މިއަހަރުވެގެން ދާނީ ފަތުރުވެރިކަމުގެ އިންވެސްޓްމަންޓުގެ އަހަރަށް: ޑރ. މައުސޫމް

ފޮޓޯ: މިނިސްޓްރީ އޮފް ޓުއަރިޒަމް

މިއަހަރު ވެގެންދާނީ ފަތުރުވެރިކަމުގެ އިންވެސްޓްމެންޓްގެ އަހަރުގެ ގޮތުގައި ކަމަށް ފަތުރިވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައޫސުމް ވިދާޅުވެއްޖެއެވެ. 

އާފަތިިހަށް މައުލޫމާތު ދެއްވަމުން ފަތުރުވެރިކަމާބެހޭ ވަޒީރު ވިދާޅުވީ ފަތުރުވެރިކަމުގެ ގާނޫނަށް ގެނައި 10 ވަނަ އިސްލާހާއެކު މިއަހަރު ރާއްޖޭގެ ފަތުރުވެރިކަމުގައި ގިނަ އިންވެސްޓްމަންޓުތައް ކުރިއަށް ދާނެކަމަށެވެ. ނުހެދި ހުރި ރިސޯޓުތަކާއި ފަޅުތަކުގެ މަސައްކަތް ވެސް މިއަހަރު ހިނގައިގަނެ އެތަންތަނުގެ މަސައްކަތްތައް ވެސް ކުރިއަށް ދާނެކަމަށެވެ. ފަތުރުވެރިކަން ތައްރަގީ ކުރުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ފަޅާއި ރަށްރަށުގެ އަދަދު 85 ށް އަރައެވެ. އެއީ  61 ރަށާއި 24 ފަޅެވެ. ފަޅުތަކުގެ ތެރެއިން ފަސް ފަޅެއްް މިހާރު އޮތީ ހިއްކާފައިކަން ވަޒީރު ފާހަގަ ކުރެއްވިއެވެ. ނުހިއްކައި އޮތް ފަޅުތަކުގެ ތެރެއިން ގިނަ ފަޅުތައް މިއަހަރު ތެރޭގައި ހިއްކަން ފެށޭނެކަމަށް ވަޒީރު އުއްމީދު ކުރައްވައެވެ. 

މީގެ އުތުރުން ފަތުރުވެރިކަން ތަރައްގީކުރުމަށް މިހާރު ބީލަމަށް ލާފައިވާ ރަށްތައްވެސް އެކި ފަރާތްތަކަށް ދޫކުރެވި މަސައްކަތް ފެށިގެންދާނެކަމަށް ވަޒީރު އުއްމީދު ކުރައްވައެވެ. މިހާރު ބީލަށް ހުޅުވާލައިފައިވަނީ ހއ. އަލިދުއްފަރު ފިނޮޅާއި ހދ. ވައިކަރަ މުރައިދޫ އާއި ށ. ކުޑަޅައިމެންދޫ އާއި ނ. ކުންނަމެލައި އެވެ. މިރަށް ތަކަށް ބީލަށް ހުށަހެޅުމަށް ދީފައިވާ ސުންގަނޑި ހަމަވާނީ އަންނަ މާރިޗް މަހުގެ ހަތްވަނަ ދުވަހުގެ 10:00 އަށެވެ. މިމަސައްކަތް ތަކާއެކު މިއަހަރު ފަތުވެރިކަމުގެ ގިނަ އިންވެސްޓްމަންޓްތައް ހިނގައިގަންނާނެ ކަމަށް ފަތުރު ވެރިކަމާބެހޭ ވަރީޒު ދެކެވަޑައި ގަންނަވައެވެ. 

ފަތުރުވެރިކަމުގެ ގާނޫނަށް ގެނައި 10 ވަނަ އިސްލާހާއެކު އިންޓަރގްރޭޓެޑް ފަތުރުވެރިކަން ތަރައްގީކޮށް  ފަތުރުވެރިކަމުގެ ރިއަލް އެސްޓޭޓާއި ޕްރައިވެޓް އައިލެންޑް ތަރައްގީކުރުން ފަދަ އާ ކަންތައްތަކަށް މަގުފަހިކޮށްދެއެވެ. މިނޫންވެސް ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް މުހިންމު އިސްލާހުތަކެއް ވަނީ ގެނެސްފައެވެ. ފަތުރުވެރިކަމާ ބެހޭ ގާނޫނަށް ގެނެވެނު 10 ވަނަ އިސްލާހު ރައީސުލް ޖުމްހޫރިއްޔާ ތަސްދީގު ކުރެއްވީ މިދިޔަ ޑިސެމްބަރު 27 ގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.