކާމިޔާބު: މުޣުނީ

ކޮވިޑް19 ގެ ޙާލަތުގައިވެސް ނިމިދިޔަ 2020 ވަނަ އަހަރަކީ ސްޓެލްކޯއަށް ކާމިޔާބު އަހަރެއް ކަމަށް މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވެއްޖެ އެވެ.

މުޣުނީ މިހެން ވިދާޅުވީ، މިފެށުނު 2021 ވަނަ އަހަރު ފުރަތަމަ މަސައްކަތު ދުވަހު، އެކުންފުނިން ބަލަހައްޓަމުން ގެންދާ ހުރިހާ އިންޖީނުގެއެއްގެ މުވައްޒަފުންނާ ލައިވް ސްޓްރީމް މެދުވެރިކޮށް މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މުޣުނީ ވިދާޅުވީ، 2020ވަނަ އަހަރު ނިމިގެން ދިޔައިރު ސްޓެލްކޯގެ މަސައްކަތްތަކުގެ މައްޗަށް ބަލާލަން ޖެހޭ ކަމަށާއި، އަދި ކުރިއަށް ކަނޑައަޅަންވާ މިސްރާބު ކަނޑައެޅުމުގައި ނިމިދިޔަ ތަނުގެ ތަޖުރިބާތައް ދެނެގަނެ، ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުކޮށް ހާސިލް ކުރުމަށް ލަނޑުދަނޑިތައް ކަނޑައަޅާ މިސްރާބު ހިފަންޖެހޭކަމަށެވެ.

ކޮންމެ މުވައްޒަފަކުވެސް އެ މުވައްޒަފެއްގެ މަސައްކަތު ދާއިރާއިން އެކަން ކުރުމަށް މުޣުނީ އިލްތިމާސް ކުރައްވާ ފައިވެއެވެ. އަދި ސްޓެލްކޯއަށް 2020ވަނަ އަހަރަކީ ކާމިޔާބުގެ އަހަރެއް ކަމަށް ވިދާޅުވިއެވެ.

"ކޮވިޑް-19" ގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި މާލެ ސަރަހައްދު ފުރަބަންދުވީ، ކުންފުނިން ފޯރުކޮށްދޭ ހިދުމަތް މެދު ނުކެނޑި ފޯރުކޮށް ދިނުމަށް އެތެރޭގައި 220 މުވައްޒަފުން ފުރަބަންދު ވެގެން ކަން މުޣުނީ ފާހަގަކުރެއްވިއެވެ. އާއިލާއާއި ވަކިން އޮފީހުގައި ބަންދުވެ ތިބެ، ކުރަންޖެހުނު މަސައްކަތަކީ ބުރަ އަދި އެހާމެ އުނދަގޫ މަސައްކަތެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ މިހާލަތުގައި ސްޓެލްކޯގެ  މުވައްޒަފުން ދައްކައިދިނީ ޤައުމީ ހިތްވަރާއި ކުންފުންޏަށް އިހުލާސްތެރި ވުމުގައި ނަމޫނާ މިސާލެއްކަމަށެވެ.

އަދި ފުރަބަންދުގައި ގޭގައި ތިބެގެން މަސައްކަތްކުރި މުވައްޒަފުންގެ  މަސައްކަތާއި އަތޮޅުތަކުގެ އިންޖީނުގެތަކުގެ މުވައްޒަފުންގެ މަސައްކަތްތަކަށްޓަކައި އެމުވައްޒަފުންނަށް މުޣުނީ ޝުކުރު އަދާކުރެއްވިއެވެ.

"ކޮވިޑްގެ ހާލަތުން މިންޖުވުމަށް ކުރަމުން ދިޔަ އަދި މިހާރުވެސް ކުރަމުންދާ މަސައްކަތްތަކަކީ ގައުމީ މަސައްކަތަކަށް ވާއިރު އެކަމުގައި މިކުންފުނި ޝާމިލްވެ އަމަލީ ގޮތުން މަސައްކަތް ކުރެވިފައި ވާކަން ފާހަގަ ކުރަން. އެގޮތުން ކޮވިޑުގެ އެންމެ ދަތި ދުވަސްވަރު ކުންފުނީގެ 50 އަށްވުރެ ގިނަ މުވައްޒަފުން ހިދުމަތަށް ނުކުމެ NEOC ގެ އެކި ހިދުމަތް ތަކުގައި އަމަލީ ގޮތުން ބައިވެރިވެ، މަސައްކަތް ކޮށްފައިވާ ކަން މި ފާހަގަ ކުރަނީ އެ މުވައްޒަފުންގެ ޚިދުމަތަށް ފަޚުރުވެރި ވަމުން. ކުންފުނިން މާލީ އަދި އިޖުތިމާއީ އެހީތެރިކަމުގެ ގޮތުގައި 5.8 މިލިޔަން ރުފިޔާ، ހޭދަ ކޮށްފައި ވާނެ" މުޣުނީ ވިދާޅުވި އެވެ.

މީގެ އިތުރުން އެ އުދަނގޫ ދަނޑިވަޅުގައި ކަރަންޓު މެދު ނުކެނޑި ފޯރުކޮށްދިނުމާއި، ވޮލަންޓިއަރ މަސައްކަތަށް ނުކުތުމުގައި މުވައްޒަފުން ބައިވެރިވުމާއި، މާލެއާއި އަތޮޅުތަކުގައި އިންޖީނުތައް އޯވަރ ހޯލްކޮށް މެއިންޓެއިންކޮށް ބެލެހެއްޓުމުގައި ޚާއްސަކޮށް އަހަރުގެ "ޕީކް" ދުވަސްވަރު ކަރަންޓު ކަނޑާލަން ނުޖެހި، ޚިދުމަތް ދެމުން ގެންދިޔަ ގެންދިއުން އެއީ ކުންފުނީގެ ތާރީޚުގެ ތެރެއިންވެސް ލިޔެވިގެން ދާނެ ފަޚުރުވެރި މަސައްކަތްތަކެއްކަމަށް މުޣުނީ ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގެ ބިޔަ ބޮޑެތި މަޝްރޫއުތަކުގެ ގޮތުގައި ވާ ސްޓެލްކޯގެ "ފިފްތު ޕަވަރ މަޝްރޫއު " އާއި "އިންޓަރ ކަނެކްޝަން" މަޝްރޫއު މަސައްކަތް ވެސް ނުހުއްޓި ކުރިއަށް ދިޔަކަން މުޣުނީ ވަނީ ފާހަގަ ކުރައްވާފަ އެވެ.

ތެލަށް ބަރޯސާވެ، ކަރަންޓު އުފެއްދުން އެކަނި އެއީ ކުންފުނީގެ ވިޔަފާރިއަށް ހަދައިގެން ތިބުމުގެ ބަދަލުގައި އެހެން ވިޔަފާރިތަކަކަށް އިންވެސްޓްކޮށް ފުޅާ ކުރުމާއި ސޯލާގެ ވިޔަފާރި ފުޅާ ކުރުމަށް ސްޓެލްކޯއިން ކުރި މަސައްކަތް ހުސްވި އަހަރު ނިންމާލީ ފްލޯޓިން ސޯލާގެ އަމިއްލަ ޕްރޮޖެކްޓެއް "ސްޓެލްކޯ ސޯލާ ޕޮޑް – ގުރީން ލައިފް" ގެ ނަމުގައި ނިންމާފައިކަން މުޣުނީ ފާހަގަކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.